ސިހުރެއްގެ އުނދަގޫތަކެއް ވާތީ، މިނިސްޓަރު އިމްރާން ރުގުޔާ ކުރައްވަނީ؟!

މިނިސްޓަރު އިމްރާން ރުގްޔާ ކުރާ ވިޑިއޯއެއްގެ ސިކްރީން ޝޮޓެއް ---

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ސިހުރު ފަންޑިތައިގެ އުނދަގޫތަކެއް ވާތީ އެކަމުން ސަލާމަތް ވުމަށް ރުގުޔާ ކުރާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ އެ ވީޑިއޯއިން ފެންނަނީ މިނިސްޓަރު އިމްރާނު މައިކެއް ހިއްޕަވައިގެން ގުރުއާނުގެ ވަކި އާޔަތްތަކެއް ކިޔަވަމުން ގެންދަވާ ތަނެވެ. އަދި އެ އާޔަތްތައް ކިޔުއްވަން ފެެއްޓެވުމުން ނޭވާލާން އުނދަގޫވުމާ ކިޔަވަން އުނދާގޫވެގެން އުޅޭ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ. ކައިރީގައި އިތުރު މީހެއް އިނދެ މިވެނި އާޔަތެއް ހަތް ފަހަރު ކިޔޭތޯ މަސައްކަތް ކުރުމަށް އިމްރާނަށް އިރުޝާދު ދޭ އަޑު އެ ވީޑިއޯއިން އިވެ އެވެ.

އެ ވީޑިއޯ ދައުރުވާން ފެށުމުން އޭގެ ހަގީގަތް ހޯދުމަށް "ސަން" އިން ކުރި މަސައްކަތުން އެނގުނީ މިނިސްޓަރު އިމްރާނު އޮފީހަށް ވަޑައިނުގަންނަވާތާވެސް ދުވަސްކޮޅެއް ވެއްޖެ ކަމެވެ. ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިނިސްޓަރު އިމްރާން އޮފީހަށް ވަޑައިގަންވަނީ ކޮންމެހެން ވަޑައިގަންނަވަން ޖެހޭ މީޓިންގްތަކަކަށް އެކަނި ކަމަށެވެ.

"ކޮންމެހެން ވަޑައިގަންނަ ވަން ޖެހޭ މީޓިންތަކަށް މިދޭތެރެއިން އައީ. އޭގެ ކުރިން އޮފީހަށް މިނިސްޓަރު ވަޑައިނުގަންނަވާ. ދުވަސްކޮޅެއް ވެއްޖެ އާލާސްކަންފުޅާ އުޅުއްވާތާ،" ހޯމް މިނިސްޓްރީގައި އޮފިޝަލަކު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓްރީގެ މީޑިއާ ޑައިރަކްޓަރު ހަފްސީ އަބްދުﷲ "ސަން"އަށް ވިދާޅުވީ، މިނިސްޓަރު އެ އޮޮފީހުގެ ކަންކަމުގައި ބަރާބަރަށް އުޅުއްވާ ކަމަށާއި އިރުޝާދުވެސް ދެއްވާ ކަމަށެވެ. މާ ބޮޑު ތަފްސީލެއް ހަފްސީ ނުދެއްވަ އެވެ. އެހެން ނަމަވެސް، އެކި މަސްދަރުތަކުން ޔަގީން ކުރެވުނީ މިނިސްޓަރު އިމްރާނު އޮފީހަށް ވަޑައި ނުގަންނަވާ ކެމެވެ.

އެކަމާ ގުޅިގެން އިމްރާންގެ ބަހެއް ހޯދުމަށް ދެ ދުވަސް މަތިން މަސައްކަތް ކުރި ނަމަވެސް އޭނާގެ ބައެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެންމެ ފަހުން އިމްރާން ސަރުކާރުގެ އިވެންޓަކުން ފެނިފައިވަނީ، މިމަހު ފަސް ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުލުންނާ ބައްދަލުކުރުމަށް އިސްކަންދަރުކޮށީގައި ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި އިމްރާން ވާހަކަ ދައްކާފައެއް ނުވެ އެވެ.

އިތުބާރުހުރި މަސްދަރަކުން "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުން އިމްރާން އާލާސްކަންފުޅާ އުޅުއްވަނީ، އޭނާގެ ގާތް މީހަކު އޭނާއަށް ސިހުރު ހެދުމާ ގުޅިގެން އެކަމުގެ އުދަނގޫތަކެއް ވާތީ އެވެ. ރުގްޔާ ކުރަނީ އެކަމުން ސަލާމަތްވުމަށް ކަމަށް އޭނާ ބުންޏެވެ.

ރުގްޔާ ކުރުމަކީ، މީހަކަށް ޖެހިފައި ހުރި ސިހުރެއް ބާތިލު ކުރުމަށްޓަކައި ދީނީ ގޮތުން ކުރާ ފަރުވާއަށް ބޭނުން ކުރާ ނަމެކެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި، ސިހުރު ބާތިލް ކުރުމަށް ޓަކައި ގުރްއާނުންނާއި ހަދީޘް ގައި ވާރިދުވެފައިވާ ސައްހަ ރުގްޔާއެއް ކުރެވިދާނެ އެވެ.

