ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި އެތައް މަސްތަކެއް ވަންދެން މުސާރަ ނުލިބި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ހާލު ސަރުކާރުުގެ ސަމާލުކަމަށް ގެނައުމަށް ސިޓީއެއް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
ބިދޭސީން އިނގިރޭސިބަހުން ގަނޑެއްގައި އަތުން ލިޔެފައިވާ ސިޓީގެ ފޮޓޯއެއް "ސަން" އާ ހިއްސާކޮށްފައި ވާއިރު، ބިދޭސީން ބުނީ އެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި ސަރުކާރުގެ އިސް ފަރާތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އެހެނިހެން އިދާރާތަކަށް ފޮނުވަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް ސިޓީ ފޮނުވަން ހަދާނެ ގޮތެއް އެމީހުންނަށް ނޭނގޭ ކަމަށެވެ.
ބިދޭސީންގެ ސިޓީގައި ބުނެފައި ވަނީ އެމީހުނަކީ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ރިޒް މޯލްޑިވްސް ކުންފުނީގެ މުވައްޒަފުން ކަމަށެވެ. އެރަށުގައި ޖުމްލަ 179 ބިދޭސީން މަސައްކަތް ކުރެއެވެ.
ނަމަވެސް ފާއިިތުވި ހަ މަސް ދުވަހުގެ މުސާރަ އެމީހުންނަށް ދީފައިނުވާ ކަމަށާއި މިހާރު އެ ރަށުގައިި ރިޒް ކުންފުނީގެ މުވައްޒަފަކު ވެސް ނެތް ކަމަށެވެ.
އަދި ރިސޯޓުގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ވަރަށް ބަލި ކަމަށާއި ނަމަވެސް ފަރުވާއެއް ލިބިފައި ނުވާކަމަށެވެ.
"ބަލި މީހުން ޑޮކްޓަރަށް ދައްކައިދިނުމަށް ފުލުހުން ގާތު އެދުމުން ފުލުހުން ބުނީ އެމީހުން ރަށުގައި ތިބީ ހަމައެކަނި ސެކިއުރިޓީ ބަހަލައްޓަން ކަމަށް،" ސިޓީގައި ބުނެފައިވެއެވެ.
އަދި މިހާރު ގިނަ މީހުން ނިދާ އަދި ކައިބޮއެ ހަދަނީވެސް ކެންޓީނުގައި ކަމަށާއި، ކުރިން ބަލި މީހުން އެ ރަށާ ޖެހިގެން އޮތް ތުޅާދުއަށް ގޮސް ޑޮކްޓަރަށް ދެއްކި ނަމަވެސް، މިހާރު އަތުގައި ފައިސާ ވެސް ނެތް ކަމަށް އެ ސިޓީގައިވެއެވެ.
އެ ރަށުން ވާހަކަދެއްކި ބިދޭސީއަކު ބުނީ ރިސޯޓުގެ ބަދިގޭގައި ކެއްކުމުގެ މަސައްކަތުގައި އުޅޭ ބިދޭސީއެއްގެ ފަޔަށް މޮހޮރެއް ހެރިގެން ފައިގައި ރިއްސާ ކަމަށާއި އަދި ފާރުވެފައިވާތަން ވަރަށް ބޮޑަށް ސަކަރާތްވަމުން އަންނަ ކަމަށެވެ.
އަދި އިތުރު ބިދޭސީއެއްގެ ދަތެއްގައި ރިއްސާތީ އުޅޭޭ ކަމަށާއި، ތިން ވަނަ ބިދޭސީ މީހާގެ މުޅި ގައިގައި ބޮޑެތި ބިހިތަކެއް ނަގައިގެން ފާރުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
އޭނާ ވަނީ ފުލުހުންގެ ފަރާތުން ރަށުގައި ތިބި ބިދޭސީންނަށް ލިބޭ އެހީތެރިކަން ފާހަގަކޮށްފައެވެ. އޭނާ ބުނީ ފުލުހުން ކައިރީ ބުނުމުން ބޭނުންވާ ބައެއް އެއްޗެހި ގެނެސްދޭ ކަމަށާއި އަދި ބަލި މީހުންނަށް ބޭސް ވެސް ގެނެސްދޭ ކަމަށެވެ. އެހެން ނަމަވެސް އެމީހުންގެ ހާލު ރަނގަޅު ނުވާ ކަމަށް އޭނާ ބުންޏެވެ.
މި މަހުގެ ދެވަނަ ދުވަހު އެރަށުގައި ބިދޭސީން މުޒާހަރާކޮށް ހަމަނުޖެހުން ހިންގީ ބޮޑުފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މުވައްޒަފުންނަށް މުސާރަ ނުދީގެންނެވެ.
އެ ހަމަނުޖެހުންތަކުގައި ކޮންޓްރެކްޓަރުގެ މުވައްޒަފުން ދިވެހިންތަކެއް ރަހީނުކޮށް، ރަށުގައި ހުރި ތަންތަނަށާއި، ހެވީ މެޝިނަރީތަކަށާއި، ވޯޓާ ޕައިޕްލައިން ތަކަށާއި، އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ވަނީ ދީފައެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.
އެ ހަމަނުޖެހުމާ ގުޅިގެން އެ ރަށަށް ފުލުހުންނާއި، އިމިގްރޭޝަން އަދި އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލުންނާއި އަދި ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުން ވެސް ވަނީ ގޮސްފައެވެ.
މުސާރަ ނުދީ އެތައް މަސްތަކެއްވެ، ނިކަމެތި ހާލުގައި ބިދޭސީން ތިބި އިރު، މިއަދާ ހަމައަށް ވެސް ހިއުމަން ރައިޓްސް ކޮމިޝަނުން އެމީހުންގެ ހާލު ބަލާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ބިދޭސީން އަންނަނީ ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން މިހާތަނަށް ވެސް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ބިދޭސީންގެ ހާލު ބަލަން އެ ކޮމިޝަނުން ޒިޔާރަތްކޮށްފައެއް ނުވެއެވެ.
ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް މެމްބަރު ރިޒާ ވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.
ރިޒް މޯލްޑިވްސް އިން ބުނީ މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ ޑިވެލޮޕަރު ސީލް މޯލްޑިވްސް އާއެކު ވެފައިވާ އެއްބަސްވުމުގައި ބުނާގޮތަށް އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބިފައި ނުވާތީ ކަމަށެވެ.
ރިޒް ކުންފުނިން ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.