މޫނަށް ބެލުމެއް ނެތި ފިޔަވަޅު އަޅާށެވެ.

ހުޅުމާލޭގައި އިއްޔެ ބިދޭސީން ހިންގި ހަމަނުޖެހުމަށް ފަހު ފުލުހުން ހަރަކާތްތެރިވަނީ --

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރަޝިޔާއާ އެކު މަސައްކަތް ކުރެއްވި ކަމަށް ކުރާ ތުހުމަތުގައި ހެކިވެރިންނަށް ނުފޫޒު ފޯރުވިކަން ސާބިތުވެ، ތިން އަހަރާއި ހަތަރު މަހަށް ޖަލަށް ލުމަށް ހުކުމް ކުރި، ޓްރަމްގެ ކުރީގެ މުޝީރު ރޮޖާ ސްޓޯން، ވައިޓް ހައުސުން މިނިވަން ކުރުމުން ހައިރާންކަން ލިބުނެވެ. އަދި ރައީސް ޓްރަމްޕްގެ އެ ނިންމުމާ އެކު، އޭނާ އަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ، އެމެރިކާގައި، ރައީސްގެ ރައްޓެހި ބޭފުޅުންގެ މައްޗަށް އިންސާފު ގާއިމު ނުކުރެވޭ ކަމަށެވެ. އަދި ގާނޫނު ހިނގަނީ ނިކަމެތީންގެ މައްޗަށް އެކަނި ކަމަށެވެ.

މިއީ މިހާރު މުޅި ދުނިޔެ އަށް ވެސް ފެތުރެމުންދާ ވަބާއެކެވެ.

ދެހާސް އަށް ވަނަ އަހަރު ރާއްޖޭގައި އަމަލުކުރަން ފެށި ގާނޫނު އަސާސީގައި ތިން ބާރު ވަކިވެ، އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެތައް މިނިވަން މުއައްސަސާއެއް ގާއިމު ކުރި އެވެ. އަދި އެ މުއައްސަސާތަކުގެ މުވައްޒަފުންނަށް އެތައް ސަތޭކަ މިލިއަން ރުފިޔާ މުސާރަ އާއި އެ ނޫން ގޮތް ގޮތުން ރައްޔިތުންގެ ޓެކްސް ފައިސާ އިން ހޭދަ ކުރެ އެވެ. އަދި އެ ޓެކްސް ފައިސާގެ ބޮޑު ބަޔަކީ އެންމެ އާދައިގެ މީހާގެ އަތުން ވެސް ގިނަ އަދަދަކަށް ނަގާ ފައިސާ އެވެ. ނަތީޖާއެއްގެ ގޮތުން އެ މީހުންގެ ދިރިއުޅުން އިތުރަށް ބިކަވެ އެވެ.

ސުވާލަކީ ރައްޔިތުން އެވާ ގުރުބާނީގެ އަގު އެ މީހުންނަށް ލިބެނީ ކިހާވަރަކަށްތޯ އެވެ؟

އަޅުގަނޑު ފަށާނީ ބޮޑުފިނޮޅާ ހިސާބުންނެވެ. އެ ރަށުގައި މަސަކަތް ކުރަން ތިބި ބިދޭސީންނަށް މުސާރަ ނުދީގެން ބޮޑެތި މައްސަލަތަކެއް ކުރިމަތިވެ، އެ މީހުން ފުލުހުންނާ ކުރިމަތިލައި ބޮޑު ހަމަނުޖެހުމެއް ހިންގި އިރު، އެ މައްސަލަ ގޮސް މި ހުއްޓެނީ ވެރިކަން ކުރާ ޕާޓީގެ މެންބަރެއްގެ މަސަލަހަތާ އެވެ. އެ ރަށުގައި 205 ބިދޭސީން ތިބި އިރު، 14 މީހަކު ފިޔަވައި އަނެއް 191 މީހުންނާ ހަވާލުވާނެ ބަޔަކުނުވި އެވެ. ކޮންޓްރެކްޓަރު މި ބުނަނީ އެ މީހުންނަކީ، އެ ކުންފުންޏާ ބެހޭ ބައެއް ނޫން ކަމަށެވެ. ޑިވެލޮޕަރު ބުނަނީ، މުސާރަ ހޯދުމަށް ކޮންޓްރެކްޓަރު ފޮނުވި ލިސްޓްގައި އެ އެންމެން ހިމެނޭ ކަމަށެވެ. އަޅެ ފަހެ މިއީ އަރަތެއް ނޫން ތޯ އެވެ؟

ޓޫރިޒަމް މިނިސްޓްރީ އިން ދާދިފަހުން ނެރުނު ބަޔާނެއްގައި ބުނީ، ރިސޯޓް އެއްވެސް މަޝްރޫއުއެއްގައި ވޯކްޕާމިޓް ނެތް ބަޔަކު ލައްވައި މަސައްކަތް ކުރުވައިގެން ނުވާނެ ކަމަށެވެ. އަދި ނުކުރެވޭނެ ކަމަށެވެ. ހަމަ އެހެންމެ މާލޭ ސިޓީ ކައުންސިލުން ބުނީ، މާލޭގައި ހިންގާ އެއްވެސް މަޝްރޫއެއްގައި ވޯކްޕާމިޓް ނެތް ބަޔަކު މަސައްކަތް ނުކުރާނެ ކަމަށެވެ.

ސުވާލަކީ ބޮޑުފިނޮޅުގައި މަސައްކަތް ކުރި މީހުންނަކީ ކޮންތާކުން، ކާކު އެތަނަށް ގެންދިޔަ ބައެއްތޯ އެވެ؟ އެ ސުވާލުގެ ޖަވާބު އޮތޯރިޓީތަކުން ރައްޔިތުންނަށް ސާފުކޮށްދޭކަށް ނުޖެހޭނެތޯ އެވެ؟ އެއް ކުންފުނި ބްލެކް ލިސްޓްވުމުން އިތުރު ބަޔަކަށް 300 މީހުންގެ ކޯޓާ ލިބުނު ގޮތް ސާފުވާން ޖެހެ އެވެ.

ސަރުކާރުގެ ރެކޯޑްތަކުން އެނގޭ ގޮތުގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު 63،000 އަށް ވުރެ މައްޗަށެވެ. އެއީ އަދި ރެކޯޑުން ފެންނަ ވަރެވެ. އެ މީހުން ސިސްޓަމަށް ފެއްތުމުގެ ބަދަލުގައި އެ މީހުންގެ ނާޖާއިޒު ފައިދާ ބަޔަކު ނަގަނީތޯ ސުވާލު ނޫފެދޭތޯ އެވެ.

ބޮޑުފިނޮޅުގެ ޑެވޮލަޕަރާއި ކޮންޓްރެކްޓަރުގެ ޓީމުން ފަހަރަކު ބަޔާނެއް އެއޮއް ނެރެމުން ގެންދަނީ އެވެ. ޑެވޮލޮޕަރު ބުނަނީ، އިތުރަށް ވެސް ފައިސާ ދީފައިވާނެ ކަމަށެވެ. ކޮންޓްރެކުޓަރު ބުނަނީ، އެ ބުނާ ވަރަށް ފައިސާ ނުލިބޭ ކަމަށެވެ. އެ ތަނުގައި މަސައްކަތް ކުރަން ތިބި ބިދޭސީން ބުނަނީ މުސާރަ ނުލިބޭތާ ހަތަރު ފަސް މަސް ވެދާނެ ކަމަށެވެ. މި ކަމުގެ ކޮޅެއް މެދަކީ ކޮބައިތޯ އެވެ؟ އޮތޯރިޓީތަކުގެ ބޭނުމަކީ އެކަން ކަމަށް ހައްލު ހޯދައިދިނުން ނޫންތޯ އެވެ.

ދެން ޖެހިލާނީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ހިންގި ކަމަށް ބުނާ ރޭޕްގެ މައްސަލަ އަށެވެ. އެ މައްސަލާގައި ވެސް ގޯސްވީ މީޑިއާ އެވެ. އެ ބަޔަކު އެ ކުރި ނޫނީ ހިންގި އަމަލަށް ވުރެ، އެ ހާލަތުގައި އެ ކެންޔާ އަންހެން މީހާ "ހާމަވާ" މައްސަލަ މާ ބޮޑު މައްސަލައަކަށް ވެއްޖެ އެވެ. އެންމެ ފަހުން އެ މައްސަލައާ ގުޅިގެން މީޑިއާތައް ޖޫރިމަނާ ކުރުމުގެ ސަގާފަތެއް އަށަގަންނުވާ ހިސާބަށް ވެސް މައްސަލަ ދިޔަ އެވެ. އޭރު ކުރަން އުޅުނު ކަމަކީ މީޑިއާ ކައުންސިލުގެ ގާނޫނުގައި މީޑިއާ ރެގިއުލޭޓް ކުރުމަށް ކަނޑައަޅާފައި އޮންނަ އުސޫލާ ހިލާފުވާކަން ވެސް، ބައެއް ބޭފުޅުންނަށް މި ކުރެވޭ ކަމެއް ނޭނގޭ ހިސާބަށް ދިއުމެވެ. ގާނޫނުގައި އޮންނަ ގޮތަށް މީޑިއާތައް ރެގިއުލޭޓް ނުކުރެވޭ ނަމަ، ސްޓޭކް ހޯލްޑަރުންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަންވީ ނޫންތޯ އެވެ. އަދި ޖޫރިމަނާއަކާ ހަމައަށްދާކަށް ނުވޭ ނޫންތޯ އެވެ. މަޖިލީހުގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު އޮތް ބަޔަކަށް އެކަން ކުރުން އެއީ ފުއްޓަތްކެއް ޖެހުން ފަދަ ފަސޭހަ ކަމެއް ނޫންތޯ އެވެ.

