ވިއެޓްނާމްގެ ޑަނަންގް ސިޓީން ވައިރަސް ފެނުމުން 80،000 ފަތުރުވެރިން އަނބުރާ ފޮނުވަނީ

ވިއެޓްނާމްއިން ކޮރޯނާވައިރަހުގެ ކޮމިއުނިޓީ ކޭސްތައް ނުފެންނަތާ ގިނަ ދުވަސްތަކަކަށް ފަހު އެގައުމުގެ ޑަނަންގް ސިޓީން ވަނީ 15 މީހަކު ޕޮޒިޓިވްވެފަ -- ފޮޓޯ: ރޮއިޓާސް

ހަނޯއި (ޖުލައި 27): ވިއެޓްނާމްގެ ރިސޯޓް ސިޓީއެއް ކަމަށްވާ ޑަނަންގް އިން ކޮރޯނާވައިރަހުގެ ކޭސްތަކެއް ފެނުމާ ގުޅިގެން އެ ސިޓީގައި ތިބި 80،000 ފަތުރުވެރިން އަނބުރާ ގައުމަށް ފޮނުވަން ފަށައިފި އެވެ.

މިދިޔަ އޭޕްރިލް މަހުގެ ފަހުން ވިއެޓްނާމްއިން ކޮރޯނާވައިރަހުގެ ކޮމިއުނިޓީ ކޭހެއް ފެނިފައި ނުވަނީސް، މިދިޔަ ހޮނިހިރު ދުވަހު އެގައުމުގެ ހެލްތު މިނިސްޓްރީން ވަނީ ޑަނަންގްގެ މީހަކު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ޖެހިގެން އައި ދުވަހު ތިން މީހަކާއި މިއަދު އިތުރު 11 މީހަކު ހަމަ އެ ސިޓީން ޕޮޒިޓިވްވެފައިވާ ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ.

ވިއެޓްނާމްގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގެ ބޯޑަރުތައް އަދިވެސް އޮތީ ބޭރުގެ ފަތުރުވެރިންނަށް ބަންދުކޮށްފަ އެވެ. ނަމަވެސް މިވަގުތު އެގައުމުގައި އެތެރޭގެ އުދުހުންތަކާއި ޗުއްޓީ ޕެކޭޖުތައް އަގު ހެޔޮ ވެފައި ވުމުން، އެގައުމުގެ ރައްޔިތުން ރިސޯޓުތަކަށް ދާ މިންވަރު ވަނީ އިތުރުވެފަ އެވެ.

އެހެންކަމުން ޑަނަންގްގައި ތިބި ގިނަ ފަތުރުވެރިންނަކީވެސް ވިއެޓްނާމްގެ ރައްޔިތުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި އެ މީހުން އަނބުރާ ފޮނުވާލުމަށް ޑޮމެސްޓިކް އެއާލައިންތަކުން ދަނީ 11 ސިޓީއަކަށް ދުވާލަކު 100 ފްލައިޓު ބާއްވަމުން ކަމަށާއި އެކަމަށް ހަތަރު ދުވަސް ހޭދަ ވާނެ ކަމަށް ވިއެޓްނާމްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ.

މީގެ އިތުރުން 14 ދުވަސް ވަންދެން ޑަނަންގަށް ފަތުރުވެރިން ދިޔުން ވަނީ މަނާކޮށްފަ އެވެ.

ވިއެޓްނާމްގެ މީޑިއާތަކުގައިވާ ގޮތުން ޑަނަންގްއިން އެނބުރި ދާ މީހުންގެ ތެރެއިން 14 ދުވަހަށް ގޭގައި މަޑު ކުރަން ޖެހޭނީ ދެ ޕްރޮވިންސަކަށް ދާ މީހުން އެކަންޏެވެ. އަދި އެހެން ސަރަހައްދުތަކަށްދާ މީހުން ކަރަންޓީނު ވާން ނުޖެހޭނެ އެވެ.

ވިއެޓްނާމްއިން މީގެ ކުރިން ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ވަނީ ތައުރީފު ކޮށްފަ އެވެ. އެގައުމުން މިދިޔަ ހަފްތާ ބަންދު ތެރޭގައި ފެނުނު ކޭސްތަކުގެ ކުރިން ވައިރަހަށް ޕޮޒިޓިވްވެފައި ވަނީ 400 ވަރަކަށް މީހުންނެވެ. އަދި 97 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެގައުމުން ބަލީގައި އެއްވެސް މީހަކު މަރުވެފައި ނުވެ އެވެ.

ވިއެޓްނާމުން ވައިރަސް ފެތުރުން ހުއްޓުވުމަށް ދުރާލާ އެޅި ފިޔަވަޅުތަކުގެ ތެރޭގައި ބޯޑަރުތައް ބަންދުކޮށް ބޭރުން އަންނަ އެގައުމުގެ ރައްޔިތުން ކަރަންޓީނު ކުރުން ހިމެނެ އެވެ. އަދި އެގައުމުން ފެނުނު ވައިރަހުގެ ގިނަ ކޭސްތަކަކީ ކަރަންޓީނުކޮށްފައި ވަނިކޮށް ޓެސްޓު ކުރުމުން ޕޮޒިޓިވްވި މީހުންނެވެ.

މީގެ އިތުރުން މުޖުތަމުގައި ބަލި ފެތުރުން ހުއްޓުވުމަށް އެގައުމުން ފުޅާ ދާއިރާއެއްގައި ކޮންޓެކްޓް ޓްރޭސިން ހަދާ، ޓެސްޓުތައް ހަދާފައިވެ އެވެ.

comment ކޮމެންޓް