ޒަމާނީ ފެންވަރަށް ތަރައްގީކޮށް މާވެޔޮ މިސްކިތް އަލުން ހުޅުވައިފި

މާވެޔޮ މިސްކިތް ،ޮހާރު ހުންނަ ގޮތް: އެ މިސްކިތް އިމާރާތް ކުރީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ހަރަދުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ހަރަދުކުރައްވައިގެން ޒަމާނީ ފެންވަރަށްއެޅުއްވި މާވެޔޮ މިސްކިތް މިއަދު ހުޅުއްވައިފިއެވެ.

ކުރިން ދެ ބުރިއަށް އަޅާފައި ހުރި މަވެޔޮޮ މިސްކިތް ތަޅާލައި އެތަން ފަސް ބުރިއަށް ތަރައްގީ ކުރަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރުއެވެ. އެތަން ތަރައްގީކުރަން ނިންމީ ޖަހާނުގެ ބައިވެރިވުމާއެކު، ދައުލަތުން 17 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށެވެ. އެއީ މިސްކިތުގެ ފަސް ބުރީގެ ތެރެއިން ތިން ބުރިއަށް ވާ ހަރަދެވެ.

ނަމަވެސް މިސްކިތް ހަތް ބުރިއަށް އަޅަން ނިންމަވައި، އެތަނުގެ ހުރިހާ މަސައްކަތެއް ނިންމެވީ ދައުލަތުގެ އެއްވެސް ހަރަދެއް ނުނަންގަވައި، ޖަނާހުގެ އަމިއްލަ ހަރަދުގައެވެ. މިސްކިތުގެ ޑިޒައިނާއި އިމާރާތްކުރުމުގެ މަސައްކަތް ކުރީ އޭނާގެ އެޗްއާރުސީ ކުންފުނިންނެވެ. ޖަނާހުގެ ބައްޕަގެ ހަނދާނުގައި އެ މިސްކިތަށް ދީފައިވާ ނަމަކީ "މަސްޖިދުލް އަލީ ހުސައިން" އެވެ.

މިސްކިތުގެ މަސައްކަތް މުޅިން ނިންމައި އިސްލާމިކް މިނިސްޓްރީއާ ހަވާލު ކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އަދި މިއަދުގެ އަސުރު ނަމާދަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ އެ މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވައިފައެވެ.

މީގެ ކުރިން 400 އެއްހާ މީހުންގެ ޖާގައިގެ މާވެޔޮ މިސްކިތް އަލުން އިމާރާތްކޮށްފައި ވަނީ ޓެރަހަކާއެކު ހަތް ބުރިއަށެވެ. އެ މިސްކިތް ހަދާފައި ވަނީ ގާތްގަނޑަކަށް 2،000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ވަރަށެވެ.

މިސްކިތުގެ އެއް ފްލޯ އަކީ އަންހެނުންނަށް ހާއްސަ ފްލޯއެކެވެ. އެއް ފްލޯއިން އަނެއް ފްލޯއަށް ދިޔުމަށް ލިފްޓުވެސް ބަަހައްޓާފައި ހުރެއެވެ. މީގެ އިތުރުން އެތަނުގައި ބޭސްމަންޓެއް ހުންނަ އިރު ހުރިހާ ފްލޯއެއްގައި ހުންނަނީ އެއާކޮންޑިޝަން ކޮށްފައެވެ. އަދި އެތެރެއާ ބޭރުން ސީސީޓީވީވެސް ހަރުކޮށްފައި ހުރެއެވެ. މިސްކިތުގެ އިންޓީރިއާ ހަދާފައިވަނީ މާބަލް ޖަހައި، އަދި ކާޕެޓުވެސް އަޅައިގެންނެވެ.

comment ކޮމެންޓް