ގޯނާގެ ވާހަކަތައް މުވައްޒަފުންގެ ދުލުން، ރައީސްްއަށް ކީރިތި ކުރެއްވެވުނު!

ރައީސް ސޯލިހާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އަލީ ވަހީދަށް ކުރަނީ ސީރިއަސް ތުހުމަތުތަކެއް --- ފޮޓޯ/ ރައީސް އޮފީސް

ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސް ސޯލިހު އެންގެވިކަން އެމަނިކުފާނުގެ ތަރުޖަމާން މިރޭ ހާމަކުރެއްވުމުން އެތައް ބަޔަކަށް ސިހުން ލިބުނެވެ. މާބޮޑު ތަފްސީލެއް ނުދެއްވާ ތަރުޖަމާން، ހަމަ އެކަނި ވިދާޅުވީ މިނިސްޓަރު އަލީ އިސްތިއުފާ ދޭން އެންގެވީ އަހުލާގީ މައްސަލަތަކަކާ ހުރެ ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހު އެ ކުއްލި ނިންމެވުން ނިންމެވީ، ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް އަލީ ވަހީދުގެ މައްޗަށް ކުރި ސީރިއަސް ތުހުމަތުތަކެއްގެ އަޑު ހުދު ރައީސް އެ މުވައްޒަފުންގެ ފަރާތުން އެއްސެވުމަށް ފަހު އެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރައިގެ ޝިކާރާއަކަށްވީ ކަމަށް ބުނާ މުވައްޒަފުން އެ ވާހަކަ ތަފްސީލްކޮށް މިއަދު ރައީސް ސޯލިހުގެ އަރިހުގައި ވިދާޅުވެ ދެއްވި އެވެ. އެ މުވައްޒަފުންގެ ޝަކުވާތަކަކީ އާދައިގެ ވާހަކަތަކެއް ނޫނެވެ. އެއަށް ވުރެ އެ ތުހުމަތުތައް ސީރިއަސް އެވެ.

"ސަން"އާ ވާހަކަ ދެއްކި މިނިސްޓްރީގެ ބައެއް މުވައްޒަފުން ބުނީ، އަލީ ވަހީދު މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. މިދިޔަ ފުރަބަންދުގެ ތެރޭގައި އެކަންކަން ހައްދުން ނެއްޓި ކަމަށް މުވައްޒަފަކު ބުންޏެވެ. އެންމެ ފަހުން އެ ގޯނާތަކަށް ކެތް ނުވެ، މުވައްޒަފުން ނިންމީ އެ ވާހަކަތައް ރައީސްއާ ހަމައަށް ގެންދާށެވެ.

"އަލީ ވަހީދު ވަނީ މިނިސްޓްރީގެ ގިނަ މުވައްޒަފުންނަށް ޖިންސީ ގޯނާއާއި ފުރައްސާރަކޮށްފައި،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި މިނިސްޓްރީގެ މުވައްޒަފަކު ބުންޏެވެ.

އޭނާ ބުނީ، މިނިސްޓްރުގެ ދަތުރުތަކުގައި އަންހެން މުވައްޒަފުން ބައިވެރިކުރުވާ ރިސޯޓުތަކަށް ގެންސްގޮސް ވެސް އަލީ ވަހީދު ތަކުރާރުކޮށް މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރާ ކަމަށެވެ.

"ވަރަށް ފަހުން ދިޔަ ދަތުރެއްގައި އަލީ ވަހީދު އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރި. އެދުވަހު އޭނާ އެ ރިސޯޓުގެ ވޯޓާ ވިލާއަކުން ފުންމާލި މޫދަށް،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ، އެ މުއްވަޒަފަކީ ފަތަންވެސް ނޭނގޭ މުވައްޒަފެއް ކަމަށާއި އެހެން ނަމަވެސް، އަލީ ވަހީދުގެ ޖިންސީ ގޯނާއިން ސަލާމަތްވުމަށް އިތުރުގޮތެއް ނެތުމުން މަރުވުންވެސް ހެޔޮކަމަށް ބަލާ ވޯޓާ ވިލާއިން މޫދަށް ފުއްމާލީ ކަމަށް މިއަދު އެއް މުވައްޒަފަކު ރައީސްއަށް ދެންނެވި އެވެ.

