އަންނަ މަހުގެ ކަރަންޓް ބިލުތަކާއި ފެން ބިލުތައް ބޮޑުވެދާނެކަމަށް ބެލެވޭ ކަމަށް ސްޓެލްކޯ އަދި ފެނަކައިން ބުނެފި އެވެ.
މިއަދު މެންދުރު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ ވިދާޅުވީ އެ ކުންފުނިން ބެލި ބެލުމުން ގޭބިސީތަކުން ކަރަންޓް ބޭނުންކުރިވަރު އިތުރުވެފައިވާ ތަން ފެންނަމުންދާ ކަމަށެވެ.
ކަރަންޓް ބިލްތައް ބޮޑުވުމާ ގުޅިގެން މާލޭގެ 700 އެއްހާ ގޭބިސީތަކަށާއި ވިޔަފާރިތަކަށް ޒިޔާރަތްކޮށް ހާލަތު ބަލައި ސާވޭތަކެއް ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބެލި ބެލުމުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނު ކަމަކީ މޭ ޖޫންގެ ޕެޓާން އަދިވެސް މިހުރީ އެނގޭތޯ. އޭގެ މާނައަކީ އަންދާޒާ ކުރެވެނީ ޖުލައިމަހު ލިބޭ ބިލްވެސް ބޮޑުވާނެކަމަށް. އެއީ ސަބަބަކީ ހަމަ އަޅުގަނޑުމެންގެ ކޮންސަމްޕްޝަން ޕެޓާންއަކަށް ނެތް މާބޮޑު ބަދަލެއް އައިސްފައެއް،" ފަހުމީ ވިދާޅުވި އެވެ.
އެހެންކަމުން ކަރަންޓް ބޭނުންކުރާއިރު ބޭނުންވާވަރަށްވުރެ އިތުރަށް ކަރަންޓް ބޭނުންނުކުރުމަށް ފަހުމީ ވަނީ އިލްތިމާސްކުރައްވައިފަ އެވެ. އަދި ކުދިކުދި ކަންތައްތައް ރަނގަޅުކޮށްލައިގެން ކަރަންްޓް ބޭނުންކުރެވޭ ވަރު އިގްތިސާދު ކުރެވޭނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
"އެއާ ކޮންޑިޝަން ކޮށްފަ ހުންނަ ރޫމްތައް އަބަދު ދޮރު ހުޅުވާފައި ނުބެހެއްޓުން، މިކަހަލަ ކުދިކުދި ކަންތައްތަކުން އެބަހުރި ރަނގަޅުކޮށްލެވޭނެ އަޅުގަނޑުމެން ވިޒިޓް ކުރި ބައެއް ގޭބިސީތަކުން ތަންތަނުން ލޮކްޑައުން ކޮށްފައިހުރި، ހުސްކޮށްހުރި ތަންތަން ބިލްބޮޑުވެގެން އަޅުގަނޑުމެންނަށް ޝަކުވާ އައިމާ އަޅުގަނޑުމެން އެޕާޓްމަންޓްތަކަށް ގޮސް ބަލާލިން،" ފަހުމީ ވިދާޅުވި އެވެ.
"ބަލާލިއިރު މީޓަރުގަ އެއްވެސް މައްސަލައެއް ނެތް. ދެން އަޅުގަނޑުމެން ބަލާލީ ބިލް ކިހިނެއްތޯ ބޮޑުވީ. ބައެއް ތަންތަން އަޅުގަނޑުމެންނަށް ފާހަގަކުރެވިފައި އެބަހުރި އޮޅުމަކުން އެއާ ކޮންޑިޝަން ޖެއްސިފަ މި ހުންނަނީ. އެހެން ނަމަވެސް ކުޑަ ދޮރުހުޅުވިފައި ހުރީ. އެހެންވީމާ އެއާ ކޮންޑިޝަން ޖެއްސިފަ ހުރިއްޔާ ކަރަންޓް މީޓަރު ހިނގާނެ ދެއްތޯ. މިކަހަލަ ކުދިކުދި މިސްޓޭކްތަކުން އެބަހުރި ކަރަންޓް ބިލް އެބަހުރި ބައެއް ގޭގޭގައި ކަރަންޓް ބިލް ވަރަށް ބޮޑަށް ބޮޑުވެފައި. ޖުމްލަގޮތެއްގައި ޖޫންގަ އަދި ޖުލައިގައިވެސް އަޅުގަނޑުމެންގެ ކަސްޓަމާ ބޭސްއަށް ބަލަންޏާ މަދު އަދަދެއްގެ ގެތަކަށް މިހިރީ ބޮޑު އަދަދަކަށް ބިލް ބޮޑުވެފަ،"
އޭނާ އިތުރަށް ވިދާޅުވީ ދުވާލަކު ކަރަންޓް ބޭނުންކުރާ މިންވަރު ވަރަށް ފަސޭހައިން ކަސްޓަމަރުންނަށް ބަލާލެވޭނެ ކަމަށާއި ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވާން ޖެހޭ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު ނަޖާހު ވިދާޅުވީ ކަރަންޓް ބިލް ބޮޑުވަނީ އަޅުގަނޑުމެން ކަރަންޓަށް ދޭން ޖެހޭ ސަމާލުކަން ނުދެވިގެން ކަމަށެވެ. އޭނާ އަދި ވިދާޅުވީ ކޮންމެ އަހަރަކުވެސް ކަރަންޓް ބިލް ބޮޑުވެގެން ޝަކުވާ އަންނަނީ މާޗް، އޭޕްރީލް އަދި މޭ މަހު ކަމަށެވެ.
