86 އަހަރަށް ފަހު އާޔާ ސޯފިޔާގައި ހުކުރު ނަމާދުކޮށްފި

އާޔާ ސޯފިއާގެ ބޭރުގައި ބައެއް މީހުން ނަމާދު ކުރަނީ -- ފޮޓޯ: އޭޕީ

އިސްތަންބޫލް (ޖުލައި 24): ތުރުކީގެ އިސްތަންބޫލުގައި ހުންނަ އާޔާ ސޯފިއާގައި 86 އަހަރު ފަހުން ފުރަތަމަ ފަހަރަށް މިއަދު ހުކުރު ނަމާދު ޖަމާއަތުގައި ކޮށްފި އެވެ.

ފާއިތުވި އަހަރުތަކުގައި ދާރުލްއާސާރެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް އާޔާ ސޯފިއާގައި މިއަދު މީހުން ނަމާދު ކުރީ، 1934 ވަނަ އަހަރު އެ މިސްކިތް ދާރުލްއާސާރަކަށް ބަދަލު ކުރީ ގާނޫނާ ހިލާފަށް ކަަމަށް އެގައުމުގެ އެންމެ މަތީ އިދާރީ ކޯޓުން ޖުލައި 10 ވަނަ ދުވަހު ނިންމުމުންނެވެ. އަދި އާޔާ ސޯފިއާއަކީ އަނެއްކާވެސް މިސްކިތެއްގެ ގޮތުގައި ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ނިންމަވާ ރިޔާސީ ގަރާރެއް ނެރުއްވި ފަހުންނެވެ.

އާޔާ ސޯފިއާ މިސްކިތަކަށް ބަދަލު ކުރުމުން ތުރުކީގެ ގިނަ އަދަދެއްގެ މުސްލިމުން ދަނީ އުފާ ފާޅުކުރަމުންނެވެ. އަދި މިއަދު އެ މިސްކިތް މުސްލިމުންގެ އަޅުކަމަށް ހުޅުވާލާ އިރު ހުކުރު ނަމާދުގައި ބައިވެރިވުމަށް ބައެއް މީހުން ފަތިހުން ފެށިގެން ދިޔައީ މިސްކިތް ކައިރިއަށް އެއްވަމުންނެވެ.

މީގެ އިތުރުން މިއަދުގެ ހުކުރު ނަމާދުގައި ރައީސް އުރުދުޣާންއާއި އަޒަރުބައިޖާނާއި ގަތަރުގެ ލީޑަރުންވެސް ބައިވެރިވެޑައިގެންނެވި އެވެ.

އާޔާ ސޯފިއާ ކައިރިއަށް މީހުން ހުކުރު ނަމާދު ވަގުތަށް އެއްވެފައި -- ފޮޓޯ: ރޮއިޓާސް

ތުރުކީގެ މީޑިއާތަކުގައިވާ ގޮތުން ހުކުރު ނަމާދަށް ތައްޔާރުވުމަށް އާޔާ ސޯފިއާ ކައިރީގައި އޮންނަ މަގުތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ނަމާދު ވަގުތު މިސްކިތް ކައިރީ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް 17،000 އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ.

އާޔާ ސޯފިއާ މިސްކިތަކަށް ބަދަލު ކުރުމުން ނަސާރާ ދީނުގެ ލީޑަރުން ވަނީ އޭގެ ސަބަބުން ދީނީ ބައިބައިވުން އިތުރުވާނެ ކަމަށް ބުނެ ފާޑު ކިޔާފަ އެވެ. އަދި ޔުނެސްކޯއާއި އެމެރިކާއާއި ޔޫރަޕިއަން ޔޫނިއަންއާއި ރަޝިއާއާއި ގްރީސްއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ބަދަލު ގެނައުމާ ގުޅިގެން ޔުނެސްކޯއިން ބުނީ އާޔާ ސޯފިއާއަކީ ދުނިޔޭގެ ތަރިކައެއްގެ ގޮތުގައި ނިންމާފައި އޮތް އޮތުން މުރާޖައާ ކުރާނެ ކަމަށެވެ.

އާޔާ ސޯފިއާއަކީ ބައިޒެންޓައިން ޒަމާނުގައި ބިނާކުރި ކްރިސްޓިއަނުންގެ މުގައްދަސް ފައްޅިއެކެވެ. ނަމަވެސް ކޮންސްޓެންޓިނޯޕަލް (މިހާރުގެ އިސްތަންބުލް) މުސްލިމުންގެ އުސްމާނީ ދައުލަތުގެ ބާރުގެ ދަށަށް ދިޔަ ފަހުން އެތަން ބޭނުންކުރަމުން ދިޔައީ މިސްކިތެއްގެ ގޮތުގަ އެވެ.

އެ މިސްކިތް ދާރުލްއާސާރަކަށް ބަދަލުކުރަން 1934 ވަނަ އަހަރު ނިންމީ އޭރުގެ ރައީސް މުސްތަފާ ކަމާލް އަތާތުރުކުގެ ވެރިކަމުގައި އޭނާގެ ކެބިނެޓުންނެވެ. އެއީ އެގައުމު އިތުރަށް ސެކިއުލާކުރުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

ތުުރުކީގެ ދީނީ ކަންތައްތައްތަކާ ބެހޭ އޮތޯރިޓީ "ދިޔަނެތު"ން ބުނީ އާޔާ ސޯފީއާ މިސްކިތަކަށް ބަދަލުކުރިޔަސް އެތަނުގައި ކުރިން ހުރި ނަސާރާ ދީނުގެ ނިޝާންތަކާއި ކުރެހުންތައް ހުންނާނެ ކަމަށާއި، ނަމަވެސް ނަމާދު ކުރާ ވަގުތުތަކުގައި އެ ނިޝާންތައް ފަރުދާއަކުން ނިވާކުރާނެ ކަމަށެވެ.

މީގެ އިތުރުން ތުރުކީގެ ހުރިހާ މިސްކިތަކާ އެއްގޮތަށް، އާޔާ ސޯފިއާގެ ދޮރުތައް ދެންވެސް ހުންނާނީ ގައުމުގެ ރައްޔިތުންނާއި ބޭރު މީހުންނަށާއި، މުސްލިމުންނާއި މުސްލިމް ނޫން މީހުންނަށްވެސް ހުޅުވާލާފައި ކަމަށް ތުރުކީ ސަރުކާރުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް