އީޔޫގެ ލީޑަރުން 859 ބިލިއަން ޑޮލަރުގެ ކޮވިޑް ޕެކޭޖަކަށް އެއްބަސްވެއްޖެ

އީޔޫގެ ލީޑަރުން ވަނީ 859 ބިލިއަން ޑޮލަރުގެ ކޮވިޑް ޕެކޭޖަކަށް އެއްބަސްވެފަ -- ފޮޓޯ: އޭޕީ

ބްރަސެލްސް (ޖުލައި 21): ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ޔޫރަޕުގެ ގައުމުތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަނުން 750 ބިލިއަން ޔޫރޯ (859 ބިލިއަން ޑޮލަރު) ހަރަދު ކުރަން އެއްބަސްވެއްޖެ އެވެ.

އީޔޫގެ 27 މެމްބަރު ގައުމުގެ ލީޑަރުން އެ ކޮރޯނާވައިރަސް ސްޓިމިއުލަސް ޕެކޭޖަށް އެއްބަސްވެފައި ވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ބެލްޖިއަމްގެ ބްރަސެލްސްގައި ބާއްވަމުން އައި ބައްދަލުވުންތަކަށް ފަހުގަ އެވެ. އަދި އެ ޕެކޭޖާ ބެހޭ ގޮތުން މެމްބަރު ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތުވުން އުފެދި، ދެ ދުވަހަށް ބާއްވަން އޮތް ސަމިޓު ފަސް ދުވަހަށް ދިގުލައިގެން ދިޔަ ފަހުންނެވެ.

އެ ދެބަސްވުންތައް އުފެދުނީ ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކާއި ހަރަދުތައް ކުޑަ ކުރަން ބޭނުންވާ ގައުމުތަކާ ދެމެދުގަ އެވެ. އެގޮތުން އީޔޫގެ ގައުމުތަކަށް ހިލޭ އެހީގެ ގޮތުގައި 500 ބިލިއަން ޔޫރޯ ދޭން ޔޫރަޕިއަން ކޮމިޝަނުން ފުރަތަމަ ހުށަހެޅި ނަމަވެސް، ހަރަދުތައް ކުޑަ ކުރަން ބޭނުންވާ ގައުމުތަކުން ވަނީ އެ އަދަދު 375 ބިލިއަން ޔޫރޯއަށް ކުޑަ ކުރުމަށް ބޭނުންވާ ކަމަށް ބުނެފަ އެވެ. އެގައުމުތަކަކީ ސްވިޑެން، ޑެންމާކް، އޮސްޓްރިއާ، ފިންލެންޑް އަދި ނެދަލޭންޑްސް އެވެ.

ނަމަވެސް އެ އަދަދާ މެދު އެއްބަސްވުމަކަށް ނާދެވި، އެންމެ ފަހުން ހުރިހާ ގައުމަކުން އެއްބަސްވެފައި ވަނީ 390 ބިލިއަން ޔޫރޯގެ ހިލޭ އެހީ އާއި އިންޓްރެސްޓް ކުޑަ ލޯނުގެ ގޮތުގައި 360 ބިލިއަން ޔޫރޯ ދޭށެވެ. އެ ފައިސާ އީޔޫއިން ހޯދާނީ އިންޓަނޭޝަނަލް މާކެޓުތަކުން ދަރަންޏަށް ނަގައިގެންނެވެ.

އެ ޕެކޭޖުގެ އިތުރުން އީޔޫގެ ލީޑަރުން ވަނީ ކުރިއަށް އޮތް ހަތް އަހަރަށް އެ އިއްތިހާދަށް 1.1 ޓްރިލިއަން ޑޮލަރުގެ ބަޖެޓެއް ހެދުމަށް އެއްބަސްވެފަ އެވެ.

އީޔޫގެ ކޮވިޑް ޕެކޭޖާއި ބަޖެޓު ފާސް ކުރުމަށްޓަކައި ދެން ހުށަހަޅާނީ އެ އިއްތިހާދުގެ ޕާލިމެންޓަށެވެ.

comment ކޮމެންޓް