ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ ވަރަށް ގިނަ ކަންކަންކަމުގައި ވަރަށް އެމޯޝަނަލް ބޭފުޅެއް ކަމަށް ބެލެވިދާނެ ބޭފުޅެކެވެ. ކޮވިޑް19 އާ ގުޅިގެން ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ވެސް ރައީސް އަށް ކީރިތި ކުރެއްވުނެވެ. އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ ބެހޭ ގޮތުން އެ މިނިސްޓްރީގެ ދެތިން ބޭފުޅަކު ރައީސް އަރިހުގައި ދެއްކެވި ވާހަކަފުޅަކާ ބެހޭ ގޮތުން ވެސް ރައީސް އަށް ކީރިތި ކުރެއްވުނު ކަމަށް ބައެއް މަސްދަރުތަކުން ބުނެ އެވެ.
ކީރިތި ކުރެއްވުމަކީ މައްސަލައައެއް ނޫނެވެ. އަޅުގަނގަޑަކީ ވެސް ބައެއް ކަންކަމުގައި ރޮވޭ މީހެކެވެ. އެކަމަކު އަޅުގަނޑު ބަލަނީ ވީވަރަކުން އަޅުގަނޑުގެ ރުއިން ނޫނީ އެމޯޝަންސް އެހެން މީހުންނަށް ނުދައްކައިވޭތޯ އެވެ.
ގައުމީ ކަންކަމުގައި ވެރިން ކީރިތި ކުރެއްވުން، ގިނަ ފަހަރަށް ރަމްޒުކޮށްދެނީ ގައުމު ދެކެ ވާ ލޯއްބެއްގެ ބޮޑުކަމުން ކީރިތި ކުރެއްވެނީ ކަމަށް ބެލެވިދާނެ އެވެ. އަދި އެއީ މާތް ސިފައެއް ކަމުގައި ވެސް ބެލެވިދާނެ އެވެ. އެކަމަށް ހުކުމް ކުރާކަށް އަޅުގަނޑު ނެތީމެވެ. އެކަމަކު ވެރިންނަކީ ކަންކަމުގައި ޖެހިލުމެއް ނެތި ފިޔަވަޅު އަޅަން ކެރޭ ބަޔަކަށް ވާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. ވެރި މީހާ އަކީ މުޅި މުޖުތަމައުގެ މަސްލަހަތުގައި ކަންކަން ކުރައްވަން ޖެހޭނެ ބޭފުޅަކަށްވާތީ، ހުރިހާ ފަހަރަކު ހުރިހާ ބަޔަކު އެންމެ ހިތް އެދޭ ގޮތަށް ކަންކަން ނުކުރެވިދާނެ ކަން ގަބޫލު ކުރަން ޖެހެ އެވެ.
ވެރިކަން ކުރެވޭނީ ޖެހިލުން ކުޑަ ނުލަފާ މީހުންނަށް ކަމަށް ބުނަން ޖެހެނީ ވެސް އެހެންވެގެންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ އެސިފަ ހުރި ބޭފުޅެކެވެ. އެކަމަކު އެ މަނިކުފާނުގެ މައްޗަށް ކުރެވޭ ވައްކަމުގެ ތުހުމަތާއި އަދި އެކިޔާ "އަނިޔާވެރިކަމަކީ" އަދި އެހެން ވާހަކަ އެކެވެ. އެ މަނިކުފާނުގެ ވެރިކަން ބަދަލު ކުރީ ކޮރަޕްޝަނާއި އަނިޔާވެރިކަން އިންތިހާ އަށް ބޮޑުވެއްޖެ ކަމަށް ރައްޔިތުންނަށް ވިސްނައިދީގެންނެވެ. އެކަން ދިފާއު ކުރާކަށް ވެސް އަޅުގަނޑު ނެތީމެވެ. އެކަމަކު މި ސަރުކާރު އައިސް އެކަންކަން ތަކުރާރު ކުރާ ނަމަ، އެއީ އިންސާފު ކަމަކަށް ވެސް އަދި ރައްޔިތުން ވޯޓު ދިން ގޮތް ކަމަށް ވެސް ބަލައިގަނެވޭކަށް ނެތެވެ.
އަޅުގަނޑު ތިން ނުކުތާއެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ނުކުތާއަކީ ދައުލަތުގެ ބަޖެޓުން 1.3 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގި އެމްއެމްޕީއާރުސީގެ މައްސަލާގައި އަދި އެކަން ހިންގި އެެންމެ އިސް އެއް މޭސްތިރިޔާ، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެެއްވި ބޭފުޅަކު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބަހައްޓައިގެން ހޯދައި ދޭނީ ކޮން އިންސާފެއްތޯ އެއީ ސުވާލެކެވެ.
އަޅުގަނޑު ހަނދާންވާ ގޮތުގައި ކުރިން ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރުކަން ކުރެއްވި، އަދި ފަހުން ޕީޖީކަން ކުރެއްވި އަހުމަދު މުއިއްޒާއި އަދި މިހާރުގެ ސުޕްރީމް ކޯޓުގެ އެއް ފަނޑިޔާރު ހުސްނުއްސުއޫދާ ދެ ބޭފުޅުން ދަށު ކޯޓުތަކުން ވަކިވެވަޑައިގަތުމަށް ފަހު، ވަކި މުއްދަތެއް ނުވަނީސް އެ ކޯޓުތަކުގައި ހިނގި މައްސަލަތަކުގައި ވަކާލާތެއް ނުކުރައްވަ އެެވެ.
އަޅުގަނޑުގެ ސުވާލަކީ އެ އުސޫލު ޕީޖީ ހުސައިން ޝަމީމްގެ މައްޗަށް ނުހިންގަންވީ ކީއްވެގެންތޯ އެވެ؟ ދައުލަތުގެ އެންމެ އިސް ޕްރޮސެކިއުޓާ ޖެނެރަލަކީ އިންސާފު ގާއިމުކޮށް ދިނުމުގައި އެންމެ އިސް މަގާމު ފުރުއްވާ ބޭފުޅާ ނޫންތޯ އެވެ؟ އެމްއެމްޕީއާރުސީގެ މައްސަލަތަކުން، ޕީޖީގެ މަގާމުގައި ހުންނަވައިގެން ތަނާޒިލުވެވޭނެ ގޮތަކީ ކޮބައިތޯ އެވެ؟ އެފްޕީއައީޑީގެ ހިޔާނާތަށް ފަހު ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީގެ ހިޔާނާތް ރާވައި ހިންގި މޭސްތިރިންގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު، ޖެހިގެން އަންނަ ދުވަހު އަނެއްކޮޅަށް އެ މައްސަލަތައް ބައްލަވާނެ ގޮތެއް އަަޅުގަނޑަކަށް ނުވިސްނެ އެވެ. އަދި މިހާރު އަހުމަދު އަދީބުގެ މައްޗަށް 800 އަހަރުގެ ޖަލު ހުކުމް އަންނަ ވަރުގެ މައްސަލަތައް ހުރި ކަމަށް ވިދާޅުވި އަސް، އެ މައްސަލަތައް އަދުލުވެރި ކަމާ އެކު ބައްލަވާނެ ގޮތެެއް ނުވިސްނެ އެވެ.
އަޅުގަނޑު މިހެން ދަންނަވާ އިރު، އެމެރިކާގެ ކުރީގެ އެޓާނީ ޖެނެރަލް ޖެފް ސެސަން ބައެއް މައްސަލަތަކުން އެއް ފަރާތްވިކަން އަޅުގަނޑު ހަނދާނެއް ނުނެތެ އެވެ. އެކަމަކު ރާއްޖެ ފަދަ ކުޑަ ގައުމެއްގައި އަދި މި ސަރުކާރު އިންސާފު ހޯދައި ދިނުމަށް އައި އެންމެ ބޮޑު މައްސަލަ އަށް އިންސާފު ނުހޯދި ދެން އިންސާފު ހޯދުމަށް އޮންނާނީ ކޮން މައްސަލައެއްތޯ ސުވާލު އުފައްދަމެވެ.
