ގާނޫނުއަސާސީން ނުވަތަ ގާނޫނުތަކުން މާލީ ބަޔާން ތައްޔާރުކޮށް އޮޑިޓާ ޖެނެރަލަށް ހުށަހެޅުން ލާޒިމުކޮށްފައިވާ ފަރާތްތަކުގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނީގެ މައުލޫމާތު
އޮޑިޓާ ޖެނެރަލަށް ހާމަކުރުމުގެ އުސޫލު އާންމުކޮށްފިއެވެ.
އެ އުސޫލު އެކުލަވާލާފައި ވަނީ އޮޑިޓާ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން އަމަލުކުރަން ޖެހޭގޮތް ބަޔާންކުރުމަށެވެ.
މީގެ އިތުރުން މާލީ ބަޔާން ބައިލައިގަތުމާއި ބެލެހެއްޓުމުގައި
އޮޑިޓާ ޖެނެރަލްގެ އޮފީހުން އަމަލުކުރާނެ ގޮތާއި، މާލީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން އަމަލުކުރާ ގޮތާމެދު އޮޑިޓާ ޖެނެރަލަށް ނުވަތަ އޮޑިޓް އޮފީހަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަމަލުކުރާނެ ގޮތާއި، ހުށަހަޅާ މާލީ ބަޔާން ތަހުގީގުކުރުމަށް ތަހުގީގީ އިދާރާތަކަށް ފޮނުވުމުގައި އަމަލުކުރާނެ ގޮތާއި މާލީ ބަޔާަން ބަލަހައްޓާނެ ގޮތާއި، ގައުމީ އަރުޝީފަށް ލިޔުންތައް ހަވާލުކުރުމުގައި އަމަލުކުރާނެ ގޮތް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އެ އުސޫލަށް ބަދަލު ގެނެވޭނީ، އޮޑިޓާ ޖެނެރަލްގެ އޮފީހަށެވެ.
މާލީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުން އެ މައުލޫމާތު ހުށަހަޅަން ޖެހޭނީ މަގާމާ ނުވަތަ މެންބަރުކަމާ ހަވާލުވުންނާއި، މަގާމުގައި ނުވަތަ މެންބަރުކަމުގައި ހޭދަކުރާ ކޮންމެ އަހަރެއް ފާއިތުވުމުންނާއި މަގާމުން ނުވަތަ މެންބަރުކަމުން ވަކިވުމުންނާއި
ވަކިވުމަށްފަހު، އަހަރު ހަމަވުމުން ކަމަށް އުސޫލުގައިވެއެވެ.
އެގޮތުން ރައީސް، ވަޒީރުންގެ މަޖިލީހުގެ މެމްބަރުން، ޖޭއެސްސީގެ މެމްބަރުން، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން، އޭސީސީގެ މެމްބަރުން، ޕްރޮސެކިއުޓާ ޖެނެރަލް، ކޮމިޝަނާ ޖެނެރަލް އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން، މީރާގެ ބޯޑު މެމްބަރުން، މަރު ކޮމިޝަންގެ މެމްބަރުން، އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުންގެ އިތުރުން ގާނޫނަކުން ނުވަތަ ގަވާއިދަކުން އޮޑިޓާ ޖެނެރަލަށް މާލީ ބަޔާން ހުށަހަޅަން ލާޒިމްކުރާ ކޮންމެ ފަރާތަކުން ބަޔާން ހުށަހެޅުން ލާޒިމުވާނެއެވެ.
މަގާމާ ނުވަތަ މެންބަރުކަމާ ހަވާލުވި ތާރީހުގައި ހުށަހަޅަންޖެހޭ
މާލީ ބަޔާން ހުށަހަޅާނީ، މަގާމަށް ނުވަތަ މެންބަރު ކަމަށް
އައްޔަނުކުރި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައެވެ.
މަގާމުގައި ނުވަތަ މެންބަރުކަމުގައި ހޭދަކުރާ ކޮންމެ އަހަރެއްގައި އަހަރަކު އެއްފަހަރު ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހަޅާނީ، އެ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިންނެވެ.
މަގާމުން ވަކިވާ ނުވަތަ ވަކިކުރާ ތާރީހުގައި ހުށަހަޅަންޖެހޭ މާލީ ބަޔާން ހުށަހަޅާނީ، ވަކިވި ނުވަތަ ވަކިކުރި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައެވެ.
މާލީ ބަޔާނުގައި މައުލޫމާތު ހާމަކުރާއިރު އެފަރާތުގެ ނަމުގައި އެހެން ފަރާތެއްގެ މަސްލަހަތެއް އޮތް މުދަލެއް ހުރިނަމަ، އެކަން ހާމަކުރަން ވާނެއެވެ.
އަދި ޓްރަސްޓް އެރޭންޖްމަންޓެއްގެ ދަށުގައި ބަހައްޓައިފައިވާ ހުރިހާ މިލްކަކާއި އެއިން ލިބޭ އެއްޗެއްގެ މައުލޫމާތާއި، ޓްރަސްޓުގެ މިލްކިއްޔާތުތަކުގެ ހުރިހާ މުއާމަލާތެއް ވެސް ހާމަކޮށް ހުށަހަޅަން ޖެހޭނެއެވެ.
މާލީ ބަޔާން ހުށަހަޅާ ފަރާތުގެ މުދަލާއި ފައިސާ އެހެން ފަރާތެއްގެ ނަމުގައި ހުރިނަމަ، އެފަދަ މުދަލާއި ފައިސާގެ މައުލޫމާތު ހުށަހަޅަން ވާނެއެވެ.
މާލީ ބަޔާން ހުށަހެޅުން ލާޒިމްވާ ފަރާތްތަކުން، އުސޫލުގައި ކަނޑައަޅައިފައިވާ މުއްދަތުތަކަށް އެ މައުލޫމަތު ހާމަނުކޮށް ލަސްކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
މާލީ ބަޔާން ށަހަޅަންޖެހޭ މުއްދަތު ހަމަވުމުން، އޮޑިޓާ ޖެނެރަލްގެ އޮފީހުން ގުޅައި އެކަން ހަނދާންކޮށްދޭން ވާނެ ކަމަށާއި، އެއަށްފަހު ވެސް ހުށަނާޅައިފިނަމަ، ދެން ލިޔުމުން އަންގަން ވާނެ ކަަމަށް އުސޫލުގައިވެއެވެ.
އަހަރުގެ މޭ މަހުގެ ނިޔަލަށް މާލީ ބަޔާން ހުށަނާޅައިފި ނަމަ އެ މައްސަލަ ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް ހުށަހަޅަން ޖެހޭނެއެވެ. އަދި އެ އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް އެސެޓް ޑިކްލަރޭޝަން ހުށަނާޅައިފިނަމަ، އޮޑިޓާ ޖެނެރަލްގެ ފަރާތުން ދެން އެކަން ހުށަހަޅާނީ ރައްޔިތުންގެ މަޖިލީހަށެވެ. އެއަށްފަހު ދެން އެކަމަށް ގޮތެއް ނިންމާނީ މަޖިލީހުންނެވެ.
އުސޫލާ ހިލާފަށް އަމަލުކުރުމަކީ ކުށެއް ކަމަށާއި އެފަދަ އަމަލު ތަކުރާރުކުރާ ފަރާތްތަކުގެ މައްސަލަ ތަހުގީގުކުރުމަށް ދައުލަތުގެ ތަހުގީގީ އިދާރާއަކަށް ހުށަހެޅުމުގެ އިހުތިޔާރު، އޮޑިޓާ ޖެނެރަލަށް ލިބިގެންވާ ކަމަށް އުސޫލުގައިވެއެވެ.
މާލީ ބަޔާނުގައި ހުށަހަޅާ ލިޔުންތަކަކީ ސިއްރު ލިޔުންތަކެކެވެ. ސިއްރު ލިޔުންތަކާއި މައުލޫމާތު ހާމަކުރާނީ، އެ ލިޔުންތައް ހުށަހެޅި ފަރާތުން ކަމަށާއި ސިއްރު ލިޔުންތަކާއި މައުލޫމާތު ހޯދަން އެދެންވާނީ، އެ ލިޔުންތަކާއި މައުލޫމާތުގެ ވެރިފަރާތުގައި ކަމަށް އުސޫލުގައި ބުނެއެވެ.