ކަރަންޓު ބިލް ބޮޑުވީ މިހެންވެ! ބިލު ކުޑަކުރެވޭނީ އާންމުންނަށް!

ކަރަންޓު ބިލާއި ފެން ބިލުތަކެއް --- ސަން ފޮޓޯ

ކޮވިޑަށް ފަހު އާންމުންގެ މެދުގައި މިފަހުން އެންމެ ގަދައަށް ދެކެވުނު ވާހަކައަކީ ސްޓެލްކޯގެ ކަރަންޓު ބިލުތަކުގެ ވާހަކަ އެވެ. "ވީނުވީ"އެއް ނޭނގި ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވި ކަމަށް ބުނާ ވާހަކަ އެވެ. ބައެއް މީހުން ބޮޑުވި ބިލުތަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށް، ބިލުތަކާ ބެހޭގޮތުން ސުވާލު އުފެއްދި އެވެ. އާންމުންގެ ކަންބޮޑުވުންތައް ގިނަކަމާއި މާލީ ހާލަތު ހުރި ގޮތުން ސްޓެލްކޯއަށް އެންމެ ފަހުން މަޖުބޫރުވީ ޖޫން މަހުގެ ބިލަށް ޑިސްކައުންޓެއް ދިނުމަށެވެ.

ކޮވިޑާ ގުޅިގެން އާންމުންނަށް މާލީ ގޮތުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުމުން ސަރުކާރުން ވަނީ އޭޕްރީލް އަދި މެއި މަހުގެ ކަރަންޓު ބިލަށް ހާއްސަ ސަބްސިޑީއެއް ދީފަ އެވެ. މައްސަލަ ބޮޑުވީ ސަބްސިޑީ ނުދީ ފޮނުވި ޖޫން މަހުގެ ބިލު ބޮޑުވުމުންނެވެ. މިކަމުގައި އާންމުންގެ ކަންބޮޑުވުންތައް ގިނަކަމާއެކު ވެސް ބިލު ބޮޑުވި ސަބަބުތަކަށް ވެސް ބަލައިލުން މުހިންމެވެ.

ފުރަތަމަ ކަމަކަށް ކޮންމެ އަހަރެއްގެ ވެސް މާޗު މަހުން ފެށިގެން ތިން ހަތަރު މަހަކީ ރާއްޖެއަށް ހޫނުވާ ދުވަސްވަރެކެވެ. އެއާއެކު ފިނިކުރަން އޭސީ އަދި ފަންކާ ފަދަ ތަކެތި ބޭނުންކުރާ މިންވަރު ވެސް އިތުރުވެ އެވެ. މިކަމާ ދެކޮޅު ހަދާ ފަރާތްތަކުން އަޅާކިޔަން ޖެހޭ ކަމަކީ ވައިގެ ޓެމްޕަރޭޗަރާއި އޭސީގެ ޓެމްޕަރޭޗަރެވެ. މިސާލަކަށް ބޭރުގެ ނުވަތަ ވައިގެ ޓެމްޕަރޭޗަރު 32 ޑިގްރީ ސެލްސިއަސްގައި ހުންނައިރު، އޭސީގެ ޓެމްޕަރޭޗަރު 16އަށް ދަށްކޮށްލުމަކީ އޭސީއިން ފިނިކޮށްދޭން ކުރަން ޖެހޭ މަސައްކަތް އިތުރުވެ، އޭސީއަށް ލޯޑު ބޮޑުވާ ކަމެކެވެ. އެއާއެކު އޭސީއިން ފިނިކޮށްދޭން ކަރަންޓު ބޭނުންކުރާ މިންވަރު ވެސް އިތުރުވާނެ އެވެ.

ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުންއަކަށް ދިޔައީ މި ދެންނެވި ހޫނުވާ ދުވަސްވަރުގެ ތެރެއިން އޭޕްރީލް 15 ގަ އެވެ. ކުރިން މި ދެންނެވި ހުރިހާ ކަމަކާއެކު ތާއަބަދު ގޭގައި ބަންދުވެފައި ތިބުމުން ކަރަންޓު ބޭނުންކުރާ މިންވަރު ވެސް ދިޔައީ އިތުރުވެގެންނެވެ. ފަންކާތައް ހުރީ އަބަދުހެން ޖައްސާފަ އެވެ. ޓީވީތައް ހުރީ ހަބަރު ބަލަން ހުޅުވާފަ އެވެ. ވަމުންދިޔަ ހޫނަށް ކެތް ނުވެގެން އޭސީތައް ވެސް ހުރީ 16ގަ އެވެ.

