މިއީ ފަހަރުގައި ބައެއް މީހުންގެ އެންމެ ބޮޑު އެއް "އަދުއްވު" ކަމުގައި ވެދާނެ އެވެ. އެކަމަކު މިއީ ކައްކައި، ބޭކް ކުރާ މީހެއްގެ ބަދިގޭގައި ހުރުން ވަރަށް މުހިންމު އެއްޗެކެވެ.
ޖިންޖާބޭކްސްގެ ފާތިމަތު ޝާދްނީ (ޝާ)ގެ އެހީގައި މި ހަފްތާގައި މި ގެނެސްދެނީ ހަކުރުގެ ވާހަކަ އެވެ. ފޮނި ރަހަ ލެއްވުމާ ހަކުރާ ގުޅި ލާމެހިފައިވީ ނަމަވެސް ހަކުރުގެ ވަރަށް މުހިންމު އެހެނިހެން ބޭނުންތަކެއްވެސް ހުރެ އެވެ. އެގޮތުން ރަހަ ހެޔޮވަރުކުރުމާއި، ތައްޔާރުކުރާ ކާނާގެ ޓެކްސްޗާ ރަނގަޅުކުރުމާއި އަދި ބައެއް ތަކެތި ފުފިފައި ހުރުމުގެ އެހީތެރިއެއްގެ ގޮތުގައިވެސް ހަކުރު މުހިންމުވެ އެވެ.
ބޭކް ކުރުމުގައި ހަކުރުގެ ދައުރު
ޕާނެއް، ކޭކެއް ނުވަތަ އެހެންވެސް އެއްޗެއް ފިހުމުގައި ހަކުރުގެ އެންމެ މައިގަނޑު ދައުރަކީ ފޮނި ރަހަ ގެނެސްދިނުމާއި، ތައްޔާރުކުރާ ކާނާއަށް މުށި ކުލައެއް ގެނެސްދިނުން ނުވަތަ ކެރެމެލައިޒް ކޮށްދިނުމެވެ.
މަދުން ހަކުރު އަޅާ އެއްޗެއްސަށް ވުރެ ގިނައިން ހަކުރު އަޅައިގެން ތައްޔާރުކުރާ ތަކެތި މާ އަވަހަށް ކުލަ ބަދަލުވާނެ އެވެ.
މީގެ އިތުރުން ހަކުރަކީ ތެތްކަން ހިފަހައްޓާ އެއްޗެކެވެ. ހަކުރު އަޅައިގެން ތައްޔާރުކުރާ ތަކެތި ކުނި ނުވެ ގިނަ ދުވަސް ވަންދެން ހުންނާނެއެވެ.
ބޮޑު ސުވާލު: ހަކުރަކީ ކޯއްޗެއް؟
ހަކުރަކީ ސުކްރޯސްއޭ ކިޔާ މޮލެކިއުލްއެއް ހިމެނޭ ފޮނި އެއްޗެކެވެ. ސުކްރޯސްއަކީ އާދައިގެ ހަކުރު ނުވަތަ ކޭން ޝުގާ (އުއްދަނޑި)އަށް ކިޔާ ސައިންޓިފިކް ނަމެވެ. އާދައިގެ ހަކުރު އުފެއްދުމުގައި ބޭނުންކުރާ ގުދުރަތީ ތަކެތީގައި ސުކްރޯސް ހިމެނޭނެ އެވެ. ސުކްރޯސްގެ އިތުުރުން ހުންނަ ބައެއް އެހެން ބާވަތްތަކުގެ ހަކުރުގެ ތެރޭގައި ލެކްޓޯސް، ގްލޫކޯޒް އަދި ފްރުކްޓޯސް ހިމެނެ އެވެ.
ކެއްކުމާއި ބޭކް ކުރުމުގައި ހަކުރުގެ ގިނަ ބާވަތްތަކެއް ބޭނުންކުރެ އެވެ. ނަމަވެސް ތިރީގައި މި ހިމަނާލަނީ، ޝާ ބުނާ ގޮތުގައި، ބޭކް ކުރުމުގައި އެންމެ ގިނައިން ބޭނުންކުރާ ބާވަތްތަކުގެ ހަކުރާ ގުޅޭ މައުލޫމާތު ކޮޅެކެވެ.