ބޮޑުފިނޮޅުގައި ބިދޭސީންތަކެއް --

ކެންޔާގެ 27 އަހަރުގެ އަންހެން މީހާ ނުދޭ އިންޓަވިއުއަކުން އަދި ނުދައްކާ ވާހަކައަކުން އެ ވާހަކަތައް އެ ގޮތަށް ތިލަކޮށް އުފަން ކުރުވާނެ ގޮތަކީ ކޮބައިތޯ އަބަދު ވެސް ސުވާލު އުފެއްދުމުގެ ޖާގަ އޮންނާނެވެ. އެކަން އޭނާ ސާފުކޮށްދޭން ބޭނުން ނަމަ މުޅި މީޑިއާގެ ހާޒިރުގައި ހުޅުވިފައިވާ އިންޓަވިއުއެއް ދޭންވީ ނޫންތޯ އެވެ. އޭނާ ދިން އިންޓަވިއުތަކުން އެއީ ކާކުކަން ފޮޓޯތަކުން އެހެރީ ފެންނަން ނޫންތޯ އެވެ. އިތުރަށް ފޮރުވަން އޮތީ ކޮން ކަމެއްތޯ އެވެ. އެކަމަކު އަދި އަދަދަށް ދާންދެން ވެސް އެކަމުގެ އެކޮޅު މިކޮޅު މި އޮންނަނީ ވަންހަނާގަ އެވެ. އަރަތެއް ނޫންތޯ އެވެ؟

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ފެށޭ ހިސާބަކީ ކުރީގެ ސަރުކާރުތަކެވެ. އެ ހަގީގަތް ގަބޫލުކުރަން ޖެހެ އެވެ. އެކަމަކު އެ މީހުންގެ ބޮލަށް އެކަން ކަނޑާލައިގެން ތިބެވޭކަށް ނެތެވެ. އެ އަށްވުރެ މައްސަލަ ނުރައްކާވެފައި ސީރިއަހެވެ. އެކަން ހައްލު ކުރުމަށް ސީރިއަސް ފިޔަވަޅުތަކެއް ނާޅައިފި ނަމަ އެ ކަމުގެ އާހިރު ނަތީޖާ ވަރަށް ވެސް ހިތިވާނެ އެވެ. އަންނަން އޮތް ޖީލުތަކުގެ މީހުން މިއަދުގެ ޖީލުތަކުގެ މީހުންނަށް އެ ލައުނަތް ދޭނެކަން ގަބޫލު ކުރަން ޖެހެ އެވެ.

ތެދުފުޅެކެވެ. މި ސަރުކާރުން މަސައްކަތްކޮށްގެން 4،000 ވަރަކަށް ބިދޭސީން މިހާތަނަށް ފޮނުވާލައިފި އެވެ. އެއީ ރަނގަޅަށް އެޅި ފިޔަވަޅެކެވެ. މަރުހަބާ އެވެ. އެކަމަކު އެކަން ކުރަނީ އެންމެ ބާރު ސްޕީޑްގައިތޯ އެއީ ސުވާލެކެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ މީހުން ހޯދުމަށް މަސައްކަތް ކުރަނީ އަދި އެ މީހުން ގަވާއިދުގެ ތެރެއަށް ފެއްތުމަށް މަސަކަތް ކުރަނީ އެންމެ ރަނގަޅަށްތޯ އަޅުގަނޑު ސުވާލު އުފައްދަމެވެ. ސަރުކާރުން ބޭނުން ނަމަ ކައުންސިލްތައް މެދުވެރިކޮށް، ރަށް ރަށުގައި ގަވާއިދާ ހިލާފަށް މަސަކަތް ކުރާ މީހުން ހޯދުމަކީ އެހާ އުނދަގޫ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