ބޭނުން ނުކުރާއިރު އެއާކޮންޑިޝަން ނިއްވާލުން ނުވަތަ އޭގެ ބޭނުންކުރާ ވަގުތުތައް ލިމިޓުކުރުމަކީ ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަމެއް -- ސަން ފޮޓޯ

މިކަން ކަށަވަރުކޮށްލެވޭނެ އެންމެ ފަސޭހަ ގޮތަކީ އަމިއްލައަށް ކަރަންޓު ބިލުން ޔޫސޭޖް ބަލައިލުމެވެ. އާންމުކޮށް ބަލައިލެވެނީ ހަމައެކަނި ބިލަށް ދައްކަން ޖެހޭ ފައިސާގެ މިންވަރަށެވެ. ނަމަވެސް ޔޫސޭޖަށް ބަލައިލުން ވެސް މުހިންމެވެ. ސްޓެލްކޯގެ އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކަށް ޔޫސޭޖް ބަލައިލަން އަދި މާ ފަސޭހަ ވާނެ އެވެ. ސަބަބަކީ ބޭނުން ކޮންމެ އިރަކު ނުވަތަ ވަގުތެއްގައި ޔޫސޭޖް ވަގުތުން އެޕުން ބަލައިލެވޭނެތީ އެވެ. ދުވަހުގެ އެކި ވަގުތުގައި ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި ނުވަތަ އަހަރުގެ އެކި ދުވަސްވަރު ކަރަންޓު ބޭނުންކުރެވޭ މިންވަރު އެޕުން ބަލައި އިގްތިސާދު ވެސް ކުރެވޭނެ އެވެ.

މީގެ އިތުރުން ރޯދަމަސް ވެސް ނިމިގެންދިޔައީ ލޮކްޑައުންގައި ތިއްބަ އެވެ. ސްޓެލްކޯއިން ބުނީ ޖޫން މަހުގެ ބިލުގައި ރޯދަމަހުގެ 16 ދުވަސް ހިމެނޭނެ ކަމަށެވެ. ކޮންމެ އަހަރަކު ވެސް ރޯދަމަހަކީ އަހަރުގެ އެހެން މަސްތަކާ އަޅާބަލާއިރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާ މަހެކެވެ.

ހޫނުވުމާއި ލޮކްޑައުންގައި ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވުމާއެކު ޖޫން މަހުގެ ބިލު ބޮޑުވި އަނެއް ސަބަބަކީ ސްޓެލްކޯއިން ބިލުތަކަށް ގެނައި އެޖަސްޓްމަންޓުތަކެވެ. ލޮކްޑައުންއާ ގުޅިގެން މުވައްޒަފުންނާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި އޭޕްރީލް އަދި މެއި މަހުގެ ރީޑިން ނަގަން ގޭބިސީތަކަށް ނުދާނެ ކަމަށް ސްޓެލްކޯއިން އާންމުކޮށް އިއުލާންކުރި އެވެ. އަދި ކަސްޓަމަރުން އަމިއްލައަށް މީޓަރުގެ ފޮޓޯއެއް ސާފުކޮށް ފެންނަ ގޮތަށް، ސްޓެލްކޯއަށް ފޮނުވައިދިނުމަށް އެދުނެވެ.

ޖޫން މަހުގެ ފޮނުވި ކަރަންޓު ބިލު ބޮޑުވި ސަބަބު ތަފްސީލުކޮށްދިނުމަށް ސްޓެލްކޯގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، މިގޮތަށް އެދުނުއިރު (އޭޕްރީލް މަހު) މާލޭ ސަރަހައްދުގެ ކަސްޓަމަރުންގެ ތެރެއިން 80 ޕަސެންޓު ކަސްޓަމަރުންގެ ރީޑިންތައް ހުރީ ނަގާފަ އެވެ. އަދި ރީޑިން ނުނެގި ބާކީ ހުރި ގޭބިސީތަކަށް ފޮނުވި ބިލަކީ ޖެނުއަރީ، ފެބްރުއަރީ އަދި މާޗު މަހުގެ ބިލުތަކަށް އެރި ފައިސާގެ އެވުރެޖް ހެދުމަށް ފަހު ފޮނުވި ބިލެއް ކަމަށެވެ. ޖެހިގެން އައި މެއި މަހު އެއްވެސް މީޓަރެއްގެ ރީޑިންއެއް ސްޓެލްކޯއިން ނުނަގަ އެވެ. ސްޓެލްކޯއިން ބުނީ މީޓަރުގެ ފޮޓޯ ފޮނުވައިދޭން އެދުމުން ފޮޓޯ ލިބުނީ 20 ޕަސެންޓު ކަސްޓަމަރުންގެ ފަރާތުން ކަމަށެވެ. އަދި ފޮޓޯ ނުފޮނުވާ ފަރާތްތަކަށް އަނެއްކާ ވެސް ފޮނުވަން ޖެހުނީ އެވަރޭޖް ބިލެކެވެ.

