ތޮއްޑޫ ހޯމް ކަރަންޓީންގައި ހުރި ކުޑަ ކުއްޖަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އއ. ތޮއްޑޫ: މާލެ އިން އެ ރަށަށް ގޮސް ހޯމް ކަރަންޓީންގައި ހުރި ކުއްޖަކު ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާލެ އިން އއ. ތޮއްޑޫއަށް ގޮސް ހޯމް ކަރަންޓީންގައި ހުރި ކުޑަ ކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ތޮއްޑޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އުމުރުން ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖެއް ކަމަށާއި އޭނާ ޕޮޒިޓިވްކަން އެނގުނީ މާލެ އިން އެ ރަށަށް ގޮސް 14 ދުވަހުގެ ކަރަންޓީން ހަމަވުމުން ނެގި ސާމްޕަލް ޓެސްޓް ކުރުމުން ކަމަށެވެ.

އެ ކުއްޖާއާ އެކު އިތުރު ހަތަރު މީހުން މާލެ އިން އެ ރަށަށް ގޮސް އެއް ގެއެއްގައި ވަނީ ކަރަންޓީންވެފަ އެވެ. އެ ކުއްޖާ ފިޔަވައި އެހެން އެންމެންގެ ސާމްޕަލް ވަނީ ނެގެޓިވްވެފައެވެ. ނަމަވެސް އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވްވުމުން ދެން ތިބި މީހުން ވެސް އަނެއްކާ ވެސް ކަރަންޓީން ވާން ޖެހޭނެ އެވެ.

ތޮއްޑޫގެ އިތުރުން އިއްޔެ ވަނީ ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭނާއާ އެކު އެއް ގެއެއްގައި އުޅެމުން ދިޔަ އިތުރު މީހަކު ވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

comment ކޮމެންޓް