"އާދަޔާ ހިލާފަށް މާޗް/އޭޕްރީލް/ މޭ މަހަކީ ހޫނު ގަދަ މޫސުމަކަށް ވީމައި އެ މޫސުމަގައި ވާގޮތަކީ އައިސްއަލަމާރި ފަދަ އެއްޗެތި އޭގެ ކޮމްޕްރެސަރު ޖެހިފައި ހުންނަލެއް ގިނަވަނީ. ފިނިކޮށް ހުންނަ ކަމުގައިވާ ނަމަ، ވިއްސާރަވެއްޖިއްޔާމު އޭގެ ކޮމްޕްރެސާ ޖެހިފައި ހުންނަލެއް މަދުވެއްޖިއްޔާމު [ކަރަންޓް] ނަގާ ނިސްބަތް ކުޑައެބަވޭ. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ހުރިހާ އަހަރެއްގައިވެސް އެ ޝަކުވާ އެބައާދޭ. އެކަމަކު މިފަހަރު 2020 ވަނަ އަހަރު އެ ޝަކުވާ އަޅުގަނޑުމެންނަކަށްނައި. އެ ޝަކުވާނައީ އޭޕްރީލް މޭ ޖޫން މަހަށް ސަރުކާރުން ވަނީ 40 ޕަސެންޓްގެ ޑިސްކައުންޓެއް ދީފަ،" ނަޖާހު ވިދާޅުވި އެވެ.
ކަރަންޓް ބިލުން މަތިވަމުން އަންނަ އަދަދަކުން ޑިސްކައުންޓެއް ލިބުނީމަ ޝަކުވާއެއް ނާދެ. އެކަމަކު ބޭނުންކުރި އަދަދު ހަމަ ބޮޑު،"
ފެނަކައިގެ ތަންތަނުން ކަރަންޓް ބޭނުންކުރި މިންވަރު:
- ޖެނުއަރީ - 15.7 މިލިއަން ޔުނިޓް
- ފެބްރުއަރީ - 16.6 މިލިއަން ޔުނިޓް
- މާޗް- 17.3 މިލިއަނ ޔުނިޓް
- އޭޕްރީލް- 21.1 މިލިއަން ޔުނިޓް
- މޭ- 20.2 މިލިއަން ޔުނިޓް
- ޖޫން- 19.5 މިލިއަން ޔުނިޓް
"ޖޫން މަހު 19.5 މިލިއަން ޔުނިޓް އަޅުގަނޑުމެންގެ ކަސްޓަމަރުން އެބަހުރި ބޭނުންކޮށްފައި. 24 ޕަސެންޓް (އިތުރު) އެއީ ޖެނުއަރީ އަޅާ ބަލާއިރު. ދެން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ޖުލައި މަހު އަދި މިއަށްވުރެވެސް ދަށްވާނެ. އެހެން ނަމަވެސް ޖުލައި މަހަކީ ކޮވިޑާ ގުޅިގެން 40 ޕަސެންޓް ސަބްސިޑީ ދޭ މަހެއް ނޫން އަދި އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ. އެހެންވެއްޖިއްޔާ ޖޫން މަހު ކަރަންޓް ބިލަށް ދެއްކި ރުފިޔާގެ އަދަދަށްވުރެ ޖުލައި މަހު ދަށްކަން ޖެހޭ ރުފިޔާގެ އަދަދު ބޮޑުވެދާނެ" ނަޖާހު ވިދާޅުވި އެވެ.