ކުދިންގެ ރައްކާތެރިކަމަށް ހޭދަކުރަން ލިމިޓެއް އޮވެގެން ނުވާނެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން

ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ދައުލަތުން ކުރާ ހަރަދުގައި ވަކި ލިމިޓެއް ނުވަތަ ނިހާޔަތެއް އޮވެގެން ނުވާނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ޓަކައި ކުޑަކުދިންނާއި އެކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސްއޫލިއްޔަތު ގާނޫނުން މަތިކޮށްފައިވާ ފަރާތްތަކުން އެމީހުންގެ މަސްއޫލިއްޔަތު ފުރިހަމަގޮތުގައި އަދާކުރުމަށް ބާރުއެޅުމުގެެ ގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައެވެ.

ހައިތަމްގެ ގަރާރުގައި މިހާރަށް ވުރެ ބޮޑަށް ދައުލަތުން އަނިޔާ ލިބޭ އެފަރާތްތަކަށް ސަމާލުކަން ދިނުމަށާއި، ދައުލަތުގެ ފެންވަރުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މިހާރަށްވުރެ ހަރުދަނާ މަސައްކަތްތަކެއް ކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ދައުލަތުން ކުރާ ހޭދަ މިހާރަށް ވުރެ އިތުރުކުރުމަށް ގޮވާލާފައިވެ އެވެ.

އެ ގަރާރަށް ބަހުސްކުރައްވަމުން މެމްބަރު އަލީ ހުސައިން ވިދާޅުވީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ އެންމެ މުހިންމު ޒިންމާއަކީ ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ، ރަނގަޅު ކާނާއެއް ދީ، ފުރިހަމަ ސިއްހަތުގައި އެކުދިން ބަލައި ބޮޑުކުރުމަށް ފަހު، އެ ކުދިން ބޮޑުވެގެން އަމިއްލައަށް ދުނިޔޭގައި ދިރިއުޅޭނޭ ގޮތެއް ހޯދައިދިނުން ކަމަށެވެ.

އަދި އެކަންކަން ކުރުމަށްޓަކައި، ތުއްތު ކުދީންނަށް، އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު އާއިލާއެއް ކަމަށެވެ.

"މަންމައާއި ބައްޕަގެ ލޯބި. އާދެ! ބައްޕައަކީ ދެ މަހުން އެއް މަހު ރަށަށް އާދެވޭ މީހެއް ކަމަށް ވެއްޖެއްޔާ ދެން މި ޖެހެނީ، މަންމަ އެ ދަރިފުޅުގެ ކަންތަކުގައި ދުވާލުދާ ހަތަރުދަމު، މުޅި ހަފުތާތެރޭގައި އުޅެން. ހަމަ އެގޮތަށް އެ މަންމަ އުފުލަންޖެހޭ ތަކުލީފްތައް އުފުލުމަށްޓަކައި، އެހެން މީހުންގެ އެހީތެރިކަމާއި ރައްކާތެރިކަން؛ ވަކިން ހާއްސަކޮށް މުޖުތަމައުގެ ރައްކާތެރިކަން، އަވައްޓެރީންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން އެބަ ބޭނުންވޭ. ރަށު ފެންވަރުގައި ލިބިދޭންޖެހޭ އެއްބާރުލުން އެބަ ބޭނުންވޭ،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، އަނިޔާކުރުމުގެ މައްސަލަތައް ފެންމަތިވަނީ ހަމައެކަނި މާލެ ސަރަހައްދުގައި ނޫންކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން މިއަދު ރާއްޖޭގައި ކުޑަކުދިން ދުވެލައި، ކުޅެ ސަމާސާކޮށްލަން ނުކުންނާނެ މަގެއް، ޕާކެއް ނެތް ކަމަށާއި ރަށްތަކުގައި ވެސް ކުދިން ބޭރަށް ނެރެން މައިންބަފައިން ޖެހިލުންވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.

"އެހެންވީމާ ހަގީގަތުގައި މިހާރަކު ނުކެރޭ ކުޑަކުދިން މަގުމައްޗަށް ދޫކޮށްލާކަށް. މަގުމަތީގައި ކުޅެ، ދުވެލައި އެއްފުރައިގެ ކުދިންނާއެކު ސަމާސާކޮށްލައި ހީލާ އުޅެން އެކުދިން ދޫކޮށްލާކަށް ނުކެރޭ. އެއީ ދުވަހެއް ދުވަހަކަށް އަޅުގަނޑުމެންނަށް އަޑު އިވެމުން މިދަނީ ކުޑަކުދިންނަށް ކުރެވޭ ޖިންސީ ގޯނާ އިތުރުވާ ވާހަކަ،" މެމްބަރު ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ ކުދި ރަށްތަކުގައި އުޅޭ ކުދިންނަށް އެކަށީގެންވާ ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އެކަށީގެންވާ މާހައުލެއްގައި އެކުދިން ބޮޑުވާކަން ކަށަވަރުކުރުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މެމްބަރު ވިދާޅުވިއެވެ.

