"ސުއިސައިޑް އޯ މާޑާ"ގެ ރޯލަކަށް މޮޑެލް ރާނާ

މޮޑެލް ރާނާ މި ފިލްމުގައި ކުޅޭނީ ބޮލީވުޑުގައި ތިބި އައުޓްސައިޑަރުން ބާކީކޮށްލާ މީހާގެ ރޯލު---

މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ ހަޔާތުން އިންސްޕަޔާވެގެން ތައްޔާރުކުރާ ފިލްމު ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް"ގެ ރޯލަކަށް މޮޑެލް ރާނާ ހަމަޖައްސައިފި އެވެ.

މި ފިލްމުގައި ސުޝާންތު ފަދައިން އައުޓްސައިޑާގެ ރޯލު ކުޅޭނީ އޭނާއާ ވައްތަރުކަމަށް ބުނާ ޓިކްޓޮކް ތަރި ސައްޗިން ތިވާރީ އެވެ. ސައްޗިން އެ ރޯލު ކުޅޭއިރު މޮޑެލް ރާނާ ކުޅޭނީ ބޮލީވުޑުގައި ވަރަށް ނުފޫޒުގަދަ ވަރުގަދަ ޑައިރެކްޓަރެއްގެ ރޯލެވެ. ބޮލީވުޑަށް ހަމައެކަނި "ސްޓާ ކިޑްސް" ތައާރަފްކުރާ ޑައިރެކްޓަރުގެ ރޯލުންނެވެ. އައުޓްސައިޑަރުން ބޮލީވުޑުން ބާކީކޮށްލާ މީހާގެ ރޯލެވެ.

މި ފިލްމު ޕްރޮޑިއުސްކުރަނީ ވިޖޭ ޝޭކަރް ގުޕްތާ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ރާކޭޝް ކުމާރެވެ. ވިޖޭ ބުނީ މި ފިލްމަކީ ނެޕޮޓިޒަމްގެ ޝިކާރައަކަށްވެފައި ތިބި ތަރިންނަށްދޭ ޓްރިބިއުޓެއް ކަމަށެވެ. އަދި މި ފިލްމަކީ ސުޝާންތުގެ ބަޔޮޕިކް އެއް ނޫންކަމަށާއި މި ފިލްމަކީ އޭނާގެ ހަޔާތުން އިންސްޕަޔާވެގެން ތައްޔާރުކުރާ ފިލްމެއް ކަމަށެވެ.

ފިލްމުގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ނިންމާފައިވާ ކަމަށާއި ފިލްމު ޝޫޓްކުރާނީ މުމްބާއިގެ އިތުރުން ޕަންޖާބުގައި ކަމަށެވެ. އަދި މި ފިލްމު މި އަހަރު ޑިސެމްބަރު މަހު ސްކްރީންތަކަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"ސުޝާންތުގެ މަރާއެކު އެންމެން ވެސް މިތިބީ ޝޮކެއްގައި. ސުޝާންތު ފަދައިން ހުރިހާ އެކްޓަރުންނެއް ބޮލީވުޑަށް އައީ އެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް. ބޮލީވުޑްގައި ގޯޑްފާދާއެއް ނެތި ކުޑައަވަށަކުން ބޮލީވުޑަށް އަންނަ ޒުވާނަކަށް ތަހައްމަލުކުރަން ޖެހޭ ކަންތައްތަކެއް މި ފިލްމުގައި ކިޔައިދޭނެ،" ގުޕްތާ ބުންޏެވެ.

އޭނާ ބުނީ މި ފިލްމުގެ ޒަރިއްޔާއިން ބޮލީވުޑްގެ ބޮޑެތި ތަރިންގެ އަސްލު ސިފަ ފެނިގެންދާނެ ކަމަށެވެ. އަދި އެމީހުން ބޭރުން އަންނަ އެކްޓަރުންނާ މެދު ކަންތައް ކުރާ ގޮތް ވެސް ވަރަށް ރަނގަޅަށް މި ފިލްމުން ދައްކުވައިދޭނެ ކަމަށެވެ.

"ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް" ޑައިރެކްޓްކުރާނީ ޝާމިކް މާލިކް އެވެ.

comment ކޮމެންޓް