އަދީބުގެ ދައުވާތައް ބާތިލްކުރި މައްސަލައިގެ އިސްތިއުނާފު ބަލައިގެންފި

އޭޕްރީލް 28، 2019: ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ހާޒިރުކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރަން ނިންމި ނިންމުން އިސްތިއުނާފުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.

ޕީޖީ އޮފީހުން އެ ނިންމުން އިސްތިއުނާފަށް ހުށަހެޅީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ހައިކޯޓުން މިއަދު ބުނީ އަހްމަދު އަދީބާ ދެކޮޅަށް ޕީޖީއިން ހުށަހެޅި މައްސަލަތައް ހައިިކޯޓުން ބަލައިގެންފައިވާ ކަމަށެވެ.

މިި ސަރުކާރުގައި އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭގޮތުން، އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީއާއި ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ކްރިިމިނަލް ކޯޓުން ވަނީ ބޭރުކޮށްލައިފައެވެ. އެގޮތަށް ނިންމެވީ އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދެވެ.

އެކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، އަދީބުގެ މައްސަލަ ގާޒީ އިސްމާއިލް ރަޝީދު ކުރިއަށްގެންދެވީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި މައްސަލަ ބާތިލު ކުރީވެސް ގާނޫނީ އިމުން ބޭރުން ކަމަށެވެ.

ޕީޖީގެ ފަރާތުން ގާޒީގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާއިރު، ޖޭއެސްސީން އިއްޔެ ވަނީ ގާޒީ 60 ދުވަހަށް ސަސްޕެންޑުކޮށްފައެވެ.

ކްރިމިނަލް ކޯޓުން އަދީބުގެ މައްސަލަތައް ބޭރުކޮށްލުމުން އޭނާ މުޅިން މިނިވަންވިއެވެ. ނަމަވެސް، ފުލުހުން ވަނީ ޕީޖީގެ ލަފާގެ މަތިން އަދީބު ރާއްޖެއިން ފުރުން މަނާ ކުރުމުގެ އަމުރެއް ކޯޓުން ހޯދައިފަ އެވެ.

އަދީބުގެ މައްޗަށް އިއްވި ހަތް ދައުވާއަކީ އިއުތިރާފުވާން ޝަރުތުކޮށް ލުއިކޮށް އިއްވި ހަތް ދައުވާއެކެވެ. ނަަމަވެސް، ޕީޖީ ވިދާޅުވީ އަދީބު ޖަލުގައި ބަހައްޓަން އިއުތިރާފު އެއްބަސްވުމެއް ބޭނުމެއް ނުވާ ކަމަށެވެ. އޭނާގެ މައްޗަށް 150އަށް ވުރެ ގިނަ ދައުވާކޮށް، 806 އަހަރަށް ޖަަލަށް ލެވޭ ވަރަށް ހެކި ހިމެނޭ ލިޔުންތައް ތައްޔާރުކޮށްފައި އެބަ ހުރި ކަމަށް ޝަމީމް ވިދާޅުވި އެވެ. ޝަމީމް ވިދާޅުވީ، އިއުތިރާފު އެއްބަސްވުމައިގެން ކުރިއަށްދާނީތޯ ނުވަތަ އުވާލާނީތޯ އަދި ނުނިންމަވާ ކަމަށެވެ.

comment ކޮމެންޓް