86 އަހަރަށްފަހު އަޔާސޯފިޔާގައި ނަމާދުކުރަން ފެެށުމާއި އެތަން އިސްލާމީ ޚަޟާރަތާ ގުޅިފައިވާ ގުޅުން

ސުލްތާން މުހައްމަދުލްފާތިޙް

ތުރުކީގެ އިސްތަންބޫލްގައި ހުންނަ އަޔާ ސޯފިޔާ މިސްކިތުގައި 86 އަހަރަށްފަހު މިއަދު ހުކުރު ނަމާދުކުރާނެއެވެ. އެއީ 86 އަހަރަށްފަހު ނަމާދުކުރަން އަލުން ފެށުމުގެ ގޮތުންނެވެ.

މިއީ އާދަޔާ ޚިލާފު ތާރީޚީ ކަމެކެވެ. ތާރީޚީ ކަމަށް ވެގެންދިޔައީ 86 އަހަރަށްފަހު އަލުން އެމިސްކިތުގައި ނަމާދުކުރަން ފެށުމަކުން އެކަންޏެއްނޫނެވެ. ތާރީޚީ ކަމަކަށްވަނީ އެއީ މުސްލިމުންގެ އެންމެ ފަހުގެ ޚިލާފަތްކަމަށްވާ އުޘްމާނީ ޚިލާފަތާ އަދި މުސްލިމުންގެ ޙަޟާރަތާއި އިޖްތިމާއީ އަގުތަކާއި އަޚްލާގީ މިންގަނޑުތަކާ ގުޅިފައިވާ މިސްކިތަކަށް ވާތީއެވެ.

ޢުޘްމާނީ ދައުލަތުގެ މަޝްހޫރު ޚަލީފާ ސުލްތާން މުހައްމަދުލްފާތިޙް 1453 ވަނައަހަރުގެ މޭމަހު، ބީޒެންޓައިން އެމްޕަޔާ ގެ ވެރިރަށް ކޮންސްޓެންޓިނޯވްލް (މިހާރުގެ އިސްތަންބޫލް) ފަތަހަ ކުރެއްވުމާއެކު އަޔާ ސޯފޮޔާ ގެ ބިމާއި އެއިމާރާތް އަގުދެއްވާފައި ބައްލަވައިގަތެވެ. އެއަށްފަހު އެތަން މިސްކިތެއްގެ ގޮތުގައި ހަމަޖައްސަވައި ވަގުފުތަނަކަށް ހެއްދެވިއެވެ. އަޔާ ސޯފިޔާއަކީ ކުރީގެ ތާރީޚީ ފައްޅިއަކެވެ.

ސުލްތާން މުހައްމަދުލްފާތިޙް އަމިއްލަ ފައިސާއިން ބައްލަވައިގެން މިސްކިތަކަށް ބަދަލު ކުރައްވައި އިސްލާމީ ވަގްފަކަށް ހެއްދެވުމަށްފަހު އުޘްމާނީ ދައުލަތުގެ ޚިލާފަތުގެ ދުވަސްވަރު އެބިނާ އިސްލާމީ އިމާރާތުގެ ފަންނުވެރިކަމާއި ޑިޒައިންތަކުން އުޖާލާ ކޮށްލިއެވެ. އޮރތޮޑޮކްސް ނަޞާރާއިންގެ ފައްޅިއެއްގެ ގޮތުގައި މީލާދީގޮތުން 325 ވަނަ އަހަރު ކޮންސްޓަންޓިން ދަ ގްރޭޓް އެތަން ބިނާކުރިނަމަވެސް ޢުޘްމާނީ ޚިލާފަތުގައި އެ ފައްޅީގެ ގާތްގަނޑަކަށް 80 އިންސައްތަ ވަނީ އިސްލާމީ ގޮތަށް ބަދަލުކޮށްފައެވެ.

އަޔާ ސޯފިޔާއާ ގުޅިފައިވާ އެންމެފުރަތަމަ ހަގީގަތަކީ އުޘްމާނީންގެ ދުވަސްވަރުގައި ކަމަށްވިޔަސް އަދި ސަޙާބީންގެ ދުވަސްވަރުގައާއި އަމަވީންނާއި އައްބާސީންގެ ދުވަސްވަރުގައި ކަމަށްވިޔަސް މުސްލިމުން ތަންތަން ފަތަހަ ކޮށްފައިވަނީ ހުޅަނގުގެ އިސްތިއްމާރީ ބާރުތަކުން ތަންތަނަށް ވެރިވެގަނެ އަނިޔާވެރިކޮށް އެތަންތަން އިސްތިއްމާރު ކުރިގޮތަށް ނޫންކަމެވެ.