ކުޑަކުދިންގެ ރައްކާތެރިކަމުގެ ވާހަކަ ދައްކާއިރު، އަނިޔާ ލިބޭ ކުދިންނާއި ރައްކާތެރިކަން ދޭންޖެހޭ ކުދިންނަށް ދައުލަތުން އެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ އިތުރުން ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ގާއިމުކުރެވި، ކުދިންނަށް ސާފު ބޯފެނާއި ފުރިހަމަ ސިއްހަތެއްގައި ތިބެ ބޮޑުވުން ވެސް ކަށަވަރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް މެމްބަރު އަލިއަޅުވާލެއްވިއެވެ.

މެމްބަރު ވިދާޅުވީ ދައުލަތެއް ހަދައިގެން، ޓެކްސް ނަގައިގެން ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ ކުޑަކުދީންނަށް ރަނގަޅު ފުރިހަމަ ސިއްހަތެއްގައި ހެދިބޮޑުވެ، އެ ކުދިންނަށް އަމިއްލަ މަސައްކަތުން ދުނިޔޭގައި ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ދައުލަތުން ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންގެ ދައުލަތުން ކުރަންޖެހޭ ހަރަދުގެ ނިހާޔަތެއް ވެސް އޮވެގެން ނުވާނެ. އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކައަކީ، މިއީކީ ވަކި ބަޖެޓެއް ވެސް ހަދައިގެން ކުރާ ކަހަލަ ކަމެއް ނޫނޭ،" މެމްބަރު ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި ވެސް، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާނެ ބަޖެޓު، ސަރުކާރުން ހުށަހެޅި ގޮތަށް މަޖިލީހުން ފާސްކޮށްދީފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރާ ފަންނީ މީހުން ވެސް އެކަށީގެންވާ ވަރަށް ތަމްރީނު ކުރެވިފައި ނުވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.

ހައްލު ލިބޭނީ ރައްޔިތުންގެ އިގްތިސޯދީ ހާލަތު ރަނގަޅުކޮށްގެން!

މެމްބަރު އަލީ ހުސައިން ވިދާޅުވީ ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރާއިރު، ތޮއްޖެހިފައިވާ މާލޭގައި ރައްޔިތުން އުޅޭ ހާލާއި، ރަށްރަށުގައި ވަޒީފާގެ ދަތިކަމާއި އިގްތިސޯދީ ދަތިކަމުގެ ރައްޔިތުން އުޅެންޖެހިފައިވާ ހާލާމެދު ވިސްނާލުން މުހިންމު ކަމަށެވެ.

އެގޮތުން ރަށްރަށުގައި އިގްތިސޯދީ ދަތި ހާލަތުގައި ނުވަތަ ވަޒީފާ ނެތުމުގެ ސަބަބުން ނުވަތަ މާލީ ދަތިކަމުގެ ސަބަބުން ވެސް ވަރަށް ގިނަ ފަހަރަށް ކުޑަކުދިން ޖިންސީ ގޯނާއަށް ހުށަހެޅިގެންދާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އަދި ހަމަ އެއާއެކު އެ ދަތިކަމުގެ ސަބަބުން ބައެއް ފަހަރު، ކުއްޖާއަށް ގޯނާ ލިބޭކަން އެނގުނު ނަމަވެސް އެކަން ސިއްރުކުރުމަށް މެދުވެރިވާ ކަމަށެވެ.

"އެއީ އެމީހުންނަށް ލިބޭ ކޮންމެވެސް މާލީ މަންފާއެއް ނުވަތަ އެމީހުން، އެ ކުދިން ބެލުމަށްޓަކައި ހޯދަންޖެހޭ ކޮންމެވެސް މާލީ މަންފާއެއް ހޯދެން އޮތީ، އަނގަ ބަންދުކޮށްގެން އެ ވާހަކަ ނުދައްކާ ތިބީމާ ކަމަށް ވުން. އެހެންވީމާ، ގައުމެއްގައި ދިރިއުޅޭއިރުގައި އެ ގައުމެއްގެ ގާނޫނުތަކާއި، އެ ގައުމެއްގެ މީހުން ގަބޫލުކުރާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރެވޭނީ ހަމަ ހަގީގަތުގައި ވެސް ރައްޔިތުންނަށް ނ ުވަތަ އެ ތަނެއްގައި ދިރިއުޅޭ މީހުންނަށް އެކަށީގެންވާ ގޮތެއްގައި އާމްދަނީއެއް ވެސް ލިބިގެން،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ އެމީހެއްގެ މުހުތާދުތައް، ބޭނުންވާ ޒަރޫރީ ކަންކަން ފުއްދޭވަރަށް އާމްދަނީ ނުލިބޭނަމަ، ގާނޫނުތަކާ އުސޫލުތަކާ ހިލާފަށް ދެވޭގޮތް ބައެއް ފަހަރު ދިމާވާ ކަމަށާއި، އެކަންކަމުން ނިކަމެތި އާއިލާތައް އެފަދަ ހާލަތްތަކުން ސަލާމަތްކުރަން ޖެހޭކަމަށެވެ.

ތައުލީމީ ނިޒާމުގެ ތެރެއިން އުނގަންނައިދޭން ޖެހޭ!

ޖިންސީގޯނާއިން ކުދިން ސަލާމަތްކުރުމަށް، ގޯނާއަށް އެކުދިން ހޭލުންތެރިކުރުމުގެ މުހިންމުކަން ވެސް މެމްބަރު ވަނީ ފާހަގަކުރައްވައިފައެވެ.

އެގޮތުން ތައުލީމީ ނިޒާމުގެ ތެރެއިން ޖިންސީގޯނާ އާއި އެފަދަ ހުރިހާ ކަމެއް ވެސް ކުދިންނަށް އުނގަންނައިދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

"ކޮބައިތޯ ބޮޑެތި މީހުންގެ ފަރާތުން ނުވަތަ އެކުދިންގެ އުމުރާ ނުގުޅޭ މީހުންގެ ފަރާތުން ދައްކާ ވާހަކައެއްގެ ސަބަބުން ވެސް ނުޒާތެއްގެ ވާހަކަ ނުވަތަ ނުގުޅޭ ވާހަކައެއް ދައްކައިފި ކަމުގައި ވާނަމަ، އެކަން ވެސް ކުޑަކުދިންނަށް އެނގެން އެބަޖެހޭ. ނުގުޅޭ ގޮތަށް ކުޑަކުދިންނަށް އެއްޗެއް ދޭން އުޅޭ ކަމަށް ވާނަމަ، އެކަން ވެސް އެ ކުދިންނަށް އެނގޭނެ ގޮތް ދަސްކުރަން އެބަޖެހޭ. އަދި އެ ކުދިންނަށް ކަމޭހިތުމޭ ކިޔައިގެން، އެކުދިންގެ ގައިގައި ޖިސްމާނީ ގޮތުން އަތްލަންނުޖެހޭ ތަނެއްގައި އަތްލާ ކަމަށް ވާނަމަ، އެ ކުދިންނަށް ވެސް އެނގެން އެބަޖެހޭ އެއީ ގޯހެއްކަން،" މެމްބަރު ވިދާޅުވިއެވެ.

އަދި ގޯހެއް ހިންގައިފިކަން އެނގޭ ހިސާބުން ނުވަތަ ގޯހެއް ހިންގަން އުޅޭކަމަށް ކުއްޖާއަށް އިހުސާސްވާ ހިސާބުން، އެ ގޯހުގެ ވާަހަކަ ބޮޑުމީހެއްގެ ގާތުގައި ބުނަންޖެހޭނެކަން ވެސް ތައުލީމީ ނިޒާމުގެ ތެރެއިން ކުދިންނަށް ދަސްކޮށްދޭން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ މައްސަލަ ހައްލުކުރަން ކުރަންޖެހޭ ކަންކަން ގިނަ ކަމަށާއި، ކުރަންޖެހޭ ހަރަދުވެސް ބޮޑު ކަމަށެވެ. އެހެން ނަމަވެސް މިހާރު ނިންމަން ޖެހިފައި އޮތީ މިކަމުގައި އިސްކަންދޭނެ ތަރުތީބު ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެންމެ އިސްކަމެއް ދޭންޖެހެނީ، އަޅުގަނޑުމެންގެ ދަރީންގެ ރައްކާތެރިކަމަށް. އެންމެ އިސްކަމެއް ދޭންޖެހެނީ، އަޅުގަނޑުމެންގެ ދަރީން ބޮޑެތިވެގެން، އެ ކުދިން
އަމިއްލައަށް ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމަށް،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ އެކަން ކުރެވޭނީ ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުންނާއި، ސިއްހީ ގޮތން ވެސް އެ ކުދިންނަކީ ދުޅަހެޔޮ ބައެއްގެ ގޮތުގައި ތަރުބިއްޔަތުކޮށް، ބޮޑުކުރެވިގެން ކަމަށެވެ.

comment ކޮމެންޓް