އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީ ދެ މަހަށް ސަސްޕެންޑުކޮށްފި

ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާތައް ބާތިލްކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ރަޝީދު ދެ މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަނުން ބަލަމުން އަންނަނީ ގާޒީ އިސްމާއީލް ރަޝީދު ފާޅުކަންބޮޑުގޮތެއްގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ކަނޑައެޅިގެން ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށެވެ.

އިސްމާއީލް ރަޝީދު ސަސްޕެންޑުކުރީ އެ މައްސަލައިގެ ބާވަތަށާއި އެ މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެއްކަށާއި އެ މައްސަލަ ތަހުގީގު ކުރާއިރު އޭނާ ފަނޑިޔާރުކަމުގެ މަސައްކަތުގައި ދެމިހުރެއްޖެނަމަ މައްސަލަ ތަހުގީގު ކުރުމަށް އެޅިދާނެ ހުރަހަށާއި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ކަމަށް އެ ބަޔާނުގައިވެއެވެ.

އެހެންކަމުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަދި (ލ) އާ ހަވާލާދީ، ގާޒީ އިސްމާއިލް ރަޝީދު ވަގުތީގޮތުން 60 ދުވަހަށް ސަސްޕެންޑުކުރުމަށް މިއަދު ބޭއްވި ކޮމިޝަންގެ ޖަލްސާއިން ނިންމާފައިިވާ ކަމަށެވެ.

ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލުކުރި ކަމަށް ތުހުމަތު ކުރެވޭ އަމަލުތަކުގެ ތަފްސީލު ތަހުގީގުކޮށް ނިމުމުން ކަނޑައެޅިފައިވާ އުސޫލުގެމަތިން ހާމަކުރާނެ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، މިި ސަރުކާރުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި، އޭސީސީއާއި، ފުލުހުންގެ ގުޅިގެން ހިންގި ތަހުގީގަށް ފަހު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ގާޒީ އިސްމާއިލް ރަޝީދު ބާތިލުކުރެއްވީ އަދީބާއެކު ދައުލަތުން ހެދި އިއުތިރާފު އެއްބަސްވުންތަކާ ބެހޭގޮތުން މައްސަލައިގެ އިބްތިދާއީ މަރުހަލާގައި، ގޮތެއް ނިންމަވަމުންނެވެ.

އެ ނިންމެވުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ގާޒީ އިސްމާއިލް ރަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައި ވަނީ ގާޒީ އިސްމާއީލް ރަޝީދުގެ ސުލޫކީ މައްސަލަ އަކީ އަދީބުގެ ދައުވާތައް ބާތިލްކުރުން ނޫން ކަމަށާއި ޖޭއެސްސީއަށް ހުށަހެޅި މައްސަލާގައި ސުލޫކީ މައްސަލައެއް ކަމަށް އެ އޮފީހުން ގަބޫލުކުރާ ކަންތައްތަކުގެ ތަފްސީލުތައް ބަޔާންކޮށްފައިވާނެ ކަމަށެވެ.

އަދީބުގެ މައްޗަށް އިއްވި ހަތް ދައުވާއަކީ އިއުތިރާފުވާން ޝަރުތުކޮށް ލުއިކޮށް އިއްވި ހަތް ދައުވާއެކެވެ. އެއީ ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އެ ދައުވާތައް ބާތިލު ކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން އިސްތިއުނާފު ކުރަން ޕީޖީ އޮފީހުން ވަނީ ހުށަަހަޅައިފައެވެ.

comment ކޮމެންޓް