ފެމެލީ ކޯޓުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެ ކޯޓުގެ ރެޖިސްޓަރ އަހްމަދު ނަޝީދު 'ސަން' އަށް ވިދާޅުވީ، ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވި ކަން އެނގުނީ މިއަދު ކަމަށާއި އެކަމާ ގުޅިގެން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ ދުވަހަކު ވެސް އޮފީސް ނިންމާފައި ޑިސްއިންފެކްޓް ކުރާނެ. ނަމަވެސް މިކަމާ ގުޅިގެން ފުލް ޑިސްއިންފެކްޓެއް ވެސް މިހާރު ވާނީ ކޮށްފައި،" ނަޝީދު ވިދާޅުވި އެވެ.
ޕޮޒިޓިވްވެފައި ވަނީ ފެމެލީ ކޯޓުގެ ހެންވޭރުގައި ހުންނަ ކައިވެންޏާ ބެހޭ ބައިގައި މަސައްކަތް ކުރާ ދެ މީހުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ދެ މުވައްޒަފުން ޕޮޒިޓިވް ވުމުން އެކަހެރި ކޮށްފައިވަނީ ކިތައް މުވައްޒަފުން ކަމެއް އަދި ޔަގީނެއް ނުވެއެވެ. ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހަދައި ނިމިފައިވާ ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ލުއިކޮށް އޮފީސްތަކާއި އެހެނިހެން ހިދުމަތްދޭ ތަންތަން ވެސް މިހާރު ވަނީ ހުޅުވާލާފަ އެވެ. އެއާއި އެކު ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓްތައް އިތުރުވަމުން އަންނަ ކަން އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.