އަލީ ވަހީދު ޖިންސީގޯނާ ކުރިކަމަށް ބުނާމައްސަލަ ފުލުހުން ތަހުގީގު ކުރަނީ

އަލީ ވަހީދު -- ސަން ފޮޓޯ/ ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މިނިސްޓްރީގެ މުވައްޒަފުންތަކަކަށް އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންފައެވެ.

މިރޭ ފުލުހުން މީޑީއާތަކަށް ފޮނުވި މެސެޖްގައި ބުނީ، ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ މައްސަލައެއް އެ މުއައްސަސާއަށް މިރޭ ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް މެސެޖްގައި ބުނެފައިވެއެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިރޭ ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑާ މިނިސްޓްރީ އަށް ހުހަޅާފައިވާ ކަމަށެވެ.

"މިދުވަސްވެސް ހިނގައިދާނެ" މިހެން ޖަހާފައިވާ ފޮޓޯއަކާއެކު އަލީ ވަހީދު މިރޭ ކުރި ޓްވީޓެއްގައި ބުނީ، ތެދުވެރިކަމާއެކު ގައުމަށް ކުރެވުނު ހިދުމަތާ މެދު އޭނާ ފަހުރުވެރިވާ ކަމަށެވެ. އަދި ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭނާގެ ޓްވީޓްގައި ތުހުމަތުތަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާ ގުޅޭ ގޮތުން ސީރިއަސް ތުހުމަތުތަކެއްކޮށް، އެ ވާހަކަތައް ރައީސް ސޯލިހާ ހިއްސާކުރީ، މިއަދު އެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރައިސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި އެ މިނިސްޓްރީގެ ސިޔަސީ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

"ސަން"އާ ވާހަކަ ދެއްކި މިނިސްޓްރީގެ ބައެއް މުވައްޒަފުން ބުނީ، އަލީ ވަހީދު މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. މިދިޔަ ފުރަބަންދުގެ ތެރޭގައި އެކަންކަން ހައްދުން ނެއްޓި ކަމަށް މުވައްޒަފަކު ބުންޏެވެ. އެންމެ ފަހުން އެ ގޯނާތަކަށް ކެތް ނުވެ، މުވައްޒަފުން ނިންމީ އެ ވާހަކަތައް ރައީސްއާ ހަމައަށް ގެންދާށެވެ.

މުވައްޒަފުން ބުނީ، ރައީސްއާ މިވާހަކަތައް ދެއްކުމުން ރައީސަށް ކީރިތި ކުރެވުނު ކަމަށެވެ.

https://sun.mv/139727

އެމްޑީޕީގެ ޗެއާޕާސަންކަންވެސް ކުރެއްވި އަލީ ވަހީދު ވަޒީރު ކަމަށް ވަޑައިގެންނެވީ ކެބިނެޓްގެ އެންމެ ހައްގު މިނިސްޓަރުގެ ގޮތުގައި އުމުރުން 33 އަހަރުގައެވެ. އޭނާ ވަނީ 16 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައެވެ.

comment ކޮމެންޓް