"މި ވާހަކަތައް ކިޔައި ދިނުމުން ރައީސަށް އިނީ ރޮވިފައި. ބުނާނެ އެއްޗެއްވެސް ނޭނގިފައި،" ބައްދަލުވުމަށް ދިޔަ މުވައްޒަފަކު ބުންޏެވެ.

މިނިސްޓްރީގެ އެހެން މުވައްޒަފަކު ބުނިގޮތުގައި މިފަހުން މާގިރި ހޮޓެލްގައި ބޭއްވި "ޕާޓީއެއްގައި"ވެސް އަލީ ވަހީދު ވަނީ އެފަދަ ކަމެއް ހިންގާފަ އެވެ. ބައެއް މުވައްޒަފުންނާ ރުހުމުގައި ވެސް އަދި ނުރުހުމުގައިވެސް މި އަމަލުތައް އޭނާ ހިންގާކަމަށް މިނިސްޓްރީގެ އެތައް މުވައްޒަފަކު މިރޭ ސަންއަށް ބުންޏެވެ.

"ބައެއް ފަހަރު މުވައްޒަފުންގެ ގަޔަށް އަތްލާ ހިސާބަށްވެސް ދޭ. ނޫނީ، ކޮންމެވެސް ކަހަކަ ހަޑި ވާހަކައެއް ދައްކާނެ. މެސެޖްވެސް ކުރޭ،" އޭނާ ބުންޏެވެ.

މި ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދަށް ތަކުރާރުކޮށް ގުޅައި މެސެޖް ކުރުމުންވެސް އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އަލީ ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތެދުވެރިކަމާއެކު ގައުމަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބުނީތ ފަހުރުވެރިވާ ކަމަށެވެ. އަދި ވަގުތު ޖެހުމުން ހަގީގަތް ހާމަ ވާނެ ކަމަށް ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.

ނަމަވެސް އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ.

އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވި އިރު، މިއަހަރު ކުރީކޮޅު އަލީ ވަހީދު ކަމަށް ބެލެވޭ މީހެއްގެ ފޯނުކޯލް ރިކޯޑިން އެއް ވަނީ ލީކްވެފަ އެވެ. އެ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާާއާ ވާހަކަ ދައްކާ އަޑު އިވެ އެވެ.

އެ އޯޑިއޯގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަ މިނިސްޓަރު ނަހުލާއާ އަލީ ވަހީދު ދައްކަވަ އެވެ. އެކަމާ ގުޅިގެން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އޭރު އާންމުން ގޮވާލި އެވެ. އަދި އެ މައްސަލަ ވަރަށް ހޫނުވެ، ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި މިނިސްޓަރު ރައީސް އޮފީހަށް ހާޒިރުކޮށް ވަނީ ނަސޭހަތް ދީފަ އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ވެއްޖެ ނަމަ، ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފައިކަން އެނގިފައިވެ އެވެ.

އަލީ ވަހީދު އިސްތިއުފާ ދިނުމަށް ރައީސް އެންގެވުމުން ސޯޝަލް މީޑިއާގައި ރައިސްގެ އެ ފިޔަވަޅާ ގުޅިގެން މީހުން އަންނަނީ ތައުރީފު ކުރަމުންނެވެ. މިނިސްޓްރީގެ މުވައްޒަފުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

އެ މުވައްޒަފުން ބުނީ ރައީސް މުވައްޒަފުންގެ އަޑު އައްސަވައި އަވަސް ފިޔަވަޅު އެޅުއްވީތީ ޝުކުރު ދަންނަވާ ކަމަށެވެ. އަދި ރައީސް ސޯލިހު ގިނަ ވަގުތު އެ މުވައްޒަފުންގެ ވާހަކަތައް އަޑުއައްސަވަން ހޭދަކުރެއްވި ކަމަށް ބުނެ ވެސް މުވައްޒަފުން ވަނީ ރައީސްއަށް ޝުކުރު އަދާކޮށްފަ އެވެ.

އުމުރުން 33 އަހަރުގައި ވަޒީރަކަށް އަލީ ވަހީދު އައްޔަންކުރީ، މި ކެބިނެޓްގެ އެންމެ ހަގު މިނިސްޓަރުގެ ގޮތުގަ އެވެ. އޭނާ މަޖިލީހަށް ހޮވުނީ، އުމުރުން 24 އަހަރުގަ އެވެ.

comment ކޮމެންޓް