1. ގްރެނިއުލޭޓެޑް ޝުގާ
ގްރެނިއުލޭޓެޑް ޝުގާއަކީ އަހަރެމެން ގޭގައި އެކި އެއްޗެހި ތައްޔާރުކުރަން އެންމެ އާންމުކޮށް ބޭނުންކުރާ، ހުދުކުލައިގެ އާދައިގެ ހަކުރަށް ކިޔާ ނަމެވެ. އެގޮތަށް ކިޔަނީ އެ ހަކުރު ހުންނަނީ ފުށްތަކެއްގެ ގޮތުގައި ކަމުގައި ވާތީ އެވެ. ހަކުރު ފުކެއްގެ ދިގުމިނުގައި ހުންނާނީ ގާތްގަނޑަކަށް 0.5 މިލިމީޓަރެވެ. މި ހަކުރު ތައްޔާރުކުރަނީ އުއްދަނޑި އާއި ޝުގާ ބީޓްސް ބޭނުންކޮށްގެންނެވެ. ގްރެނިއުލޭޓެޑް ޝުގާގެ ބަދަލުގައި ކާސްޓާ ޝުގާ ބޭނުންކުރެވިދާނެ އެވެ. ނަމަވެސް ކާސްޓާ ޝުގާއަކީ އާދައިގެ ހަކުރަށް ވުރެ ފޮނިކަން ގަދަ އެއްޗެއްކަން ހަނދާނުގައި ބަހައްޓަން ވާނެ އެވެ.
2. ކާސްޓާ ޝުގާ
ކާސްޓާ ޝުގާއަކީ ގްރެނިއުލޭޓެޑް ވައިޓް ޝުގާ ނުވަތަ އާދައިގެ ހުދު ހަކުރަށް ވުރެ ހިމުންކޮށް ހުންނަ ހަކުރެކެވެ. އޭގެ މާނައަކީ، ކާސްޓާ ޝުގާއަކީ އާދައިގެ ހަކުރަށް ވުރެ އަވަހަށް ވިރި، ތަކެއްޗާ އެކުވާ ހަކުރެއް ކަމެވެ. މީގެ ހަކުރު ފުކެއްގެ ބޮޑުމިނަކީ ގާތްގަނޑަކަށް 0.35 މިލިމީޓަރެވެ. ކާސްޓާ ޝުގާ އެންމެ ގިނައިން ބޭނުންކުރާނީ މޫސް، މެރޭންގްސް ނުވަތަ ޕުޑިންގް ފަދަ "ނާޒުކު/ޑެލިކޭޓް" ތަކެތި ހެދުމަށެވެ. އެކަމަކު އައިސިންގް، ފްރޮސްޓިންގް އަދި ބަޓާކްރީމް ހަދާކަށް ކާސްޓާ ޝުގާ ބޭނުމެއް ނުކުރާނެ އެވެ.
އަމިއްލަ ގޭގައި ކާސްޓާ ޝުގާ ތައްޔާރުކުރަން ބޭނުން ނަމަ، ފުޑް ޕްރޮސެސާއެއް ނުވަތަ ބްލެންޑަރަކަށް އާދައިގެ ހަކުރުކޮޅެއް އަޅައި، ކުޑަކޮށް ހިމުން ކޮށްލާށެވެ.
3. އައިސިން ޝުގާ
އައިސިން ޝުގާއަށް "ޕައުޑާ ޝުގާ"އޭ ނުވަތަ "ކޮންފެކްޝަނާސް ޝުގާ"އޭވެސް ކިޔާފާނެ އެވެ. މިއީ ވަރަށް ހިމުންކޮށް ހުންނަ ހަކުރެކެވެ. މި ހަކުރު އެތިއެތިގަނޑަށް ހުރުން ނުވަތަ "ކްލަމްޕް"ވުން ހުއްޓުވުމަށްޓަކައި ކޯންސްޓާޗް އަޅަ އެވެ.
އައިސިން ޝުގާއަކީ އާދައިގެ ހަކުރަށްވުރެ މަސައްކަތް ކުރާ ގޮތާއި އެހެނިހެން ގޮތްގޮތުން ވެސް ތަފާތު އެއްޗެކެވެ. އަދި އޭގައި ހިމެނޭ ކޯންސްޓާޗްގެ ސަބަބުން ބޭކް ކުރާ އެއްޗެހީގެ ޓެކްސްޗާއަށް ބަދަލު އައުމަކީ އެކާށީގެންވާ ކަމެއް ކަމުން، އައިސިން ޝުގާއަށް ބޭނުންކުރަންޖެހޭ ތަނުގައި އޭގެ ބަދަލަށް ގްރެނިއުލޭޓެޑް ޝުގާ ބޭނުންކުރުމަކުން ކަމަކު ނުދާނެ އެވެ.
4. ބްރައުން ޝުގާ
އާދައިގެ ހަކުރާއި މޮލާސެސް (molasses) އެއްކުރުމުން އެ އުފެދުނީ ބްރައުން ޝުގާ އެވެ. މޮލާސެސްއަކީ އުއްދަނޑި އާއި ޝުގާ ބީޓްސްއިން ހަކުރު އުފައްދާ އިރު އުފެދޭ ފޮނި، އޮލަ އަދި ގަދަ މުށި ކުލައެއްގައި ހުންނަ ދިޔަ އެވެ. ނުވަތަ ސިރަޕްއެކެވެ. އުއްދަނޑި އާއި ޝުގާ ބީޓްސްގެ ދިޔާ އާވިއަށް އަރައިގެން ދަންދެން ކެއްކުމުން ދެން ބާކީ ހުންނާނީ ކްރިސްޓަލައިޒްޑް (ހަރު) ހަކުރާއި މޮލާސެސް އެވެ. ބްރައުން ޝުގާ އަޅައިގެން ހަދާ ތަކެތީގައި ކެރެމެލްގެ ރަހައެއް ލަނީ މިހެންވެ އެވެ.
ބްރައުން ޝުގާގައި މޮލާސެސް އެކުލެވޭތީ، އާދައިގެ ހަކުރަށް ވުރެ ބްރައުން ޝުގާއިން ތަކެތީގެ ތެތްކަން އިތުރުކޮށްދެ އެވެ. އާދައިގެ ހަކުރުގެ ބަދަލުގައި ބްރައުން ޝުގާ ބޭނުންކުރާ ނަމަ، އެ ރެސިޕީއެއްގައި ހިމެނޭ ބައެއް އެހެނިހެން ތަކެތީގެ ޕްރޮޕޯޝަން (މިންވަރު) ކުޑަކޮށް ބަދަލުކޮށް، އެޖަސްޓްކޮށްލަން ޖެހިދާނެ އެވެ.
ބްރައުން ޝުގާ މައިގަނޑު ގޮތެއްގައި ދެ ބަޔަކަށް ބެހެއެވެ؛
ޑާކް ބްރައުން ޝުގާ: މިއީ މޮލާސެސް އާ އެއްކޮށްފައި ހުންނަ ހަކުރެވެ. ލައިޓް ބްރައުން ޝުގާއަށް ވުރެ މީގައި މޮލާސެސް ގިނަވާނެ އެވެ. އެހެންކަމުން މީގެން ދޭ ރަހަ ވެސް ވަރުގަދަވާނެ އެވެ.
ލައިޓް ބްރައުން ޝުގާ: މީގައި މޮލާސެސް ހިމެނޭނީ ޑާކް ބްރައުން ޝުގާއަށްވުރެ މަދުންނެވެ. ބަލާ ބެލުމަށް ލައިޓް ބްރައުން ޝުގާ ހުންނާނީ ތެތް ވެލި ހުންނަ ގޮތަށެވެ. އަދި އަތްލުމުން އެކަހަލަ އިހްސާސެއްވެސް ކުރެވިދާނެ އެވެ. މީގައި ހުންނާނީ މަޑު ކެރެމެލް ރަހައެކެވެ. އަދި ލައިޓް ބްރައުން ޝުގާ އާންމުކޮށް ބޭނުންކުރާނީ ބޭކިންގްގެ އިތުރުން ސޯސް އާއި ގްލޭޒް ތައްޔާރުކުރުމަށާއި، ސޭވަރީ ޑިޝްތައް ހެދުމަށެވެ.
