ހުސްވެފައި އޮތް މާޒިޔާގެ ކޯޗުގެ މަގާމަށް ނިޒާމްބެ ހަމަޖައްސައިފި

ނިޒާމްބެއަށް މާޒިޔާގެ ކޯޗުކަން ރަސްމީކޮށް ހަވާލު ކުރުމަށް މިއަދު ބޭއްވި ހަފުލާގެ ތެރެއިން -- ފޮޓޯ//މާޒިޔާ

ޓީސީ ސްޕޯޓްސް ކުލަބް ގަދަ ބާރަކަށް ހަދައި ރާއްޖެއާއި، ބައިނަލް އަގުވާމީ މައިދާނުގައި ވެސް ކާމިޔާބީތަކެއް ހޯދައިދިން މަޝްހޫރު ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މާޒިޔާގެ ކޯޗު ކަމާ ހަވާލުވެއްޖެ އެވެ.

ވޭތުވެ ދިޔަ ސީޒަނުގައި މާޒިޔާއަށް އިރުޝާދު ދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވުމާއެކު، އޭނާ ވަނީ އެނބުރި ގައުމަށް ގޮސްފައެވެ. މި ދަނޑިވަޅުގައި ސެކުލޮސްކީގެ އެއްބަސްވުން އާ ނުކުރަން މާޒިޔާއިން ނިންމީ ކޮވިޑް-19 ގެ ސަބަބުން ކްލަބަކަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެންނެވެ.

އެއާ އެކު ދެން މާޒިޔާއަށް ގެންނާނީ ދިވެހި ކޯޗެއް ކަމަށް މާޒިޔާއިން ކުރިން ބުނެފައިވާ އިރު މިއަދު ވަނީ އެ މަގާމަށް ނިޒާމްބެ ހަމަޖައްސައިފަ އެވެ. ނިޒާމްބެ އަކީ މާޒިޔާ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ފަހުން އެ ޓީމަށް ކޯޗުކޮށްދޭ ތިން ވަނަ ދިވެހި ކޯޗެވެ.

ނިޒާމްބެއަށް މާޒިޔާގެ ކޯޗުކަން ރަސްމީކޮށް ހަވާލު ކުރުމަށް މިއަދު ބޭއްވި ހަފުލާގެ ތެރެއިން -- ފޮޓޯ//މާޒިޔާ

ޓީސީ ސްޕޯޓްސް ކްލަބަށް 2017 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޗެމްޕިއަންކަން ހޯދަައިދިން ނިޒާމްބެ ޓީސީ ދޫކޮށްލީ 2018 ވަނަ އަހަރުގެ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އެއަށްފަހު ނިޒާމްބެ 16 އަހަރުން ދަށުގެ ގައުމީ ޓީމާ ހަވާލުވީ 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް އަމާޒުކޮށް ޓީމެއް ތައްޔާރުކުރުމުގެ މަސައްކަތުގަ އެވެ.

ޒުވާން ގައުމީ ޓީމު ދޫކޮށް ބަންގްލަދޭޝްގެ ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ސައިފް ސްޕޯޓިން ކްލަބްގެ ކޯޗުކަމާ ނިޒާމްބެ ވަނީ އެއަށްފަހު ހަވާލުވެފަ އެވެ. ނިޒާމްބެ އަކީ ސަރަހައްދުގެ ވަރުގަދަ ލީގެއްގައި ކޯޗުކޮށްދިން ފުރަތަމަ ބިދޭސީ ކޯޗަށެވެ. ސައިފްއާ އެކު ނިޒާމްބެ ނުކުތީ އެންމެ މުބާރާތަކަށެވެ. ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލުން ސައިފް ކެޓުމާ އެކު މެނޭޖްމަންޓާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ނިންމީ ކޮންޓްރެކްޓް އުވާލާށެވެ.

ސައިފްއާ އެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށްފަހު ނިޒާމްބެ ވޭތުވެ ދިޔަ އަހަރެއްހާ ދުވަހު ވަނީ ފުޓުބޯޅައިގެ ކޯޗުކަމުން ބްރޭކެއް ނަގައިފަ އެވެ. މާޒިޔާގެ ކޯޗުކަމާއި ނިޒާމްބެ މިއަދު ހަވާލުވި އިރު، އޭނާއަށް އޮތް ފުރަތަމަ އިމްތިހާނަކީ އޮކްޓޫބަރު މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕްގެ މެޗުތަކެވެ. އެ މުބާރާތުގެ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕްގައި ދެން އޮތީ ނިޒާމްބެ ކުރީގެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެންނާއީ ސިޓީ އެވެ.

ނިޒާމްބެގެ ކޯޗިން ކެރިއަރުގެ ފުރަތަމަ ބޮޑު މަސައްކަތުގައި، 2006 ގައި ވިލިނގިލީ ވިޔަންސާ އެކު ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރުނީ މުޅިން އާ ކުޅުންތެރިން ގޮވައިގެންނެވެ. ހަގީގަތުގައި އެ ޓީމަކީ ދެ ވަނަ ޑިވިޝަނުން އައިސް ފުރަތަމަ ޑިވިޝަނުގައި ރަނގަޅު ނަތީޖާތަކެއް ނެރުން މިހާރު އާއްމުވެފައިވާ ވުމުގެ ވެސް ފެށުމެވެ. އޭގެ ފަހުން ލ. ކަޅައިދޫ ޓީމު ވެސް ފުރަތަމަ ޑިވިޝަނަށް ގެނެސް ކުޅުވި އެވެ. މިދިޔަ އަހަރު ލީގު ޗެމްޕިއަންކަން ހޯދި ޓީސީ އަކީ ވެސް، ނިޒާމްބެ ދެ ވަނަ ޑިވިޝަނުން ފެށިގެން ކުރިއަރުވަމުން ފުރަތަމަ ޑިވިޝަނަށް ގެނައި ޓީމެކެވެ.

comment ކޮމެންޓް