ޕީޖީ ހުސައިން ޝަމީމު އެ މަގާމުގައި ބަހައްޓައިގެން އެ މައްސަލައިގެ އިންސާފު ނުލިބޭނެ ކަމަށް އިދިކޮޅުން ބުނުމުން އެ ވާހަކައަކީ މާ ފެންހިފޭ ވާހަކައަކަށް ނުވެދާނެ އެވެ. އެކަމަކު އެ ދައްކަވަނީ ފެންހިފޭ އޮއްޓަރު ހުރި ވާހަކައެކެވެ. އެެމްއެމްޕީއާރުސީގެ މައްސަލަ އިންސާފުގެ މަގުން ގެެންދަން ބޭނުން ނަމަ ހުސައިން ޝަމީމު ޖެހިވަޑައިގަންނަވާނީ އިސްތިއުފާ ދެއްވާށެވެ. ނޫނީ އަދުލު އިންސާފޭ ހަމަހަމަ ކަމޭ ވިދާޅު ނުވާށެވެ. މަންޒަރު އެ އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ. އަދި އެފަދަ ބޭބޭފުޅުން އެފަދަ މަގާމުތަކަށް އިސްކުރައްވާ ބޭފުޅުންގެ ނިޔަތާ ދޭތެރޭ ސުވާލު ކުރާކަށް އަޅުގަނޑު ނެތީމެވެ. އެކަމަކު އެ ބޭބޭފުޅުން އެއީ ދެ ވަނަ ފަހަރަށް ވިސްނަވަން ޖެހޭނެ މައްސަލައެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ސާބިތުވި، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ހުކުމް ކުރިއަސް، ފެށުނީއްސުރެ -ދާދި މިދާކަށް ދުވަހު އަދީބު މިނިވަންވުމާ ހަމައަށް- އެ ދެބޭފުޅުން ތިއްބެވީ ގޭ ބަންދުގަ އެވެ. އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ރޯލު ކުރި، މ. ސެސްނާ އައްލާމް މުހައްމަދު ލަތީފް (މޮހޯ) މިނިވަންކަން މަތީ، އަދި އެ ފައިސާގެ މަންފާފައި އިނގިރޭސި ވިލާތުގައި އެއޮއް ދިރިއުޅެ ނަގަނީ އެވެ. އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މީހަކު ހުރި ހެނެއްވެސް ހިއެއް ނުވެ އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީން މި އޮންނަވަން ޖެހެނީ ޖަލުގެ ތޭރިތަކުގެ ފުރަގަހުގަ އެވެ. ތިޔަ ވިދާޅުވާ ހަމަހަމަ ކަމާއި އިންސާފަކީ މިއީތޯ އެވެ؟ މި އަށް ކިޔަނީ ސިލެކްޓިވް ޖަސްޓިސް ނޫންތޯ އެވެ؟
ދެން އޮތީ ޖޭއެސްސީގެ "ޑްރާމާ"ގެ ވާހަކަ އެވެ. އެއީ ފުކެއް ދެރަ ވާހަކައެއް ނޫނެވެ. ފަނޑިޔާރުންނަށް އޮންނަނީ މިނިވަންކަން ދީފައި ކަމަށް ބުނެ އެވެ. އެކަމަކު ވަކި ބަޔަކު ހިތް ނުތަނަވަސްވާ ގޮތަކަށް ހުކުމެއް ކޮށްފި ނަމަ، އެ މީހަކު އެވީ ދަމައި ޖޭއެސްސީ އަށް ނޫނީ މަޖިލީހަށް ހުށަހަޅައި ބިރުދެއްކުމުގެ އަމަލުތައް ފައްޓަވާށެވެ. އެ ގޮތުން އެއް ބަޔަކު ސަސްޕެންޑްކޮށް އަދި އަނެއް ބަޔަކު ވަކިކޮށް، އަދި ވަކި ކުރުމުގެ ސަގާފަތް ބާރުލާފައި އެއެއް ކުރިއަށް ދަނީ އެވެ. ކަމެއް ނުހުއްޓުވޭތާ އެޅޭ ފިޔަވަޅެެއް ވެސް ނެތެވެ. އެ ކޭސްތަކުގެ ތަފުސީލަށް ދާކަށް އަޅުގަނޑު ނެތީމެވެ. އެކަމަކު އިންސާފަކީ މިއީތޯ އަޅުގަނޑު ތަކުރާރުކޮށް ސުވާލުކުރާނަމެވެ.
