ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ސަރުކާރުން ކަނޑައަޅައިފި

ޖުލައި 19، 2020: ބިދޭސީން އަނބުރާ ގައުމަށް ފުރުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ކަނޑައަޅާފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ ގައުމީ ދިފައީ ބާރުން އެކުލަވާލާފައި އޮތް ލަފާ ދޭ މަޖިލިސްގެ ތެރެއިން ކޮޓީއެއް ނަގައިގެން ތައްޔާރުކުރި ސްޓަޑީއަކުން، ރާއްޖޭގައި މިވަގުތު ދެ ލައްކައަށް ވުރެ ގިނަ ބިދޭސީން އުޅެމުން އަންނަކަމަށް ދައްކާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެއް ލައްކަ ހަތްދިހަ ނުވަ ހާސް ނުވަސަތޭކަ ފަންސާސް ހަތަރު މީހުންނަކީ ގަވާއިދާ އެއްގޮތަށް އުޅޭ މީހުން ކަމަށާއި، 66،000 މީހުންނަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ކަމަށް ޗީފް ވިދާޅުވި އެވެ.

އަދި މިހާރު ރާއްޖޭގެ ޒުވާނުންގެ އާބާދީއަށް ވުރެ، ބިދޭސީންގެ އާބާދީ އިތުރުވެފައިވާ ކަމަށާއި، މިއީ އަވަސް ހައްލެއް ހޯދަންޖެހިފައި އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށް ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ ރާއްޖޭގައި މިހާރު ބިދޭސީންގެ ފަރާތުން ފެންނަ ކަންކަމަކީ އިސްތިއުމާރީ ބާރަކުން ހިފާފައި އޮންނަ ގައުމަކުން ވެސް ފެނިގެންދާ ފަދަ ކަންކަން ކަމަށާއި، އެމީހުން ސަލާމަތީ ބާރުތަކާ ކުރިމަތިލާ ހިސާބަށް ކަންކަން ގޮސްފައިވުމުން އެއީ ގައުމުގެ ސަލާމަތަށް އިތް ނުރައްކަލެއް ކަމަށެވެ.

އެހެންކަމުން މިކަމުގައި މުޅި ދައުލަތާ، ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން އެކުގައި މަސައްކަތް ކުރަން ޖެހިފައިވާކަމަށް ޝަމާލް ވިދާޅުވިއެވެ.

"ދެން ދާދި ފަހުން، ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބައްދަލުކޮށްފައި މިކަމަކީ ނޭޝަނަލް ސެކިއުރިޓީއަށް މިހާރު ރާއްޖޭގައި އޮތް ތުރެޓެއް ކަމަށް ވަނީ ޑިކްލެއާ ކޮށްފަ،" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައެޅުމާއެކު، އާންމުކޮށް އަމަލުކުރާ އުސޫލުތަކާ ހިލާފަށް "ފާސްޓް ޓްރެކް" ކޮށް ގަވާއިދާ ހިލާފަށް އުޅޭ މީހުން ހައްޔަރުކުރުމާއި، ވާހަކަދައްކައިގެން އެމީހުން އަނބުރާ ފޮނުވާލުމުގެ ކަންކަން އަވަސްކުރުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

"ކިހިނެތްތޯ މީގެތެރެއިން އިލީގަލް މީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅޭނީ، އެމީހުން ކިހިނެތްތޯ އަވަހަށް ފޮނުވާލެވޭނީ،" ޗީފް ވިދާޅުވިއެވެ.

މިހާރު ބިދޭސީން ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމާ ގުޅިގެން، ބިދޭސީން އެތެރެކުރުން މަދުޖަައްސާލާފައި އޮތްކަން ފާހަގަކުރައްވައި ޝަމާލް ވިދާޅުވީ، ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކުން ވެސް ގަވާއިދާ ހިލާފަށް އުޅޭ މީހުން ލައްވައި މަސައްކަތް ކުރުވާ ކަމަށެވެ.

ޝަމާލް ވަނީ ސެކިއުރިޓީ ކަައުންސިލްގައި ކުރެވުނު ބައެއް މަޝްވަރާތައް ވެސް ހިއްސާކުރައްވައިފައެވެ. އެގޮތުން ކުރިއަށް އޮތް ހައެއްކަ އަހަރު، ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވޭނެ މިންވަރަށް ލޭބަރުން ރާއްޖެ އެތެރެވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެހެންކަމުން އެމީހުން ގަވާއިދުގެ ތެރެއަށް ފައްތައި، ކުންފުނިތަކާ ހަވާލުކުރުމާ މެދު މަޝްވަރާ ކުރެވުނު ކަމަށް ޝަމާލް ވިދާޅުވިއެވެ.

"ދެން މިކަހަލަ ވަރަށް ގިނަ ހިޔާލުތަކެއް އަޅުގަނޑުމެން ދިނީމު. މިއީ ބޮޑު ކަމެއް. 24 ގަޑިއިރުން ހައްލުވާ ކަހަލަ ކަމެއް ނޫން،" ޝަމާލް ވިދާޅުވިއެވެ.

ޝަމާލް ވިދާޅުވީ މިއީ މިހާރު ގައުމުގެ އިސްތިގުލާލާ ސަލާމަތަށް އޮތް ނުރައްކަލަކަށް ވުމުން، މިއީ "ރެޑިކަލް" މައްސަލައެއް ކަމަށެވެ. އަދި މިކަމަށް ގެނެވިގެންދާނީ ވެސް ވަރަށް ބޮޑު، "ރެޑިކަލް" ހައްލެއް ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރެގިއުލަރައިޒް ކުރަން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 43،000 މީހަކު ވަނީ ރަޖިސްޓްރީވެފައެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މި ފަހުން ވިދާޅުވެފައި ވަނީ މި އަހަރު ނިމޭއިރު، ގަވާއިދާ ހިލާފަށް އުޅޭ 20،000 މީހުން ފޮނުވާލަން އަމާޒު ހިފާފައިވާ ކަމަށެވެ.

comment ކޮމެންޓް