ހާސްކަން ފިލުވާލުމަށް މާބުރުގެ އަޑުވަރެއް ނެތް

ސްލޮވޭނިއަން މާބުރު-- ފޮޓޯ: ބީބީސީ

ހިތްގައިމު ގުދުރަތީ އެކި އަޑުތަކަކީ ކިތަންމެ ބޮޑަށް ހާސްވެފައި ހުރި ނަމަވެސް، ހިތްތަކަށްވެސް ހަމަޖެހުމެއް ގެނުވައިދޭ ކަމެކެވެ. މިގޮތުން، ވާރޭގެ އަޑުތަކާއި، ގޮނޑުދޮށަށް ރާޅު ބިންދާލާ ހިތްގައިމު އަޑަކީވެސް ގިނަ ބަޔެއްގެ ކަންފަތަށް އަރާމު މިޔުޒިކެކެވެ. މި ލިސްޓަށް މިފަހުން އިތުރުވެފައިމިވަނީ މާބުރުގެ އަޑެވެ.

މިއީ އަދި ކޮންމެ ކޮންމެ މާބުރެއްވެސް ނޫނެވެ. މިއީ ސްލޮވޭނިއަން މާބުރެވެ. މާމުއި އުފެއްދުމާއި އެއްވަރަށް މި މާބުރުތަކުގެ މަސައްކަތަކަށްވެފައިވަނީ މީހުންގެ ހާސްކަމާއި އުދާސްތައް ފިލުވައިދިނުމެވެ.

ބީބީސީިއިން ދާދިފަހުން ތައްޔާރުކޮށްފައިވާ ހާއްސަ ރިޕޯޓަކުން ފެނިގެންދަނީ ސްލޮވޭނިއާގެ އެކި ފަންތިތަކުގެ އަދި އެކި ދާއިރާތަކުގެ މީހުންވެސް ސްޓްރެސް ފިލުވާލުމަށް މި މާބުރުތައް ބޭނުންކުރާ ތަނެވެ.

މިގޮތުން އެެންމެ ނުރައްކާތެރި އެއް ވަޒީފާއަދާކުރާ ފަޔާ ފައިޓަރުންނަށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަނީ ބީހައިވްއެއްގައި ވަގުތުހޭދަކުރަން ފުރުސަތު ދީފަ އެވެ. ސްލޮވޭނިއާގެ ފަޔާ ޑިޕާޓްމަންޓްގެ އެންމެ އިސްވެރިޔާ ބުނާގޮތުން މި ބަދަލާއިއެކު ސްޓާފުންގެ ކިބައިން ހެޔޮ ބަަދަލުތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ.

އެޕިއަރީ އަށް ދާ ބައެއް ފަރާތްތަކުން ބުނަނީ މާބުރުތަކުގެ އަޑުން މީހާ އަށް ހަމަޖެހުމެއް ގެނެސްދޭއިރު އެ މާހައުލުގައި ހުންނަ މީރު ވަހަކީވެސް މީހާއަށް އިތުރު އުފަލެއް ގެނެސްދޭ ކަމެކެވެ.

ހަމައެޔާއެކު ސްލޮވޭނިއާގެ ބައެއް ސްކޫލްތަކުގައިވެސް މިހާރު އަންނަނީ އެޕިއަރީތައް ބަހައްޓަމުންނެވެ. އަދި މި އެޕިއަރީ ތަކުގައި ސައިކޮލޮޖިސްޓުންނާއި ބެލެނިވެރިން އަދި ޓީޗަރުންވެސް އަންނަނީ ބައްދަލުވުންތައް ބާއްވަމުންނެވެ، އަދި ބައެއްފަހަރު މާ ހަލަނިކުދިން ކުޑަކޮށް މައިތިރިކޮށް ހަމަޖެހުން ގެނުވުމަށްވެސް އެކުދިން އެޕިއަރީއަށް ފޮނުވާ ނަފްސާނީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

މީގެއިތުރުން މި ހިދުމަތް ފުޅާވެ، ސްޓްރެސް ފިލުވާލަދީ ނަފްސާނީ ގޮތުން ދުޅަހެޔޮވުމަށް މިފަދަ އެޕިއަރީ ތަކުގައި މީހުންނަށް އޮށޯވެވޭނެހެން އެނދުތައް ވެސް ވަނީ ބަހައްޓައިފަ އެވެ.

އެއްބައިމީހުން ބުނާގޮތުގައި މިފަދަ އެޕިއަރީތަކުގައި މީހާގެ ސިކުނޑި ގެންގޮސްދެނީ މުޅީން އެހެން ދުނިޔެއަކަށެވެ.

ދެ މިލިއަނެއްހާ މީހުން ދިރިއުޅޭ ސްލޮވޭނިއާގައި ބީކީޕިންގް އޯގަނައިޒޭޝަންގައި ރެޖިސްޓާވެގެން މާބުރު ގެންގުޅޭ 11،000 މީހުން އުޅެ އެވެ. މާބުރުގެންގުޅުމަކީ މި ގައުމުގައި ސަގާފަތެއްކަމުގައި ވާއިރު ރެޖިސްޓްރީނުކޮށް މާބުރު ގެންގުޅޭ މީހުންގެ އަަދަދު މާ ގިނަވާނެކަމަށް ގަބޫލުކުރެވެ އެވެ.

ސްލޮވޭނިއާގެ މާބުރުތަކުން މާގިނައިން މާމުއި ނުލިބެ އެވެ. ނަމެވެސް މާމުއަށްވުރެ މި މާބުރުތަކުގެ ބޭނުން މާ މުހިންމުތާ އެވެ.

comment ކޮމެންޓް