ފުރިހަމަ ބާރުގައި މުހައްމަދުލްފާތިޙް ކޮންސްޓެންޓިނޯވްލް (އިސްތަންބޫލް) ފަހަތަ ކުރެއްވުމަށްފަހު އެދުވަސްވަރު އެރަށުގައިތިބި ނަސާރާއިންނަށް ދައްކަވާފައިވަނީ ބޮޑާކަމާއި ކިބުރުވެރިކަމާއި ބާރުވެރިކަމެއް ނޫނެވެ. ނަސާރާއިންނާއި އެނޫން ދީންތަނުގެ މީހުންނާ މުޚާބަތު ކުރައްވައި މުހައްމަދުލްފާތިޙް ވިދާޅުވީ މާތްވެގެންވާ މައްކާ ފަހަތަ ކުރެއްވުމަށްފަހު މައްކާގެ މުޝްރިކުންނާ މުޚާތަބު ކުރައްވައި ކީރިތި ރަސޫލާ (ސޢވ) ވިދާޅުވިފަދަ އޯގާތެރި ބަސްފުޅުތަކެކެވެ.

މުހައްމަދުލްފާތިޙް ވިދާޅުވީ ކަލޭމެންނަކީ މިނިވަނުންކަމާއި ބިރެއްނެތްކަމާއި އަމާންކަން ލިބިގެންވާ ބައެއް ކަމުގައެވެ. މުޚާތަބު ކުރެއްވީ އޯގާތެރި ބަސްތަކުންނެވެ. ދެއްކެވީ މަޢާފް ކުރެއްވުމާއި އެމީހުންނަށް މިނިވަންކަން އޮތްކަމެވެ. މި އޯގާތެރި ބަސްތަކާއި އަމަލުތަކުގެ ނަތީޖާއަކަށްވީ އުޘްމާނީ ޚިލާފަތުގެ ދަށަށްދިޔަ ނަސާރާއިންނާއި އެނޫން ދީންތަކުގެ މީހުން މުސްލިމުން ދެކެ ލޯބިވުމެވެ. ބީޒެންޓައިން އެމްޕަޔާ ގެ ވެރިކަމުގައި އެމީހުން އުޅެންޖެހުނީ އަނިޔާވެރިކަމާއި ބިރުވެރިކަމުގައި ކަމުން އިސްތަންބޫލް ފަތަހަވުން އެމީހުން ދުށީ އެއީ އެމީހުން އަޅުވެތިކަމުން ސަލާމަތްކޮށްދިން ކަމެއްގެ ގޮތުގައެވެ. އަދި އުޘްމާނީ ދައުލަތަކީ ޚުދު އެމީހުންގެ ވެސް ދައުލަތެއްގެ ގޮތުގައެވެ.

މިއާއެކު ނަސާރާއިންގެ އެތަށް ބަޔަކު އިސްލާމް ދީނަށް ވަނެވެ. އަދި ނުވަންނަ މީހުންވެސް އުޘްމާނީ ދައުލަތުގެ އިޖްތިމާއީ ނިޒާމުގެ ދަށުގައި އެއީ އެމީހުންގެވެސް ޚިލާފަތެއް ކަމުގައި ދެކިގެން ސުލްހަވެރިކަމާއެކު އުފަލުގައި ދިރިއުޅެންފެށިއެވެ. އެހެންކަމުން އަޔާ ސޯފިޔާ ތާރީޚު ގުޅިފައިވަނީ މުސްލިމުންގެ ޓޮލަރެންސާއި ރިވެތި އަޚްލާގާއެވެ. އޯގާތެރިކަމާއި ކުލުނާއި ހަމަހަމަ ކަމާއެވެ.

