ތުރުކީގައި ވަކީލުންގެ އެސޯސިއޭޝަންތައް އިތުރު ކުރަން ހުއްދަދޭ ގާނޫނު ފާސްކޮށްފި

ތުރުކީގެ އެތައް ހާސް ވަކީލުން ވަނީ އާ ގާނޫނާ ދެކޮޅަށް މުޒާހަރާކޮށްފަ -- ފޮޓޯ: އޭޕީ

އަންކާރާ (ޖުލައި 12): ތުރުކީގެ ބައެއް ޕްރޮވިންސުތަކުގައި އެއް ބާ އެސޯސިއޭޝަނަށް ވުރެ ގިނަ އެސޯސިއޭޝަންތައް ގާއިމު ކުރުމަށް ހުއްދަ ދޭ އިސްލާހެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.

އެ އިސްލާހުގައިވާ ގޮތުން 5،000އަށް ވުރެ ގިނަ ވަކީލުން ތިބޭ ޕްރޮވިންސުތަކުގައި 2،000އަށް ވުރެ ގިނަ ވަކީލުން ބާ އެސޯސިއޭޝަނެއް ހެދުމަށް ތާއިދު ކޮށްފި ނަމަ، އެ ޕްރޮވިންސުގައި ފުރަތަމަ ގާއިމު ކުރި އެސޯސިއޭޝަންގެ އިތުރުން އެހެން އެސޯސިއޭޝަނެއް އެކުލަވާލެވިދާނެ އެވެ.

އެ އިސްލާހަށް ތާއިދު ކުރާ ވެރިކަން ކުރާ ޕާޓީގެ މެމްބަރުން ވަނީ ތުރުކީގައި މަސައްކަތް ކުރާ 128،000 ވަކީލުންނަށް އެހީ ފޯރުކޮށްދިނުމަށާއި އެމީހުން ތަމްރީނު ކުރުމަށް އެގައުމަށް އިތުރު އެސޯސިއޭޝަންތައް ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ބިލާ ދެކޮޅު ފަރާތްތަކުން ވަނީ އެއީ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ސަރުކާރަށް ފާޑު ކިޔާ އެސޯސިއޭޝަންތަކުގެ ބާރު ކުޑަ ކުރަން ފާސް ކުރި އިސްލާހެއް ކަމަށް ބުނެފަ އެވެ.

ތުރުކީގައި މިހާރު އޮންނަ 80 ބާ އެސޯސިއޭޝަންގެ ވެރިންނާއި އެތައް ހާސް ވަކީލުން ވަނީ އެ ބިލާ ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. އަދި ސަރުކާރާ އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީން ވަނީ ވަކީލުންނާ މަޝްވަރާ ކުރުމަކާ ނުލައި އެ ބިލު ފާސް ކުރުން ކުށްވެރިކޮށް، އެ އިސްލާހު އުވާލުމަށް އެދި ދުސްތޫރީ ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް