އަދީބުގެ މައްޗަށް 150 ދައުވާކޮށް، 806 އަހަރުގެ ހުކުމް އަންނާނެހާ ހެކި ހުރި: ޕީޖީ

އަދީބު: ފީލި އެހެން މީހުންގެ މައްސަލަތައްވެސް ބަލަންޖެހޭ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް 100 އަށް ވުރެ ގިނަ ދައުވާކޮށް، 800 އަށް ވުރެ ގިނަ އަހަރުގެ ހުކުމެއް އަންނާނެހާ ވަރަށް އޭނާއާ ދެކޮޅަށް ހެކި އެބަހުރި ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ އުފުލާފައި ވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ބުނެ، މިއަދު ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާތައް ބާތިލްކޮށްފައެވެ.

ފުލުހުންނާއި، އޭސީސީއާއި، އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގުގެ މައްޗަށް ބިނާކޮށް، އަދީބުގެ މައްޗަށް އުފުލީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ. ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ހަތް މައްސަލައިގައިވެސް އަދީބު ދައުވާއަށް އިއުތިރާފުވާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

ކްރިމިނަަލް ކޯޓުގެ ހުކުމާ ގުޅިގެން މިއަދު ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ ދައުލަތުން އޮތީ މައްސަލައިގައި ކުރިއަށް ދިއުމަށް ކަމަށާއި، އެ ހުކުމް އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

އަދި ދައުލަތުގެ ފަރާތުން އަދީބުގެ މައްޗަށް ދައުވާކުރީ، އޭނާގެ އިއުތިރާފު އެއްބަސްވުމުގެ މައްޗަށް ބަލައިގެން އެކަނި ނޫން ކަމަށާއި، ހެކީގެ ގޮތުގައި 700 އެތައް ޑޮކިއުމެންޓެއް ހުށަހަޅާފައިވާނެ ކަމަށެވެ.

"އެ ހެކިތަކުގެ މައްޗަށް ބަލައި އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މައްސަލަ ސާބިތުކުރެވޭނެ ކަމަށް. މި ހަތް މައްސަލަ ވެސް ސާބިތު ކުރެވޭ މިންވަރަސް ހެކި ހުރި ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެ އިއުތިރާފު ބަޔާނަކީ އަޅުގަނޑުމެން އޭގެ ޒާތުގައި ބޭނުން އެއްޗެސް ވެސް ނޫން. އެ ބަޔާނާ ނުލާވެސް އަޅުގަނޑުމެންނަށް ކުރިއަށް ދެވެން އެބަ އޮޮތް،" ޕީޖީ ވިދާޅުވިއެވެ.

އެހެން ނަމަވެސް ކްރިމިނަލް ކޯޓުންް ހަތް މައްސަލަ ބޭރުކޮށްލީ ދައުލަތަށް އެ ފުރުސަތު ނުދީކަން ޕީޖީ ފާހަގަކުރެއްވިއެވެ.

ޕީޖީ ވިދާޅުވީ މީގެކުރިން ތަކުރާރުކޮށް ކަން ހިނގާފައިވާގޮތަށް ބަލާއިރު، ހައިކޯޓުން މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމެއް ބޭއްވުމަށްފަހު، މިއީ ކްރިމިނަލް ކޯޓުން އަލުން ބަލަންޖެހޭނެ މައްސަލައެއްގެ ގޮތުގައި ނިންމަވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެހެންވީމަ އަލުން ކްރިމިނަލް ކޯޓުން ބައްލަވަންޖެހޭ ހިސާބަށް މި މައްސަލަ ގެންދެވޭނެ، ގެންގޮސްގެން އަލުން މައްސަލަ ބެލޭނެ،" ޕީޖީ ވިދާޅުވިއެވެ.

ދައުލަތުން އަދީބާއެކު ހަދާފައިވާ އެއްބަސްވުމަށް އިޝާރާތް ކުރައްވާ ޕީޖީ ވިދާޅުވީ، އެއާމެދު ދެން އަމަލުކުރައްވާނެ ގޮތެއް އަދި ބުނަން ނޭނގޭ ކަމަށާއި އެއްބަސްވުމުގައި އޮތް ކަންތައްތަކާ އެއްގޮތަށް އަމަލުކުރަމުން ގެންދާނީތޯ ނިންމަވާނީ މައްސަލަ ކުރިއަށްދާ ވަރަކުން ކަމަށެވެ.

ނަމަވެސް އެ އެއްބަސްވުމާ ނުލާ ކުރިއަށް ގޮސްގެން އަދީބާ ދެކޮޅަށް 150 އެއްހާ ދައުވާ ކުރެވޭނެ ވަރަށް ލިޔުންތައް ލިބިފައި އެބަހުރި ކަމަށާއި، އެ މައްސަލަތައް ސާބިތުވެއްޖެ ނަމަ 806 އަހަރުގެ ހުކުމެއް އަންނާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން ކުރިއަށް ދާން މި ތިބީ. އަޅުގަނޑުމެން އަދީބުގެ އިއުތިރާފު އެއްބަސްވުމާ ނުލާ ކުރިއަށް ގޮސްގެން ކުރާނެ 150 އަށްވުރެ ގިނަ ދައުވާ އެބަ ހުއްޓޭ. އެ ދައުވާތައް ސާބިތުވެއްޖެއްޔާ، އެއީ ޑޮކިއުމެންޓްރީ އެވިޑެންސް އިނގޭތޯ. ސާބިތުކޮށްދެއްވިއްޔާ 800 އަށް ވުރެ ގިނަ އަހަރުގެ ހުކުމެއް އަންނަ ވަރުގެ ލިޔުން އަޅުގަނޑުމެން އަތުގައި އެބަހުރި. އެހެންވީމަ އާޅުގަނޑުމެން ކުރިއަށް ދާނަން،" ޕީޖީ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައިވެސް އަދީބުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް ކުރި އެެވެ. ނަމަވެސް، އެއީ ސިޔާސީ ދައުވާތަކެއް ކަމަށް ބަލައި، މި އެ ހުރިހާ ދައުވާތައް އަނބުރާ ފޮނުވާލައި އަލުން ހަތް ދައުވާ ކުރީ އެވެ. އެ މައްސަލަތައް ބާތިލު ކުރުމަށް މިއަދު ނިންމި ނިންމުމާއެކު އޭނާ ވަނީ ބަންދުން މުޅިން މިނިވަންވެފައެވެ.

މީގެ ކުރިން، ފިސްތޯލައެއް ގެންގުޅުނު މައްސަލައިގައި 10 އަހަރުގެ ހުކުމަކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވާލި މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެެއް އަދީބަށް އިއްވިއެވެ. އެ ދެ ހުކުމްވެސް ޝަރީއަތުގެ ފަހު މަރުހަލާ ކަމަށްވާ ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. މާބިންހުރާ މައްސަލައިގައިވެސް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެ މައްސަލަވެސް ބާތިލުކުރީއެވެ. އޭގެ އިތުރުން ޓަގްބޯޓެއްގައި ފިއްލެވި މައްސަލައިގައި އޭނާއަށް ކުރި ތިން މަހާއި 18 މަސް ދުވަހުގެ ޖަލު ހުކުމްވެސް މިހާރު ވަނީ ތަންފީޒުކޮށް ނިމިފައެވެ. އެހެންކަމުން، އޭނާއަކީ މިހާރު މިނިވަނެކެވެ.

comment ކޮމެންޓް