އަޔާ ސޯފިޔާ މިސްކިތް

އުޘްމާނީ ޚަލީފާއިންގެ ދުވަސްވަރު މުސްލިމުންނެކޭ އެއްގޮތަށް ނަސާރާއިންނާއި އެހެން ދީންތަކުގެ މީހުންނަށް ހަމަހަމަކަމާއެކު ޚިދްމަތްތައް ފޯރުކޮށް ދިނެވެ. ހިލޭ ގެދޮރު ބިނާކޮށްދިނެވެ. ނަސާރާއިންނާއި ޔަހޫދީންނާއި އެނޫން ދީންތަކުގެ މީހުންނަށްވެސް ފައްޅިތަކާއި އަޅުކަންކުރާނެތަންތަން ބިނާކޮށް ހުޅުވުމުގެ ފުރުސަތު ދިނެވެ. އެބައަކު ބޭނުންވާ ތައުލީމެއް އެބަޔަކަށް ލިބުމުގެ ފުރުސަތު ތަނަވަސްކޮށް ދިނެވެ. އެހެންކަމުން އިލްމާއި ވިޔަފާރިއާއި ފަންނުވެރިކަމާއި މަސައްކަތްތެރިކަމާއި މަދަނިއްޔަތު ކުރިއަރައިގެން ދިޔައެވެ.

ނަތީޖާއެއްގެ ގޮތުން އެންމެ ގަރުނެއްގެ ތެރޭގައި ކޮންސްޓެންޓިނޯވްލް (މިހާރުގެ އިސްތަންބޫލް) ގެ އާބާދީ 50 ހާހުން 300 ހާހަށް ބަދަލުވެގެންދިޔައެވެ. ކުޑަކުޑަ ރަށަކުން ބޮޑު ސިޓީއަކަށް ބަދަލުވެގެންދިޔައެވެ. 6 ގަރުނަށް ދިގުދެމިގެންދިޔަ އުޘްމާނީ އިސްލާމީ ޚިލާފަތުގައި އެކި ދީންތަކާއި އެކި ގައުމިއްޔަތުތަކާއި ނަސްލުތަކާއި އިއުތިގާދުތަކުގެ 80 ވަރަކަށް ބާވަތަށް ނިސްބަތްވާ މީހުން (މުސްލިމުންނާއި ޣައިރު މުސްލިމުން) ހަމަހަމަކަމާއެކު ދީނެއް ވަކިނަސްލެއް ތަފާތުނުކޮށް އުފާފާގަތިކަމާއެކު ދިރިއުޅެމުން ދިޔައެވެ. އެތަށް ގަރުނަކަށް އުޘްމާނީ ޚިލާފަތު ދިގުދެމިގެންދިޔަ މައިގަނޑު ސަބަބަކީވެސް އެއީއެވެ.

އަޔާ ސޯފިޔާ ގެ އިމާރާތް ފައްޅިއަކުން މިސްކިތަކަށް އަދި އެއަށްފަހު އަނެއްކާ ދާރުލްއަސާރަކުން މިސްކިތަކަށް ބަދަލުވެގެންދިޔަ ދިޔުމުގެ ތާރީޚީ ދަތުރާ ގުޅިގެން ފާހަގަކޮށްލަން ބޭނުންވި އެއް ހަގީގަތަކީ މިއެވެ. އަނެއް ހަގީގަތަކީ ބީޒެންޓައިން ގެ ދުވަސްވަރު މީލާދީގޮތުން 325 ވަނަ އަހަރުގައި ކޮންސްޓަންޓިން ދަ ގްރޭޓް ބިނާކުރެއްވި އޮރތޮޑޮކްސް ނަޞާރާ ފައްޅީގެ 20 އިންސައްތަވެސް އަޔާ ސޯފިޔާގައި މިހާރުނެތްކަމެވެ. މިހާރުގެ އަޔާ ސޯފިޔާއަކީ އިސްލާމީ އިމާރާތުގެ ފަންނުވެރިކަން ދައްކައިދޭ އަދި އިސްލާމީ ވަގުފު ބިނާއެކެވެ.