ގޭގައި އަމިއްލައަށް ވެސް ބްރައުން ޝުގާ ތައްޔާރުކުރެވިދާނެ އެވެ. ބޭނުންވާނީ ކާސްޓާ ޝުގާ ނުވަތަ އާދައިގެ ހަކުރަށް މޮލާސެސްކޮޅެއް އަޅާލައި، އެއްކޮށްލާށެވެ. އެއް ޖޯޑު ހަކުރަށް 1 މޭޒުމަތީ ސަމުސާ މޮލާސެސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލެވޭނެ އެވެ. މޮލާސެސް ހޯދަން ދަތި ނަމަ އޭގެ ބަދަލުގައި މޭޕަލް ސިރަޕް ނުވަތަ ގޯލްޑަން ސިރަޕް ފަދަ ފޮނި ދިޔައެއް އަޅާއިގެން ހެދިދާނެ އެވެ. ބްރައުން ޝުގާއިން ލާންޖެހޭ ރަހަ ނުލިބުނު ނަމަވެސް ބޭނުންކުރަން އެންމެ ރަނގަޅުވާނެ އެވެ.
5. ޑެމެރަރާ ޝުގާ
ޑެމެރަރާ ޝުގާއަކީ ފުރިހަމައަށް ރިފައިން ނުކޮށް ހުންނަ ކޭން ޝުގާ އެވެ. މި ހަކުރު ހުންނާނީ ބޮޑެތި ފުށްތަކެއްގެ ގޮތުގަ އެވެ. އަދި "ކްރަންޗީ" ގޮތެއް ހުންނާނެ އެވެ. ބްރައުން ޝުގާއަށް ވުރެ މި ހަކުރުގައި މޮލާސެސް ރަހަ މަޑުވާނެ އެވެ. ނަމަވެސް މީގެ "ކްރަންޗީ"ކަމުގެ ސަބަބުން މިއީ ކޭކާއި ކުކީސް ފަދަ ތަކެތީގެ މައްޗަށް ޓޮޕިންގްއެއްގެ ގޮތުގައި އަޅަން ކަމުދާނެ ހަކުރެކެވެ. މި ހަކުރަށް ނަން ދެވިފައި ވަނީ މި ހަކުރު ފުރަތަމަ އުފައްދަން ފެށި ތަނުގެ ނަމުންނެވެ. -- އިސްތިއުމާރީ ދުވަސްވަރު ދެކުނު އެމެރިކާ ބައްރުގައި އޮތް ބްރިޓިޝް ގަޔާނާގެ ޑެމެރަރާއޭ ކިޔާ ރީޖަން އެވެ.
6. ޓާބިނާޑޯ ޝުގާ
ޓާބިނާޑޯ ޝުގާއަކީ ރޯ ހަކުރެވެ. ބަލާ ބެލުމަށް ލައިޓް ބްރައުން ޝުގާއާ ވައްތަރުވެދާނެ އެވެ. ނަމަވެސް މިއީ ތަފާތު ހަކުރެކެވެ. ޓާބިނާޑޫ ޝުގާގައި ހުންނާނީ ވަސރަށް މަޑު ކެރަމެލް ރަހައެކެވެ. އަދި އާންމުކޮށް މި ވައްތަރުގެ ހަކުރު އަޅަނީ ބުއިމަށް ބޭނުންކުރާ ތަކެތީގައި ފޮނި ރަހަ ލެއްވުމަށެވެ. އަދި ބޭކިންގްގައި ވެސް ޓާބިނާޑޯ ޝުގާ ބޭނުންކުރެ އެވެ.
7. މަސްކޮވާޑޯ ޝުގާ
މަސްކޮވާޑޯ ޝުގާއަކީ ރަންރިފައިންޑް ކޭން ޝުގާ އެވެ. ނުވަތަ އުއްދަނޑިން އުފައްދާ ގުދުރަތީ ހަކުރެވެ. ބްރައުން ޝުގާގައި ނުހިމެނޭހާ ގިނައިން މި ހަކުރުގައި މޮލާސެސް ހިމެނެ އެވެ. އަދި މި ހަކުރު ހުންނާނީ ވަރަށް ގަދަ މުށި ކުލައިގަ އެވެ. ހަކުރު ކްރިސްޓަލްތައް ބޮޑެތިވެފައި، ތަތްކަމެއްވެސް ހުންނާނެ އެވެ. މަސްކޮވާޑޯ ޝުގާއަށް ބާބަޑޮސް ޝުގާއޭވެސް ކިޔަ އެވެ.
