ފަޒީލްގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްއާރްއެމް އިން ފުލުހަށް

ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް އަހްމަދު ފަޒީލްއަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ކަމޭބެހޭ ފަރާތްތަކަށް ހުށަހަޅާފައި ވަނީ އޭނާ ނިސްބަތްވާ ޕާޓީ، މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިންނެވެ.

ސޯޝަލް މީޑިއާގައި ފަޒީލްއަށް ބޮޑެތި ތުހުމަތުތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން އޭނާ އުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށް، އެކުއްޖާ ބަލިވެ އިންކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

އޭގެ އިތުރުން އަންހެން ކުދިންނަށް "އޮޅިގެން" ކަމަށް ބުނެ ބަދުއަހުލާގީ ފޮޓޯ އާއި ވީޑިއޯ ފޮނުވުމާއި، ޖިންސީ ފުރައްސާރައާއި ގޯނާގެ އިތުރު ތުހުމަތުތަކެއް ވެސް ވަނީ ކުރެވިފައެވެ.

އެ ތުހުމަތުތަކާ ގުޅިގެން ސަރުކާރުން މައްސަލަ ބަލަން ފަށައި، ފަޒީލް މިވަގުތު ހުރީ އޭނާގެ މަގާމުން ސަސްޕެންޑުކޮށްފައެވެ.

އަދި އެމްއާރްއެމް އިން ވެސް ވަނީ މައްސަލަ ނިމެންދެން ޕާޓީގެ ހުރިހާ ހަރަކާތަކުން އޭނާ އެކަހެރިކޮށްފައެވެ. އެ ޕާޓީގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާފައި ވާއިރު، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކާއެކު އެމްއާރްއެމް އިން ފުރިހަމައަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

އެމްއާރްއެމް އިން ބުނީ ޖިންސީ ފުރައްސާރައާއި އަނިޔާ ފަދަ ކުށްތަކަކީ އެ ޕާޓީއިން އެއްވެސް ވަރަކަށް ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް