ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ޒަކަރިއްޔާ ހުސައިން އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާ އިސްތިއުފާ ދެއްވާފައިވާކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލިސް ތަޅުމުގައި ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ ޒަކަރިއްޔާ ސީއެސްސީއިން އިސްތިއުފާދިންކަން ރައީސް އޮފީހަށް އަންގާފައިވާ ކަމަށެވެ.
ސީއެސްސީގެ ރައީސް އަލީ ޝާމީމްވެސް ވަނީ މިއަދު އެ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ. އެ ދެ ބޭފުޅުން މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ މަޖިލީހުން ސީއެސްސީގެ ހަތަރު މެމްބަރަކު ވަކި ކުރުމުގެ މައްސަލަ މިއަދު އެޖެންޑާ ކޮށްފައިވާ ވަނިކޮށެވެ.
ސީއެސްސީގެ ހަތަރު މެމްބަރުން މަގާމުން ވަކިކުރަން ނިންމައި މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއިން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ ކޮމިޓީއިން ބެލި ބެލިމުން ސީއެސްސީގެ މެމްބަރު ކަމުގެ މަގާމު އަދާކުރުމގެ ގާބިލުކަން އެ މެމްބަރުންގެ ނެތް ކަމަށް ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ފާސްވެފައިވާ ކަމަށެވެ.
ސީއެސްސީގެ މެމްބަރުން މަގާމުން ވަކިކުރަން މިއަދު މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެ އެވެ.