ރުޅި އައިސްގެން އަނބިމީހާއާ ދިމާލަށް، "ތިއިނީ ވަރިކޮށްފައި" ކަމަށް ބުނެ، ވަރިކުރުމަށް ފަހު، ވަރި ސާބިތު ކުރަން ހުށަހެޅުމުން، އެ ވަރި ސާބިތު ނުވާ ކަމަށް ފެމިލީ ކޯޓުން ނިންމި ނިންމުން ސޯޝަލް މީޑިއާގެ ހޫނު ބަހުސަކަށް ވެއްޖެއެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ފެމިލީ ކޯޓުން ނިންމި މި މައްސަލައަކީ، ނޮވެމްބަރު މަހު ކުރީކޮޅު، އުތުރުގެ ދެ ރަށެއްގެ ދެމަފިރިއެއްގެ ވަރީގެ މައްސަލައެކެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ވަރި ސާބިތުކުރުމުގެ މައްސަލައެއްގެ ގޮތުގައެވެ.
ފިރިހެން މީހާ ކޯޓުން ބޭރުގައި ވަރީގެ އިބާރާތް ބޭނުންކޮށް އަންހެނުން ވަރިކުރި ކަމަށް ބުނެ ވަރި ސާބިތު ކުރުމަށް ހުށަހެޅި މި މައްސަލައިގައި "ކަލޭ ތިއިނީ ވަރިކޮށްފައި" ކަމަށް ފިރިހެން މީހާ ބުނެފައިވަނީ ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ކަމަށް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެކަމަކު، ދެ ދަރިން ވެސް ތިބި މި ދެމަފިރިންގެ ވަރީގެ މައްސަލައިގައި އަނބިމީހާ ވަރިކުރަން އިބާރާތް ބޭނުން ކުރެވުނީ އަމިއްލަ ނަފުސަށް ކޮންޓްރޯލް ނޯންނަ މިންވަރަށް ރުޅި އައިސްގެން ހުރެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ހުވާ ކުރުމުން، އެ ވަރި ސާބިތުނުވާ ކަމަށް ފެމެލީ ކޯޓުގެ އަންހެން ފަނޑިޔާރަކުވަނީ ކަނޑައަޅައިފައެވެ.
މި ކޭސްއަށް އިޝާރާތްކޮށް، ސޯޝަލް މީޑިއާގައި އުފެދިފައިވާ ބަހުސްގައި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ، މި މައްސަލައިގައި ފެމިލީ ކޯޓުން ނިންމެވި ނިންމުން އެއީ އާދަޔާ ޚިލާފު ގޮތަކަށް ނިންމަވާފައިވާ ނިންމުމެއް ނޫން ކަމަށެވެ. އެކަމަކު އިސްލާމީ ޝަރީޢާ އަދި ދިވެހިރާއްޖޭގެ ޤާނޫނުތައް އެގޮތަށް ހުއްދަކުރާތީ ނިންމަވާފައިވާ ނިންމުމެއްކަމަށް ދެކޭ ކަމަށް ސަމީރު ވިދާޅުވި ވިދާޅުވުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން ރައްދު ދެއްވީ އެކަމާ ދެކޮޅު ކަމަށް ވިދާޅުވެއެވެ.
"ޞަރީޙަ ލަފުޒަކުން ވަރިކޮށްފިނަމަ ޖުމްހޫރުންގެ އަރިހުގައި ޤަޠުޢި ވަރިއެކެވެ. މި ހާލަތުގައި ނިޔަތަށް ބަލާކަށް ނުޖެހެއެވެ. ވަރިކުރުމަށް ''ވަރި'' އަށްވުރެ ޞަރީޙަ ލަފުޒެއް ދިވެހި ބަހުގައި ނޯވެއެވެ. ދެން އޮތީ ވަރިކުރި ހާލަތެވެ. ޝަރުޢުގެ ނަޒަރުގައި މަޖަލަކަށް ވަރިކުރިއަސް ވަރިއެކެވެ. ރުޅި އިސްވާ ހާލަތުގައި ވަރިކުރިއަސް ވަރިއެކެވެ. ރުޅި އިސްވާ ހާލަތަކީ ބުއްދި ފިލާދާ ހާލަތެއްކަމަށް ވަރީގެ މައްސަލައިގައި ޝަރުޢު ނުދެކެއެވެ" ސޯޝަލް މީޑިއާގައި ފާއިޒް ވިދާޅުވިއެވެ.
ދުނިޔޭގައި، އާބާދީގެ ނިސްބަތުން އެންމެ ވަރި ގިނަ ގައުމަކީ ރާއްޖެއެވެ. ކޮންމެ މަހަކު ވެސް އެތައް ކައިވެންޏެއް ކުރާއިރު ވަރިކުރުމަށް ވެސް އެތައް މައްސަލައެއް ހުށަހަޅާކަން ފެމެލީ ކޯޓުގެ ތަފާސް ހިސާބުން ހާމަވެއެވެ.