ފެހި ގާނޫނު އަސާސީ އަށް އަމަލު ކުރަން ފެއްޓީއްސުރެ، ޖޭއެސްސީގައި ސިޔާސީ ނުފޫޒު އޮވެގެން އަދި ޖޭއެސްސީގެ ކޮމްޕޮސިޝަން އޮންނަ ގޮތުން އިންސާފަށް ހުރަސް އެޅޭ ވާހަކަ އައީ ދައްކަމުންނެވެ. އެކަމަކު މި ސަރުކާރަށް ދެ އަހަރު ފުރިގެން ދާ އިރު، އަދި ރައްޔިތުންގެ މަޖިލީހުގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު އޮތް އިރު، ފަނޑިޔާރުގެ އިސްލާހު ކުރުމަށް އެޅި ފިޔަވަޅަކީ ކޮބައިތޯ އެވެ؟ ކޮންމެ ބަޔަކު ވެސް އިސްލާހުގެ ވާހަކަ ދައްކަނީ އިދިކޮޅުގައި ތިބޭ އިރު އެވެ. ބާރު ލިބޭ ހިސާބުން އެކަން ހަނދާން ނެތެ އެވެ. އޭރުން ބަލަނީ ޖެހުނު ތަނަކުން ޖީބު މުއްސަނދި ކުރެވޭތޯ އެވެ. އިންސާފަކީ މިއީތޯ އެވެ؟
ދެން އޮތީ އަޅުގަނޑުގެ ފަހު ނުކުތާ އެވެ. އެއީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ވާހަކަ އެވެ. ފަހަރެއްގައި އަލީ ވަހީދު ވަކި ކަމެއް ނުކުރައްވާނެ ކަމަކަށް އަޅުގަނޑު ބުނާކަށް ނެތީމެވެ. އެކަމަކު އެކަމުގައި ސުވާލު އުފެދޭ މައްސަލަތައް ވަރަށް ގިނަ އެވެ. އެއް ކަމަކީ ކުއްލި ގޮތަކަށް ރައީސް އަރިހަށް ބޭފުޅުންކޮޅެއް ގޮސް އެ ބޭފުޅުންގެ "ސްޓޯރީ" ދެންނެވިތާ 24 ގަޑި އިރު ނުވަނީސް، އަލީ ވަހީދު މަގާމުން ވަކިކުރުމެވެ. އަޅުގަނޑުގެ އެއް ސުވާލަކީ ބަޔަކު ގޮސް ވާހަކައެއް ދައްކާލާ އިރަށް އެކަމުގައި އެ ބަޔަކު އެ ހަދަނީ ކިހާވަރެއްގެ ތެދެއްކަން ރައީސްއަށް ޖަޖު ކުރެވެނީ ކިހިނެއްތޯ އެވެ؟ އެހެން މިދެންނެވީ، ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެއީ ރޭވިގެން ހިންގި ކުޅިގަނޑެކެވެ. ބައެއް ބޭބޭފުޅުންގެ "ގާލް ފްރެންޑުންނާއި" އަދި އަނެއް ބައި ބޭބޭފުޅުންގެ "އެކްސް ގާލް ފްރެންޑުން" އެކަމުގައި އިސް ދައުރެއް އަދާ ކުރި ކަމަށްވެ އެވެ. އޭގެ އިތުރުން އަލީ ވަހީދާ ދެކޮޅަށް ބަޔާން ދިން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ފިރިހެނުން ކަމަށްވެ އެވެ. ހަމަ އެހެންމެ އަލީ ވަހީދާ ދެކޮޅަށް ބަޔާންދިން މީހުން ވަނީ ސިއްރުކޮށްފަ އެވެ. އަދި އެފަދަ ބޭބޭފުޅުންގެ މައްޗަށް އެ ވިދާޅުވާ "ފުރައްސާރައިގެ" މައްސަލަތައް ފެންމަތި ވުމުން ވެސް، މަތިން އިހުތިޔާރު ކުރެއްވީ އެއްކަލަ "ސިލެކްޓިވް ޖަސްޓިސް" އެވެ. އެބޭބޭ ފުޅުން ފާޅުކަން ބޮޑު ގޮތެއްގައި އަންހެނުންނަށް މިވެނި ކަމެއް ކުރެއްވީމޭ ވިދާޅުވި އިރު ވެސް އެޅުނު ފިޔަވަޅެއް ނެތެވެ. އެކަމަކު އެއީ ވެސް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭބޭފުޅުންނެވެ.
ރައީސަކީ ގިނަ ގިނައިން ކޮމެޓީ ހައްދަވާ ބޭފުޅެކެވެ. މާގިރި ހޮޓަލުގެ "ކުޅިބައި" ނިޔުޅުވާލަން ކޮމެޓީ ނުހެއްދެވީ ކީއްވެތޯ ވެސް ސުވާލު އުފެދެ އެވެ. އިންސާފާއި ހަމަހަމަ ކަމުގެ ވާހަކަ ދައްކާ އިރު، މިއީ ފުކެއް ބޮޑުވަރު ނޫންތޯ އެވެ؟
ޓޫރިޒަމް މިިނިސްޓްރީގެ އޮފިޝަލުންތަކާ ދެކޮޅަށް ފިޔަވަޅެއް ނޭޅުއްވި އިރު، ފިޝަރީޒު މިނިސްޓްރީގެ ޑިރެކްޓަރު އޮފް ކޮމިއުނިކޭޝަން، އަހުމަދު ފަޒީލު މައްސަލައެއް ސޯޝަލް މީޑިއާގައި ތިލަވުމާ އެކު އޭނާ ސަސްޕެންޑްކޮށްފި އެވެ. އެކަމުގައި އެކޮޅު މިކޮޅު ބެލުމެއް ނެތެވެ.
އަލީ ވަހީދު ގޯސް ކަމެއް ނުކުރާނެ ކަމަށް އަޅުގަނޑު ވަކާލާތު ކުރާކަށް ނެތީމެވެ. އެކަމަކު އަލީ ވަހީދު ގުރުބާން ކުރީ، ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީގައި ކެންޔާ ކުއްޖަކު "ރޯޔަލިސްޓުން" ރޭޕް ކުރި ކަމަށް އަޑުގަދަވި ދުވަސްވަރާ ވިދިގެންނެވެ. މީޑިއާ އިން އުޅެ އުޅެ ވެސް އެކަން ކުރި ބައެއް ފުލުހުން އާންމު ކުރާކަށް ބޭނުމެއް ނުވި އެވެ. އެއިރު އެ އަށް ވުރެ މާ ކުދިކުދި މައްސަލަތަކުގައި ހިމެނޭ މީހުންގެ ނަމާއި ވަނަވަރު ފުލުހުން ހާމަ ކުރެ އެވެ. ސުވަލާކީ އެ މީހުން ސިއްރުކުރީ ކީއްވެގެންތޯ އެވެ؟ ކިތަންމެ ވަރަކަށް ސިއްރު ކުރިއަސް އެ އަމަލެއް ހިންގި މީހުން އެންމެންނަށް ވެސް އެނގެ އެވެ. ސުވާލަކީ އެ މީހުންގެ ނަންތައް ސިއްރު ކުރުމުން ސަރުކާރުގެ އަގުވެއްޓުން ފިޔަވައި ވީކަމަކީ ކޮބައިތޯ އެވެ. ދެދެކެވެ. އެ މައްސަލަ ދެފެން ދޭތެރެއިން ދުއްވާލުމުން އެ މީހުންނަށް އެޅުނު ވިޔަވަޅެއް ނެތެވެ.
މައްސަލަ ފެންމަތިވިތާ 24 ގަޑި އިރު ނުވަނީސް އަލީ ވަހީދު ގުރުބާން ކުރީ، ބައެއް ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ސަފާރީ ކޭހުގެ މައްސަލަ އޮއްބާލުމަށެވެ. އެ އަށް ބާރުލިބެނީ އޭނާ ވަޒީފާ އިން ވަކި ކުރިތާ ދެ ހަފުތާ ވީ އިރު، އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެކި ފުލުހުންނަށް ނުދެއްކޭތީ އެވެ.
އަލީ ވަހީދަކީ ރަށަކަށް ނިސްބަތްވެ، ބޮޑު އާއިލާއެއް އޭނާގެ ދިފާއުގައި ނެތުމަކީ އަދި "އެލީޓް ކްލަބް"ގެ މެންބަރަކަށް ނުވުމަކީ އޭނާ ގުރުބާން ކުރަން ޖެހޭ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެވެ. އަދި ޒީރޯ ޓޮލަރަންސަކީ ވެސް އެއީއެއް ނޫނެެވެ. އެވަރުގެ ފިވަޅެއް އެޅި އިރު އެކަމުގެ އަނެއް ފަރާތް ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށް ގަބޫލު ކުރަމެވެ. އެހެން ނޫން ނަމަ މި ކުރެވުނު ކަމަކީ ވެރިކަން ބަދަލު ކުރުން އެކަނި ނޫންތޯ އެވެ. ކަންކަން ހިނގަނީ އެއްބީދައަކުން އެއް އުސޫލެއްގެ މަތީން ނޫންތޯ އެވެ. މީހަކު ރޯލާ ކޮންމެ ފަހަރަކު އެއީ ހަގީގަތް ކަމަށް ނުވެ ހިނގައިދާނެކަން ގަބޫލުކުރަން ޖެހެ އެވެ.