ކޮވިޑަށް ޕޮޒިޓިވްވި މީހާއާ ގުޅިގެން ކުޑަފަރީން 30 މީހަކު އެކަހެރިކޮށްފި

ނ. ކުޑަފަރީ -- (ފޮޓޯ/ފޭސްބުކް/ކުޑަފަރީ ކައުންސިލް)

ނ. ކުޑަފަރީން އިއްޔެ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާއި ގުޅިގެން 30 މީހަކު އެކަހެރި ކޮށްފި އެވެ.

ކުޑަފަރީ ކައުންސިލް ނައިބު ރައީސް ޖަޒްލާން އާދަމް "ސަން" އަށް ވިދާޅުވިގޮތުގައި އިއްޔެ ޕޮޒިޓިވްވި މީހާއާއި ގުޅިގެން 30 މީހަކު އެކަހެރި ކުރެވިފައިވާއިރު އެތަނުން އެކަކުގެ ސާމްޕަލް ވަނީ އިއްޔެ ނެގިފަ އެވެ.

"އޭނާގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް. އެކަމަކު އަދި 30 މީހުން ވަނީ އެކަހެރި ކުރެވިފައި،" ޖަޒްލާން ވިދާޅުވިއެވެ.

ކުޑަފަރީ މިހާރު މޮނިޓަރިންގް ހާލަތުގައި އޮތް އިރު އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ ފައިކަށީގައި ރެނދެއްލައިގެން ނ. މަނަދޫ ހޮސްޕިޓަލަށް ގެނެވުމަށްފަހު އިތުރު ފަރުވާ ދިނުމަށް މާލެ ގެނެވުމާއިއެކުގަ އެވެ.

މަނަދޫ ހޮސްޕިޓަލުގެ މެނޭޖަރު އިސްމާއިލް ޝަފީގް އިއްޔެ ވިދާޅުވި ގޮތުގައި ޕޮޒިޓިވްވި މީހާއާއި މަނަދޫއިން 16 މީހަކާއި ކޮންޓެކްޓްވުމުގެ ސަބަބުން އެމީހުން ގޭގައި އެކަހެރިވުމަށް ވަނީ އެންގިފަ އެވެ.

comment ކޮމެންޓް