މާސްއަށް ފޮނުވާ ޖައްވީ އުޅަނދެއް ޔޫއޭއީން ކާމިޔާބު ކަމާއެކު ލޯންޗުކޮށްފި

ޔޫއޭއީން ވަނީ ކާމިޔާބު ކަމާ އެކު މާސްއަށް ފޮނުވާ އުޅަނދު ލޯންޗުކޮށްފަ -- ފޮޓޯ: އޭއެފްޕީ

އަބޫދާބީ (ޖުލައި 20): ޔުނައިޓެޑް އެެރެބް އެމިރޭޓްސް (ޔޫއޭއީ)އިން މާސްއަށް ފޮނުވާ ޖައްވީ އުޅަނދެއް އިއްޔެ ކާމިޔާބު ކަމާއެކު ލޯންޗުކޮށްފި އެވެ.

ޔޫއޭއީ އިން 'ހޯޕް'ގެ ނަން ދީފައިވާ އެ އުޅަނދު ލޯންޗު ކުރީ ޖަޕާނުގެ ޖައްވީ އިދާރާއިން އެގައުމުގެ ރޮކެޓެއް ބޭނުންކޮށްގެންނެވެ. އެއީ ޔޫއޭއީ އިން މާސްއަށް އުޅަނދެއް ފޮނުވާ ފުރަތަމަ ފަހަރެވެ.

އެ އުޅަނދު ކުރިއަށް އޮތް ހަތް މަސް ތެރޭ ޖައްވު ތެރެއިން ދަތުރު ކުރުމަށް ފަހު، އަންނަ އަހަރުގެ ފެބްރުއަރީ ހިސާބުގައި މާސްގެ އޯބިޓަށް ވާސިލުވާނެ އެވެ. އަދި އޭގެ މަގުސަދަކީ މާސްގެ ވަށައިގެން ދައުރު ކުރަމުން، އެ ގުރަހައިގެ މޫސުމާ ބެހޭ ބެހޭ މައުލޫމާތު އެއް ކުރުމެވެ.

ދުބާއީގެ މުހައްމަދު ބިން ރަޝީދު ސްޕޭސް ސެންޓަރުގެ މިޝަން ކޮންޓްރޯލްގައި އިންޖިނިއަރުން މަސައްކަތް ކުރަނީ -- ފޮޓޯ: އޭއެފްޕީ

"މިއީ ޔޫއޭއީގެ މުސްތަގުބަލަކީ،" އެގައުމުގެ އެޑްވާންސްޑް ސައިންސެސްގެ ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.

އެ އުޅަނދު މާސްއަށް ފޮނުވުމަކީ ޔޫއޭއީގެ ސަރުކާރުން ތެލާއި ގޭހަށް ބަރޯސާވުން ހުއްޓުވާ، އިގުތިސާދު ކުރިއެރުވޭނެ ގޮތްތައް އިތުރު ކުރުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއު އެވެ.

ޔޫއޭއީގެ މާސް މިޝަން ޓީމުން އެ އުޅަނދު ފަރުމާކޮށް އުފައްދާފައި ވަނީ އެމެރިކާގެ އިންޖިނިއަރުންނާއި ސައިންޓިސްޓުންނާ ގުޅިގެންނެވެ. އަދި އޭގެ ބައެއް މަސައްކަތްތައް އެމެރިކާގެ ޔުނިވާސިޓީ އޮފް ކޮލޮރާޑޯގައި ހުންނަ ލެބޯރެޓަރީ ފޯ އެޓްމޮސްފެރިކް އެންޑް ސްޕޭސް ފިޒިކްސްގައި ކުރިއަށް ގެންގޮސްފައިވާ އިރު ދުބާއީގެ މުހައްމަދު ބިން ރަޝީދު ސްޕޭސް ސެންޓަރުގައި ވެސް އޭގެ ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ޔޫއޭއީ މާސް މިޝަންގެ ޕްރޮޖެކްޓު މެނޭޖަރު އުމްރާން ޝަރަފް ވިދާޅުވި ގޮތުގައި އެ އުޅަނދު އުފެއްދުމަށާއި ލޯންޗު ކުރުމަށް އެގައުމުން ކަނޑައެޅީ 200 މިލިއަން ޑޮލަރުގެ ބަޖެޓެކެވެ.

ޔޫއޭއީގެ އިތުރުން ޗައިނާ އާއި އެމެރިކާއިންވެސް ދަނީ މާސްއަށް ފޮނުވާ އުޅަނދުތަކެއް މި މަސް ތެރޭ ލޯންޗު ކުރަން ތައްޔާރުވަމުންނެވެ.

comment ކޮމެންޓް