ރާއްޖެއިން ޗައިނާއަށް ދާ މީހުންގެ ކޮވިޑް ޓެސްޓް ހަދައިދެނީ އޭޑީކޭ އިން

އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިން އަނބުރާ ގައުމަށް ދާއިރު ބޭނުންވާ ކޮވިޑް-19 ޓެސްޓް އޭޑީކޭ ހޮސްޕިޓަލުން ހެދޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ޗައިނާއިން ރާއްޖެއަށް ހަމަޖައްސާފައިވާ ސަފީރު ޖަންގް ލިޖޮންގް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ ދާއިރު އެ ފަރާތްތަކުން ބޭނުންވާ ކޮވިޑް-19 ނިއުކްލިކް ޓެސްޓް، އޭޑީކޭއިން ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އެ ޓެސްޓަކީ ރާއްޖެއިން ފުރާ ހުރިހާ ޗައިނާގެ ޕަސެންޖަރުން ހަދަން ޖެހޭ ޓެސްޓެކެވެ.

ޗައިނާއިން އެހެން ގައުމުތަކަށް ދާ ފަރާތްތަކުން އަނބުރާ ޗައިނާއަށް ދާއިރު އަދި އެހެން ގައުމުގެ ބަޔަކުވެސް އެގައުމަށް ދެވޭނީ ކޮވިޑް-19 އަށް ނެގެޓިވްކަން އެނގޭ ޓެސްޓެއް އޮވެގެންނެވެ.

ސަފީރު ޖަންގް ލިޖޮންގް ވިދާޅުވީ ޗައިނާ ސަރުކާރުގެ ރެގިއުލޭޝަނަށް ބަލާއިރު އެގައުމަށްދާ ހުރިހާ ޕަސެންޖަރުންވެސް ބޯޑިން އަށް ދިޔުމުގެ ކުރިން ކޮވިޑް-19 ނިއުކްލިކް އެސިޑްގެ ނެގެޓިވް ރިޕޯޓެއް ބޭނުންވާނެ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީއިން މީގެކުރީން ބުނެފައިވަނީ ޗައިނާގެ އިތުރުން ބައެއް އެހެން ގައުމުތަކުންވެސް ވަނީ ރާއްޖެއިން އަނބުރާ ދާއިރު އެފަދަ ލިޔުމެއް ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް އެ ގައުމުތަކުގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެ އަންނަ ފަތުރުވެރިން އަނބުރާ ގައުމަށް ދާއިރު އެ ފަރާތްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްތޯ ނުވަތަ ނެގެޓިވްތޯ ބެލުމަށް ޓެސްޓެއް ހަދަން ނުޖެހޭނެ ކަމަށް ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އަމިއްލައަށް ބޭނުންވެގެން ނުވަތަ އަނބުރާ ދާ ގައުމުން ޓެސްޓެއް ބޭނުންވާނަމަ އެ ޓެސްޓު ހެދުމުގެ ފުރުސަތު އޮންނާނެއެވެ.

ރާއްޖެއިން މީހަކު ފުރާއިރު އެމީހަކު ކޮވިޑް-19 އާ ގުޅުންހުރި އަލާމާތްތައް ހުންނަ ކަމުގައިވާނަމަ އެމީހަކަށް ނުފުރޭނެ އެވެ.

comment ކޮމެންޓް