އޭގެ ފަހުން ލޮކްޑައުންއަށް ލުއިތަކެއް ދިނުމާއެކު ޖޫން މަހު ރީޑިން ނަގަން ގޭބިސީތަކަށް ދާނެ ކަމަށް ސްޓެލްކޯއިން އެންގި އެވެ. އަދި އެވްރެޖް ބިލު ފޮނުވި ގޭބިސީތަކުގެ ރީޑިން އަލުން ނަގައި ކަށަވަރު ކުރުމަށްފަހު އަލުން އެޖަސްޓް ކުރާނެ ކަމަށް ވެސް ބުންޏެވެ. ސްޓެލްކޯއިން ގޮސް މީޓަރުތައް ބަލައިލިއިރު އެވްރެޖް ހެދުމަށްފަހު ފޮނުވި ބިލުތަކާއި އަސްލު ރީޑިންގައި ކަރަންޓު ބޭނުންކުރި މިންވަރުގައި ވަރަށް ބޮޑު ތަފާތެއް ހުއްޓެވެ. ބައެއް ތަންތަނުގައި ކަރަންޓު ބޭނުންކުރި މިންވަރުގެ ތަފާތު 4000 އިން ވެސް ހުއްޓެވެ.

އޭޕްރީލް އަދި މެއި މަހު އެވަރެޖް ބިލު ފޮނުވުމުގައި އެވަރޭޖް ހެދީ ހޫނު ދުވަސްވަރާއި ރޯދަ މަހާއި ލޮކްޑައުންއަކަށް ވެސް ދިއުމުގެ ކުރިން އަދި ސަބްސިޑީ ވެސް ދިނުމުގެ ކުރިން އައި ތިން މަހުގެ ބިލުތަކުން ކަން ސްޓެލްކޯއިން ފާހަގަކުރެ އެވެ. މި ދެންނެވި ހުރިހާ ކަމަކާއެކު ސްޓެލްކޯއިން ޖޫން މަހުގެ ބިލު ތައްޔާރުކުރަން ރީޑިން ނަގަން ދިއުމަށްފަހު އޭޕްރީލް އަދި މެއި މަހުގެ އެކްޗުއަލް ރީޑިން ނެގުމަށްފަހު، އެވަރޭޖް ބިލުން މަދުވި ބައި، ޖޫން މަހުގެ ބިލުގައި ވަނީ ހިމަނާފަ އެވެ. މިއީ ވެސް ޖޫން މަހުގެ ބިލުން އެހާބޮޑު ތަފާތެއް ފެނުނު އެއް ސަބަބެވެ.

އެހެން ނަމަވެސް މިއީ އެކުންފުނިން ނަގަން ނުޖެހޭ ފައިސާއެއް ޗާޖު ކުރުން ނޫން ކަމަށާއި، މިއީ އަސްލު ކަރަންޓު ބޭނުންކުރި މިންވަރަށް ޗާޖުކުރި ފައިސާ ކަމަށް އެކުންފުނިން ބުނެ އެވެ.

ސްޓެލްކޯއިން "ސަން"އަށް ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު، މާލެ ސަރަހައްދުގައި އުޅޭ އެކުންފުނީގެ 40،000 ވަރަކަށް ކަސްޓަމަރުންގެ ތެރެއިން ބޮޑު ތަފާތެއް އައިސްފައި ހުރީ ގާތްގަނޑަކަށް 700 ކަސްޓަމަރުންގެ ޔޫސޭޖަށެވެ. ބިލުތަކަށް އިތުރުވި މިންވަރަށް ބަލާއިރު، މާލެ ހުޅުމާލެ އަދި ވިލިމާލެއިން ވެސް ގިނަ ކަސްޓަމަރުންގެ (މާލެއިން 25809، ހުޅުމާލެއިން 6303، ވިލިމާލެއިން 1329) ބިލަށް އިތުރުވެފައިވަނީ 0-500 ރުފިޔާއާ ދެމެދުގެ އަދަދެކެވެ.

ސްޓެލްކޯއިން ބުނީ އާންމުކޮށް ބިލަށް އަރާ މިންވަރަށްވުރެ 50 ޕަސެންޓު ދަށް ނުވަތަ އިތުރުވެއްޖެ ނަމަ، އިތުރަށް ރީޑިން ޗެކްކޮށް ކަށަވަރުކުރުމަކީ އެކުންފުނިން މީގެ ކުރިން ވެސް އަމަލުކުރަމުންދިޔަ ގޮތެއް ކަމަށާއި މިފަހަރު ވެސް ބިލު ބޮޑުވި ހުރިހާ ތަނެއް އިތުރަށް ޗެކު ކުރި ކަމަށެވެ. އެ ދުވަސްވަރު ރީޑިންގައި އިތުރު މައްސަލައެއް ހުރިތޯ ބަލަން ސްޓެލްކޯއިން ވަނީ އެކަމަށް ހާއްސަ ކޮމެޓީއެއް ވެސް އެކުލަވައިލާފަ އެވެ. އެ ކޮމެޓީން ބިލުގައި މައްސަލަ ޖެހުނު ފަރާތްތަކާ ބައްދަލުކޮށް، ކަރަންޓު ހަރަދު ހިނގި ގޮތް އޮޅުންވެސް ފިލުވައިދިނެވެ. އަދި މައްސަލައެއް އޮތް ފަރާތެއް ނުވަތަ ބިލަށް އެރި މިންވަރު ކަށަވަރު ކުރަން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެ ފުރުސަތު އޮތީ ހުޅުވާލާފަ އެވެ.

ޖޫން މަހުގެ ބިލު އައިއިރު ކޮވިޑާ ގުޅިގެން ސަރުކާރުން ދެމުން އައި 40 ޕަސެންޓުގެ ސަބްސިޑީ ވެސް ނުހިމެނެ އެވެ. އެ ސަބްސިޑީ ދީފައިވަނީ އޭޕްރީލް އަދި މެއި މަހު އެވެ. ކޮވިޑާ ގުޅިގެން ކުރިމަތިވި މާލީ އަނދަވަޅުން އަދިވެސް އަރައިނުގަނެވިގެން އުޅޭއިރު، ބައެއް ފަރާތްތަކުން ބޭނުން ވަނީ މިއަހަރު ނިމުމާ ހަމައަށް ވެސް ބިލުތަކަށް ސަރުކާރުން ސަބްސިޑީ ދިނުމަށެވެ.

ޖޫން މަހުގެ ބިލާ މެދު އާންމުން ހިތްހަމަ ނުޖެހުން ބޮޑުވުން ސަރުކާރުން ދެމުންދިޔަ ސަބްސިޑީ ޖޫން މަހުގެ ބިލަށް ވެސް އިތުރުކޮށްދިނެވެ.

ނަމަވެސް ދެން އަންނަން އޮތް ޖުލައި މަހުގެ ބިލަށް މިފަދަ ސަބްސިޑީއެއް ދޭނެކަމުގެ އިޝާރާތެއް ސަރުކާރުން އަދި މިހާތަނަށް ދީފައިނުވެ އެވެ. އެހާ ދިގު މުއްދަތަކަށް، އަދި މިފަދަ ދުވަސްވަރެއްގައި ސަބްސިޑީ ދިނުމަކީ ސަރުކާރަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ އެވެ.