މިނިސްޓަރު އިމްރާން ރުގްޔާ ކިޔަވާ ވީޑިއޯ ކަމަށް ބުނެ ދައުރުވާ އެ ވީޑިއޯ ރުގްޔާ ކޮށްދޭ ދެ މީހަކަށް ދައްކައި "ސަން" އިން ސުވާލު ކުރުމުން އެ ފަރާތްތަކުން ޔަގީންކޮށް ދިނީ، އެ ވީޑިއޯގައި އެ ފެންނަނީ ރުގްޔާ ކުރަމުންދާތަން ކަމަށެވެ.

އެމީހުން ބުނި ގޮތުގައި، އެގޮތަށް ރުގްޔާ ކުރަނީ، މީހަކު އިމްރާނަށް ހެދި ސިހުރެއްގެ ސަބަބުން ޖިންނީގެ އުދަނގޫތަކެއް ވާތީ ކަމަށް ބެލެވެ އެވެ. އަދި އެސިހުރަކީ، ފަސޭހައިން ރަނގަޅު ނުކުރެވޭނެ ޒާތުގެ ސިހުރެއް ކަމަށް އޭނާ ބުންޏެވެ.

"ބޮޑަށް ބެލެވެނީ، އެއްޗެއް ކާންދީފައި ހުރިހެން. އެ އުދަނގޫތައް އެވަނީ ހަށިގަނޑު ތެރޭ ޖިންނި ހުރީމަ، ބައެއް ފަހަރު ރަނގަޅުވެ، ބައެއް ފަހަރު ވަރަށް ގޯސްވެސް ވެދާނެ. ވީޑިއޯއިން އަޑު އިވިގެން އެދަނީ ހަމަ ޤުރުއާނުގެ އާޔަތްތައް. އެ އާޔަތްތައް ރުގްޔާ ކުރުމަށް ބޭނުން ކުރޭ،" އޭނާ ބުންޏެވެ.

އިމްރާން ކިޔާ އާޔަތްތަކުގައި ޒައްގޫމް ކިޔާ މޭވާއެއްގެ ވާހަކަވެސް އާދެ އެވެ. އެ މޭވާއަކީ، ނަރަކައިގެ މޭވާއެއް ކަމަށާއި އާޔަތުގެ އެފަދަ ބާރުގަދަ ބަސްތައް އަޑުއިވުމުން ޖިންނިއަށް އުދަނގޫވާނެ ކަމަށް އޭނާ ބުންޏެވެ.

ރުގްޔާ ކުރާ އެހެން މީހަކު ބުނި ގޮތުގައި، އެއްޗެއް ކާން ދިނުމުގެ އިތުރުން އެއްޗެއް ވަޅުލައިގެންވެސް ހަދާފައިވާ ސިހުރެއް ގެ ސަބަބުން ވެސް އެފަދަ އާޔަތްތައް ކިޔަވައިގެން ރުގުޔާ ކުރެ އެވެ. އަދި އެ އެއްޗެއް ވަޅުލާފައި އޮންނަ ސަރަހައްދުން ދަތުރު ކުރާނަމަ، ޖިންނީގެ އުދަނގޫ ވަރަށް ބޮޑަށް ޖެހި، ނޭވާލާން އުދަނގޫވެ، މީހާ ހޭނެތޭ ހިސާބަށްވެސް ބައެއް ފަހަރު ދާ ކަމަށް އޭނާ ބުންޏެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އިމްރާނަށް ޖެހުނު ސިހުރު ރަނގަޅުކުރުމަށްޓަކައި މަސައްކަތްތަކެއްވެސް ކުރެވުނެ އެވެ. އެގޮތުން ފުލުހުން ލައްވައި ސަހަރާއެއް ކޮނުނު ކަމުގެ މައުލޫތު ވަނީ ލިބިފަ އެވެ.

އިމްރާނަށް ސިހުުރު ޖެހި ރުގްޔާ ކުރާކަން ހާމަވީ އިރު، ރާއްޖޭގައި ސިހުރު ފަންޑިތައަށް ވަކި ހާއްސަ ގާނޫނެއް ނޯވެ އެވެ.

ސިހުރު، ފަންޑިތަ ހެދިކަން ސާބިތުވެއްޖެ ނަމަ ދައުވާ ކުރަނީ، 4/75 ރާއްޖެއަށް އެތެރެ ކުރުން މަނާތަކެތީގެ ގާނޫނުގެ ދަށުންނެވެ. އާންމު ގޮތެއްގައި މިފަދަ މައްސަލަތަކުގައި ދައުވާކޮށްފައި ވަނީ، ސިހުރު ހަދައިގެން ނޫނެނެވެ. ނަމަވެސް އެ ގާނޫނުގެ ދަށުން ސިހުރު، ފަންޑިތަ ފަދަ ފޮތް ގެންގުޅޭ މީހުންނަށް ދައުވާ ކުރެ އެވެ.

comment ކޮމެންޓް