ހަކުރުގެ ބަދަލުގައި ބޭނުްކުރެވޭނެ ތަކެތި
ޕްރޮސެސްކޮށް އުފައްދާ ހަކުރަށްވުރެ ގުދުރަތީ ހަކުރަށް ބައެއް މީހުން އިސްކަން ދީ އުޅެ އެވެ. ޝާ ބުނާ ގޮތުން އޭނާއަށް އެންމެ ކަމުދާ ގުދުރަތީ ހަކުރުތަކަކީ މާމުއި، މޭޕަލް ސިރަޕް އަދި ސްޓެވިއާ އެވެ.
މާމުޔަކީ ހަކުރެއް ނޫނެވެ. އެއީ ކުޅަނދުރު އުފައްދާ ގުދުރަތީ ސްވީޓްނާއެކެވެ. ބޭކް ކުރުމުގައި ގްރެނިއުލޭޓެޑް ޝުގާގެ ބަދަލުގައި މާމުއި ބޭނުންކުރެވިދާނެ އެވެ. އެކަމަކު މާމުޔަކީ ހަކުރަށް ވުރެ އަވަހަށް އަނދާފާނެ އެއްޗެއް ކަމުން، ރެސިޕީގައި ބުނާ ޓެމްޕެރޭޗާއަށް ވުރެ ހޫނުކަން މަޑުކުރަން ޖެހޭނެ އެވެ.
މީގެ އިތުރުން ދިޔާ އެއްޗެއް އަޅަން ލިޔެފައި ނުވާ ރެސިޕީއެއްގައި، ކޮންމެ މާމުއި ޖޯޑަކަށް ދެ މޭޒުމަތީ ސަމުސާ ފުށުގެ ނިސްބަތުން އިތުރުކުރުމުން ރަނގަޅުވާނެ އެވެ. އަދި މާމުއި މިންކުރާ އިރު ސަމުސާ ނުވަތަ ޖޯޑުގައި ހުރި ހުރިހާ މާމުޔެއް ބޭނުންކުރަން ވާނެ އެވެ.
ޓިޕް: މެޝަރިން ކަޕްއަށް މާމުއި އެޅުމުގެ ކުރިން ތެޔޮ ނުވަތަ ނޮންސްޓިކް ސްޕްރޭއަކުން ޖޯޑު ގްރީސްކޮށްލުމުން ޖޯޑުގައި މާމުއި ތަތްނުލާނެ އެވެ.
ހަކުރު ރައްކާކުރާނެ ގޮތް
ހަކުރު ރައްކާކޮށްފައި ބަހައްޓާނީ އެއާޓައިޓް (ވައި ދައުރުނުވާ) ކޮންޓެއިނާއެއްގަ އެވެ. އަދި މާ ހޫނު ގަދަ ނޫން، އަނދިރި ތަނެއްގަ އެވެ.
ބްރައުން ޝުގާއަކީ ތެތް އެއްޗެއް ނަމަވެސް، ވައި އެއާޓައިޓް ކޮންޓެއިނަރެއްގައި ބެހެއްޓުމުން ހަރުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ވައި ދައުރުނުވެ ތެތްކަން ގެއްލުވުން ގުދުރަތީ ގޮތުން ކަން ހިނގާ ގޮތެވެ. ބްރައުން ޝުގާ އޭގެ އަސްލު ގޮތަށް އިޔާދަކުރުމަށްޓަކައި، ބޯތައްޓަކަށް ނަގައި، ތެތް ފޮތިގަނޑަކުން އެ ނިވާކޮށްފައި ބަހައްޓާށެވެ.
ހަކުރުގެ ބަދަލުގައި ބޭނުންކުރެވިދާނެ ސްވީޓްނާ:
1 ޖޯޑު ހަކުރުގެ ބަދަލުގައި 3/4 ޖޯޑު މާމުއި ނުވަތަ މޭޕަލް ސިރަޕްއާއި 1 މޭޒުމަތީ ސަމްސާ ސްޓެވިއާ ބޭނުންކުރެވިދާނެ އެވެ.
1 މޭޒުމަތީ ސަމުސާ ހަކުރުގެ ބަދަލުގައި 3/4 މޭޒުމަތީ ސަމުސާ ހަކުރު ނުވަތަ މޭޕަލް ސިރަޕް އަދި 1/8 ސައިސަމުސާ ސްޓެވިއާ ބޭނުންކުރެވިދާނެ އެވެ.
ހަކުރާއި ބެހޭ ގިނަ މައުލޫމާތުތަކެއް އެނގިއްޖެކަމަށް އުންމީދުކުރަމެވެ.