ސްޓެލްކޯއިން ބުނީ ޖޫން މަހު ކަރަންޓު ބޭނުންކުރި މިންވަރާ އަޅާބަލާއިރު މި ހިނގާ މުއްދަތުގައި 75 ޕަސެންޓު ކަސްޓަމަރުން ކަރަންޓު ބޭނުންކުރި މިންވަރު ދަށް ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އެހެން ނަމަވެސް ޖޫން ފަހުކޮޅާއި ޖުލައިގެ ކުރީކޮޅު އަދި މިފަހުން ގޮސް މީޓަރުތައް ބެލިއިރު ވެސް އަހަރުގެ ފުރަތަމަ ތިން މަހުގެ އެވަރޭޖާ އަޅާބަލާއިރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ކަމަށް ސްޓެލްކޯއިން ބުނެ އެވެ. ހަމައެއާއެކު ސަރުކާރުގެ ސަބްސިޑީ ނުހިމެނޭތީ، ޖުލައި މަހުގެ ބިލު ހީކުރާ ވަރަށް ވުރެ ބޮޑުވާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ބިލު ބޮޑުވި ސަބަބުތަކެއް ތެރެއިން މާލެ ސަރަހައްދުގެ ބިލުތައް ބޮޑުވުމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް ބުރަވެވެނީ ލޮކްޑައުން ކުރުމާ ގުޅިގެންނެވެ. ސަބަބަކީ މާލެ ސަރަހައްދު ފިޔަވައި ސްޓެލްކޯއިން ހިދުމަތްދޭ އެހެން ސަރަހައްދުތަކުގެ (ގއ، ވ، އދ އަތޮޅު) ބިލުތަކަށް މިފަދަ ބޮޑު އިތުރުވުމެއް އައިސްފައިނުވާތީ ކަމަށް އެކުންފުނިން ބުނެ އެވެ. އެ ސަރަހައްދުތަކަށް ލޮކްޑައުން ނުކުރާތީ، އެކްޗުއަލް ރީޑިން ނެގުމުން ބިލުތަކަށް މާބޮޑު ބަދަލެއް ނާންނަ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

ސްޓެލްކޯއިން ފާހަގަކުރާ ގޮތުގައި ކަރަންޓު ބިލު ކުޑަކުމުގެ ހުރިހާ ބާރެއް ވެސް އޮތީ އާންމުން އަތުގަ އެވެ. މީޓަރު ހުންނަނީ ކަސްޓަމަރުންގެ އަމިއްލަ ގޭގަ އެެވެ. ކަރަންޓު ބޭނުން ނުކުރާއިރު މީޓަރު ހިނގާތޯ ނުވަތަ ނޫންތޯ ޑީބޯޑުން ސުވިޗު ވައްޓާލައިގެން ވެސް ބެލިދާނެ އެވެ. ކުރިން ދެންނެވި ފަދައިން އެޕްލިކޭޝަނުން ވެސް ކަރަންޓު ބޭނުންކުރާ މިންވަރު ވަގުތުން ބަލައިލެވޭނެ އެވެ.

މީގެ އިތުރުން ކަރަންޓް ބޭނުންކުރާ ސާމާނު ގަތުމުގެ ވެސް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމެވެ. ކުޑަ ކޮޓަރިއަކަށް ބީޓީޔޫ މަތި އޭސީ ގަތުމަކީ އަތުންދާ ބޭކާރު ހަރަދެކެވެ. ހަމައެއާއެކު އަގުހެޔޮ އެއްޗެއް ގަތުމަށްޓަަކައި ގޮތް ނޭނގޭ ބްރޭންޑުތައް ހަރަދުކުރުމަކީ، ކަރަންޓު ބިލުން އޭގެ ތަފާތު ފެނި، އާހިރުގައި އަތުންދާ ހަރަދު ބޮޑުވާ ކަމެކެވެ. ބޭނުން ނުކުރާ ވަގުތުގައި ފަންކާ، އޭސީ، ޓީވީ، ބޮކި އަދި އެހެން ތަކެތި ވެސް ނިއްވާލާފައި ބެހެއްޓުމަކީ ހައްތާވެސް ބިލު ކުޑަކުރެވޭނެ ކަންކަމެވެ.

ބޭނުން ނުކުރާއިރު ބޮކިތައް ނިއްވާލުމަކީ ކަރަންޓު ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ ކަމެއް -- ސަން ފޮޓޯ

ސަމާލުކަން ދޭންވީ ކަރަންޓު ބޭނުންކުރުމުގައި އަމަލު ބެހެއްޓޭ ގޮތްތަކާ މެދުގަ އެވެ. ބިލު ބޮޑުވެގެން ޝަކުވާކުރާއިރު، ކަރަންޓު ބޭނުން ކުރެވުނީ ކިހާ މިންވަރަކަށްތޯ ވެސް ބަލައިލުން މުހިންމެވެ.

comment ކޮމެންޓް