މުހައްމަދުލްފާތިޙް ކޮންސްޓެންޓިނޯވްލް ފަހަތަކުރައްވައި އެރަށަށް އަރާވަޑައިގަތުމަށްފަހު ނަމާދު ކުރައްވާނެ ތަނެއް ނެތްތޯ އޭރުގެ ބީޒެންޓައިން މަސްއޫލުވެރިންގެ ގާތު އެއްސެވުމުން އެމީހުން ދެންނެވީ އަޔާ ސޯފިޔާ ގައި ނަމާދުކުރެއްވުމަށާ އެތަން މުހައްމަދުލްފާތިޙް އަށް ހިބައިން ދެއްވާފައިވާ ކަމެވެ. ނަމަވެސް އެކަންގަބޫލުނުކުރައްވައި މުހައްމަދުލްފާތިހް އެމީހުން ބުނިއަގެއް އަމިއްލަފުޅު ފައިސާއިން ދައްކަވައި އެބިމާއި ބިނާ ބައްލަވައިގަތީއެވެ. ބައްލަވައި ގަތުމަށްފަހު އެތަން މިސްކިތަކަށް ބަދަލުކުރައްވައި އިސްލާމީ ވަގުފަކަށް ހެއްދެވީއެވެ.

އެ މިސްކިތް ދާރުލްއާސާރަކަށް ބަދަލުކުރަން 1934 ވަނަ އަހަރު ނިންމީ ތުރުކީގެ ޖުމްހޫރިއްޔާގެ ބާނީ އަދި އޭރުގެ ތުުރުކީގެ ލާދީނީ ރައީސް މުސްތަފާ ކަމާލް އަތާތުރުކުގެ ވެރިކަމުގައި އޭނާގެ ކެބިނެޓުންނެވެ. އުޘްމާނީ ޚިލާފަތު ނިމުމަކަށް އައީ ފުރަތަމަ ބޮޑު ހަނގުރާމައިގާ އެ ޚިލާފަތް އަސްކަރީ ގޮތުން ބަލިވުމާއެކު އުޘްމާނީންގެ ބިންތަކަށް ފުރަތަމަ ބޮޑު ހަނގުރާމައިގާ ކާމިޔާބު ހޯދި ޔޫރަޕްގެ އަނިޔާވެރި އިސްތިއްމާރީ ދެބާރު ކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ވެރިވެ ގަތުމާއެކު މުސްތަފާ ކަމާލު އަތަތުރްކު (ކަމާލް ޕާޝާ) 1923 ގައި ތުރުކީގައި ޖުހްމޫރިއްޔަތެއް އިއުލާނު ކުރެއްވުމުންނެވެ.

އެއަށްފަހުވެސް އަޔާ ސޯފިޔާ މިސްކިތެއްގެ ގޮތުގައި ދެމިއޮތެވެ. އެ މިސްކިތް ދާރުލްއާސާރަކަށް ބަދަލުކުރީ މުސްތަފާ ކަމާލް އަތާތުރުކުގެ ވެރިކަމުގައި 1934 ވަނަ އަހަރުއެވެ. އެއަށްފަހު ފާއިތުވި 86 އަހަރުގައި އެތަންހުރީ ދާރުލްއާސާރެއްގެ ގޮތުގައެވެ. އަޔާ ސޯފިއާއަކީ މިސްކިތެއް ކަމަށް މިމަހުގެ ކުރީކޮޅު ތުރުކީގެ މިހާރުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ކަނޑައެޅުއްވީ، 1934 ވަނަ އަހަރު އެ މިސްކިތް ދާރުލްއާސާރަކަށް ބަދަލުކުރުމަށް އަތާތުރުކު ނިންމެވި ނިންމެވުމަކީ ތުރުކީގެ ގާނޫނާ ޚިލާފުއަމަލެއްކަމަށް އެގައުމުގެ އެންމެމަތީ އިދާރީ ކޯޓުން ނިންމުމާ ގުޅިގެންނެވެ.

