ކައުންސިލްތައް ހިންގުމަށް ސަރުކާރުން ބްލޮކް ގްރާންޓް ދޭ ފޯމިއުލާ ބަދަލުކޮށް އަލުން އެކުލަވައިލަން އޮޑިޓް އޮފީހުން ހުށަހަޅައިފިއެވެ.
މިއަދު މަޖިލީހުގައި ބޭއްވި ބަޖެޓް ދިރާސާކުރާ ކޮމިޓީގައި ވާހަކަ ދައްކަވަމުން އޮޑިޓް އޮފީހުން ބުނީ، ކައުންސިލްތަކުގެ ތެރެއިން ބައެއް ކައުންސިލްތަކަކީ އަމިއްލައަށް ފައިސާ ލިބޭ ކައުންސިލްތަކެއް ކަމަށެވެ. އަދި މި ކައުންސިލްތަކަށް އިތުރަށް ފައިސާ ލިބޭނެ މަގުތައް ވެސް އެބަހުރިކަން އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
"ބައެއް ކައުންސިލްތަކުގެ އެކައުންޓުގައި ގިނަ އަދެއްގެ ފައިސާ ހުންނަކަމާއި ކައުންސިލްތަކަށް ލިބެންޖެހޭ ފައިސާ ހޯދަން އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާކަން ވެސް އަޅުގަނޑުމެންގެ އޮޑިޓްތަކުން ފާހަގަކުރެވޭ،" އޮޑިޓް އޮފީހުން ބުންޏެވެ.
ކަން މިހެން އޮތްއިރު، ދައުލަތުގެ މާލީ ހާލަތު ދަށްވުމުން އެކި ދައިރާތަކުން ޚަރަދު ވެސް ކުޑަކުރަން ޖެހޭކަން ފާހަގަކޮށް އޮޑިޓް އޮފީހުން ބުނީ، ކައުންސިލްތަކަށް ދޭ ފައިސާގެ އަދަދާއި އެ ފައިސާ ދޭ ފޯމިއުލާ ބަދަލުކޮށް އަލުން އެކުލަވާލުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކޭކަމަށް އޮޑިޓް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، ކައުންސިލްތަކަށް ފައިސާ ދޭއިރު އެ ކައުންސިލްތަކުގެ މާލީ ހާލަތު ވަޒަންކުރަން ޖެހޭ ކަމަށެވެ.
"...ކައުންސިލްތަކަށް ދޫކުރާ ގްރާންޓުގެ ޖުމްލަ އަދަދު ބެހުމުގައި ކައުންސިލްތަކުގެ މާލީ ހާލަތު ވަޒަންކޮށް، ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ހުރި ފުރުސަތުތައް ބަލައިގެން ހަމަހަމަކަން އިތުރުވާނެ ގޮތެއްގައި ބްލޮކް ގްރާންޓު ދިނުމަކީ ރަނގަޅު ގޮތެއްކަމުގައި ދެކެން،" އޮޑިޓް އޮފީހުން ބުންޏެވެ.
އޮޑިޓް އޮފީހުން މި ހުށަހެޅުން ހުށަހެޅީ، އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ގާނޫނުގައި ބަޔާންކުރާ އަދަދަށްވުރެ މަދުކޮށް ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޭން ހިމެނި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.
ބްލޮކް ގްރާންޓަށް ކަނޑައެޅި ފައިސާއަށް މަދުވާ ބައި، ކޮންޓިންޖެންސީ ބަޖެޓުން ނަގަން މާލީ ވަޒީރު މޫސާ ޒަމީރު ފަހުން އެދިވަޑައިގަތެވެ.
ލާމަރުކަޒީ ގާނޫނުގައި ބުނެފައިވަނީ ބަޖެޓުގެ ފަސް ޕަސެންޓު ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޭންޖެހޭނެ ކަމަށެވެ.