ސަރުކާރުގެ ހައިސިއްޔަތުން ކުންފުނިތަކުގެ ވަތްގަނޑުތަކަށް އަތްލައި ބިދޭސީންނަށް މުސާރަ ނުދެވިދާނެ އެވެ. އެކަމަކު ސަރުކާރަށް އެތަންތަނުގެ ލައިސަންސް ބާތިލު ނުކުރެވޭނެތޯ އެވެ. ހަމަ ޔަގީނުން ވެސް އެއީ ކުރެވޭނެކަންކަން ނޫންތޯ އެވެ؟ ދެން ދައްކާ ވާހަކައަކީ ބިދޭސީން އެ ގޮތަށް ފޮނުވާނުލެވޭނެ ކަމަށް ދައްކާ ވާހަކަ އެވެ. އެއީ ވެސް އޮއްޓަރެއް ހުރި ވާހަކަތަކެއް ނޫނެވެ. ވިސާއާ ނުލައި ކޮން ގައުމެއްގައި ކާކަށްތޯ ހުރެވޭނީ އަމިއްލަ ނަފުސާ ސުވާލުކޮށްލުމުން އެ ބޭބޭފުޅުން އެ ދައްކަވާ ވާހަކަފުޅުގައި އޮތީ ކިހާވަރެއްގެ ބަރުދަނެއްތޯ އަމިއްލަ އަށް ވަޒަން ކުރެވޭނެ އެވެ. އެއީ ހަމަ އެއްވެސް ވާހަކައެއް ނޫނެވެ. ގަވާއިދާއި ގާނޫނާ ހިލާފަށް އުޅޭ މީހުން ރާއްޖެ އިން ފޮނުވާލެވޭނެ އެވެ. އަދި ޖެހޭނީ ވެސް ފޮނުވާލާށެވެ. ހޮޅި ވާހަކަ ނުދައްކާށެވެ.

އެކަމުގައި ބަލަން ޖެހޭނީ ގޯސްކޮށް ކަން ކޮށްފައި އޮތް ފަރާތެކެވެ. ކަމެއް ނުކުރެވޭނެ ކޮޅުމަތި ދައްކަން ބޭނުން ނަމަ ވަރަށް ގިނަ ވާހަކަ ދެކެވިދާނެ އެވެ. އެކަަމަކު ބުއްދީގެ ހަމަތަކުން ކަންކަން ބަލާ މީހުންނަށް އެ ވާނުވާ، ނޫނީ ޕަޒުލް ގުޅުވާލުމަކަށް އެއީ އެހާ އުނދަގޫ ކަމެއް ނޫންކަން ގަބޫލު ކުރަން ޖެހެ އެވެ. އެ އުސޫލުން ބަލާ އިރު، 300 ވަރަކަށް މީހުންނަށް ބޮޑުފިނޮޅުގައި މަސައްކަތް ކުރަން ފުރުސަތު ލިބުނީ ކިހިނެއްތޯ އެބަ އެނގެން ޖެހެ އެވެ.

އެ ހުރިހާ ކަމެެއް އެއްފަރާތްކޮށްފައި، އަޅުގަނޑަށް އެނގޭ ކަމަކީ ބިދޭސީންގެ މައްސަލައަކީ ގައުމީ ބޮޑު މައްސަލައެއް ކަމެވެ. އަދި އެކަން އަވަސް ގޮތަކަށް ހައްލުކުރަން ޖެހޭ ކަމެެވެ. ހަމަ އެއާ އެކު ފުލުހުނާއި ސިފައިންގެ އިމާރާތް ފަދަ 100 ނޫނީ 200 މިލިއަން ޑޮލަރުގެ މަޝްރޫއުތަކުގެ މަސައްކަތް ހަވާލުކުރަން ޖެހޭނީ ޓްރެކް ރެކޯޑަށް ބެލުމަށް ފަހު ގާބިލު ބަޔަކަށް ކަމެވެ. އެ ދެ އިމާރާތުގެ މައްސަލަ އަށް ފީނާ ނަމަ އެއީ ވެސް ކޮޅުން ލާނެ ވާހަކައެއް ނޫނެވެ. އެތަން ހެދުމަށް ހަވާލުވި ފަރާރްތަކަށް ލިބުނު ރަށްތަކުގެ މަންފާ އާއި އަދި އެ މަންފާ ލިބުނީ ކޮން ބަޔަކަށްތޯ ފީނާލުމުން ހަގީގަތް ރަނގަޅަށް އެނގޭނެ އެވެ.

ނިންމާލަމުން ވެސް އަޅުގަނޑުގެ އޮތީ އެންމެ ސުވާލެކެވެ. އެއީ ބޮޑެތިހާ ނަމުން މިނިވަން މުއްސަސާތައް ހަދައިގެން ޕާޓީ ކުދިންނަށް ވަޒީފާދޭން ކީއްކުރަން ކުރާ ކަމެއްތޯ އެވެ؟ އާންމުންގެ އަތުން ޓެކްސް ނަގައި އެ މީހުންގެ ޖީބުތަކަށް ބަރުވުން ފިޔަވައި ވާކަމެއް އެބަ އޮތްތޯ އެވެ؟ ބައެއް މީހުން ބުނާ ގޮތުގައި "މައުމޫނިޒަމް" ވެސް މިއަށް ވުރެ ރަނގަޅެވެ. ނަމުން ޑިމޮކްރަސީ އެވެ. ކަމުން އަމިއްލަ ޖީބަށެވެ.

comment ކޮމެންޓް