ކޯނޭ އިތުރު އަހަރެއް މާޒިޔާގައި މަޑުކުރަނީ

ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޯނެލިއަސް ސްޓެވާޓްގެ އެއްބަސްވުން އައު ކުރުމަށް މާޒިޔާއިން ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ/މާޒިޔާ

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މިދިޔަ ދެ ސީޒަނުގައި ވެސް ކުޅުނު ސެއިންޓް ވިންސެންޓްގެ ފޯވާޑް ކޯނެލިއަސް ސްޓެވާޓް (ކޯނޭ) ގެ އެއްބަސްވުން އިތުރު އަހަރަކަށް އައުކޮށްފި އެވެ.

ނިމިދިޔަ ސީޒަނުގައި މާޒިޔާއިން ދިރާގު ދިވެހި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދިއިރު ސްޓެވާޓް ވަނީ މުހިއްމު ގިނަ ގޯލުތަކެއް ޖަހައި ތަފާތު ދައްކާފަ އެވެ. އަދި އެހެންމެ މާޒިޔާއިން މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދިއިރު، ކޮލިފައިންގ ބުރުގައި މާޒިޔާއިން ކުޅުނު މެޗުތަކުގައި ސްޓެވާޓް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މީގެ ކުރިން ރާއްޖޭގައި ކުޅޭ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި ކޯނޭއާ އެކު މާޒިޔާއަށް ކުޅުނު އިތުރު ދެ ބިދޭސީ ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް ވަނީ މިހާރު ހަމަވެފަ އެވެ. އެއާ އެކު ކޯނޭ ހޯދުމަށް ސަރަހައްދީ ބައެއް ޓީމުތަކުން މަސައްކަތް ކޮށްފައިވާ އިރު ބަންގްލަދޭޝްގެ ގަދަބާރު ޑާކާ އަބަހާނީން ވަނީ އޭނާއަށް ހުށައެޅުމެއް ހުށައަޅާފަ އެވެ.

ކޯނޭ އެންމެ ފުރަތަމަ ރާއްޖެ އައިސް 2017 ވަނަ އަހަރު ކުޅުނީ މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ ކޯޗު ކަމުގައި ޓީސީ ސްޕޯޓްސް ކްލަބަށެވެ. އެ ޓީމަށް އެ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕް ޓީސީ އަށް ކާމިޔާބު ކޮށްދިނުމުގައި ކޯނޭ މޮޅު ކުޅުމެއް ދެއްކި އިރު ޖެހިގެން އައި އަހަރު އޭނާ ވަނީ މާޒިޔާއަށް ބަދަލުވެ ފޯމު ދަމަހައްޓާފަ އެވެ.

މާޒިޔާއިން ސްޓެވާޓްގެ އެއްބަސްވުން އާކުރި ނަމަވެސް، އެޓީމުގެ މެސެޑޯނިއާގެ ކޯޗު މަރްޖާން ސެލުކޮސްލީގެ އެއްބަސްވުން ހަމަވުމުން އޭނާ ވަނީ ދޫކޮށްލާފައެވެ. މާޒިޔާއާއެކު ސެކުލޮސްކީ ހަދާފައިވާ އެއްބަސްވުން ހަމަވުމާއެކު، އޭނާ މިހާރު ވަނީ އެނބުރި ގައުމަށް ގޮސްފައެވެ. މި ދަނޑިވަޅުގައި ސެކުލޮސްކީގެ އެއްބަސްވުން އާ ނުކުރަން މާޒިޔާއިން ނިންމީ ކޮވިޑް-19 ގެ ސަބަބުން ކްލަބަކަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެންނެވެ.

އެހެން ކަމުން މާޒިޔާގެ ވިސްނުން ހުރީ ދިވެހި ކޯޗަކާ ޓީމު ހަވާލުކުރާށެވެ. އަދި ވަރަށް އަވަހަށް އާ ކޯޗަކާ ޓީމު ހަވާލުކުރާނެ ކަމަށް އެ ޓީމުން މައުލޫމާތު ދެ އެވެ.

comment ކޮމެންޓް