ތުރުކީގެ ގާނޫނު ބުނާގޮތުން މީހަކު އަމިއްލަ ޚަރަދުގައި ގަނެ ވަގުފުކޮށްފައިވާ ތަނެއް ނޫނީ އިމާރާތެއް އެ ވަގުފުކޮށްފައިވާގޮތް ނޫން އެހެންގޮތަކަށް ބަދަލުކުރުމުގެ ބާރު ތުރުކީ ސަރުކާރަކަށް ނޯންނާނެއެވެ. އަޔާ ސޯފިއާ އަލުން މިސްކިތަކަށް ބަދަލުކުރުމުން އެކަމަށް ފާޑުކިޔައި އެއީ ބާރުގެ ބޭނުންކޮށްގެން ފައްޅިއެއް މިސްކިތަކަށް ބަދަލުކުރުމުގެ ބޭއިންސާފު އަމަލެއްކަމަށް ގްރީސްއާއި ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުންނާއި ނަސާރާއިންގެ ޕޯޕް ސިފަކުރިއިރު ޔޫރަޕްގެ ގިނަ ގައުމުތަކަކީ އުޘްމާނީ ޚިލާފަތުގެ ދުވަސްވަރު ޔޫރަޕްގައި ބިނާކުރި މިސްކިތްތައް އުޘްމާނީ ޚިލާފަތް ވެއްޓުމުން އެތަންތަން ފައްޅިތަކަށް ބަދަލުކުރި ގައުމުތަކެކެވެ. ޚާއްސަކޮށް ގްރީސްއަކީ އެގައުމުގެ ވެރިރަށުގައި މިސްކިތް ބުނާކުރުން މަނާކޮށްފައިވާ ގައުމެވެ.

86 އަހަރު ފަހުން އަޔާ ސޯފިޔާ މިސްކިތުގައި މިއަދު ނަމާދުކުރަން އަލުން ފަށާފައިވާއިރު އެކަން ފެށޭނީ މިއަދުގެ ހުކުރު ނަމާދުންނެވެ. އަޔާ ސޯފިޔާ ދާރުލްއާސާރަކުން މިސްކިތަކަށް ބަދަލުކުރުމަށް ކުރަމުން ގެންދާ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި ތުރުކީގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު އަލީ އަބްރާޝް އާއި ނައިބު ރައީސް ފުއާދު އަގްތާއި އާއި ތުރުކީ ސަރުކާރުގެ ބައެއް އިސްވެރިން މީގެ ދެތިން ދުވަސްކުރިން ވަނީ އެތަނަށް ވަޑައިގެން ފައެވެ.

ޔޫރަޕާއި އެމެރިކާ ބުނާ އެއްޗަކަށް ބެލުމެއްނެތި އަޔާ ސޯފިޔާ އަލުން މިސްކިތަކަށް ބަދަލުކުރުމަށް އުރުދުޣާން ނިންމެވި ނިންމެވުމުން އެނގޭ އެއްޗަކީ އަދުގެ ތުރުކީ އަށް އައިސްފައިވާ ހަރުދަނާ ބަދަލާއި އަމިއްލަ ބާރުވެރިކަމާއި އަމިއްލަ ވަންތަކަމެވެ.

ކުރިން އެމެރިކާއަށް ބަރޯސާވާގޮތަށް އަދި ޔޫރަޕް ދެކެ ބިރުގަނެ ޖެހިލުންވާގޮތަށް އޮތް ތުރުކީއަކީ މިއަދު އެމެރިކާއަށްވެސް ރަޝިއާއަށްވެސް އަދި ޔޫރަޕްގެ އިއްތިޙާދަށްވެސް ނޫނެކޭ ބުނަންޖެހޭ ކޮންމެ ތަނެއްގައި ނޫނެކޭ ބުނަންޖެހިލުންނުވާ ގައުމެކެވެ. ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ވަރަށް ބާރުވެރި މުސްތަގިއްލު ގައުމެކެވެ. ސިނާއީ ގައުމަކަށް ބަދަލުވަމުންދާ ޓެކްނޮލޮޖީ ގެ ގޮތުންނާއި ފަންނީގޮތުންނާއި މަސައްކަތްތެރިކަމުގެ ގޮތުން ކުރިއަރަމުންދާ ގައުމެވެ.

އަރަބި ބައެއް ގައުމުތައް ކަމަށްވާ މިސްރާއި ސައޫދީ އަރަބިޔާއާއި ގަލްފުގެ އެހެން ގައުމުތައް ގޮތަށް އަމިއްލަ ބާރާއި އަމިއްލަވަންތަކަން މުސްލިމުންގެ ދުޝްމަނުން ކަމަށްވާ ޣައިރު މުސްލިމް ބާރުތަކަށް ދޫކޮށްލައި އާއިލީ އަދި އަސްކަރީ ވެރިކަން ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެމެރިކާއާއި ޔޫރަޕަށް ބަރޯސާވާ ގޮތެއް ގައުމެއް ނޫންކަމެވެ.

comment ކޮމެންޓް