ކޮވިޑް ރިލީފަށް އިންޑިއާ ބޭންކުން 16 މިލިއަން ޑޮލަރުގެ ލޯންދޫކޮށްފި

އެސްބީއައި ހުޅުމާލެ ބްރާންޗް -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ކޮވިޑް19 އާ ގުޅިގެން ދިވެހި ސަރުކާރުން ނަގާފައިވާ ފިޔަވަޅުތަކަށް ސަޕޯޓްކޮށްދިނުމުގެ ގޮތުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން، ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް 16.20 މިލިއަން ޑޮލަރު (249.80 ރުފިޔާ)ގެ ލޯނު ދޫކޮށްފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ ކޮވިޑް19 އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސޯދީ ދަތިކަމާ އެކު، ސަރުކާރުގެ ރިލީފް މެޝާސްތަކަށް ސަޕޯޓު ދިނުމުގެ ގޮތުން އެސްބީއައިގެ ރާއްޖޭގެ ބްރާންޗުތަކުން ލޯނު ނަގާފައިވާ 200 ރީޓެއިލް އެކައުންޓެއްގެ ލޯނު ދެއްކުން ވެސް ފަސްކޮށްދީފައިވާ ކަމަށެވެ.

އެސްބީއައި އަކީ އިންޑިއާގެ އެންމެ ބޮޑު ކޮމާޝަލް ބޭންކެވެ. އިންޑިއާ ސަރުކާރު ހިއްސާވާ އެސްބީއައި އިން މާލެ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީގައި ވެސް ބްރަންޗު ހިންގަ އެވެ.

ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އިސްނަގައިގެން ވިޔަފާރިތަކަށާއި އާންމުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ބީއެމްއެލް އާއި އެމްއައިބީގެ އިތުރުން އެސްޑީއެފްސީ އަދި ރާއްޖޭގައި ހިންގާ އިތުރު ޕްރައިވެޓް ބެންކުތަކުން ވަނީ އެތަންތަނުން ނަގާފައިވާ ލޯނުތައް ފަސްކޮށްދީ، ވިޔަފާރިތަކަށް އެހީވުމަށް ލޯނު ދޫކުރަން ފަށައިފަ އެވެ.

ކޮވިޑް19 އާ ގުޅިގެން އިންޑިއާ އިން ވަނީ އެކި ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް