ވަގުތު ޖެހުމުން ހަގީގަތް ހާމަ ވާނެކަމަށާއި ގައުމަށް ކުރެވުނު ހިދުމަތަށް ފަހުރުވެރިވާ ކަމަށް، ޖިންސީ ގޯނާގެ ތުހުމަތުކުރެވިފައިވާ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް މިރޭ އެންގެވީ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރާކަމުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރެއްވުމުންނެވެ. "ޓޫރިޒަމް މިނިސްޓަރު"ގެ ލަގަބު އަލީ ވަހީދުގެ ޓްވިޓާއިން މިހާރު ނަންގަވާފައިވާ އިރު، އޭނާގެ އިސްތިއުފާ ލިބުނުކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.
"މިދުވަސްވެސް ހިނގައިދާނެ" މިހެން ޖަހާފައިވާ ފޮޓޯއަކާއެކު އަލީ ވަހީދު މިރޭ ކުރި ޓްވީޓެއްގައި ބުނީ، ތެދުވެރިކަމާއެކު ގައުމަށް ކުރެވުނު ހިދުމަތާ މެދު އޭނާ ފަހުރުވެރިވާ ކަމަށެވެ. އަދި ވަގުތު ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އޭނާގެ ޓްވީޓްގައި ތުހުމަތުތަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދާ ގުޅޭ ގޮތުން ސީރިއަސް ތުހުމަތުތަކެއްކޮށް، އެ ވާހަކަތައް ރައީސް ސޯލިހާ ހިއްސާކުރީ، މިއަދު އެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ރައިސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި އެ މިނިސްޓްރީގެ ސިޔަސީ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.
"ސަން"އާ ވާހަކަ ދެއްކި މިނިސްޓްރީގެ ބައެއް މުވައްޒަފުން ބުނީ، އަލީ ވަހީދު މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. މިދިޔަ ފުރަބަންދުގެ ތެރޭގައި އެކަންކަން ހައްދުން ނެއްޓި ކަމަށް މުވައްޒަފަކު ބުންޏެވެ. އެންމެ ފަހުން އެ ގޯނާތަކަށް ކެތް ނުވެ، މުވައްޒަފުން ނިންމީ އެ ވާހަކަތައް ރައީސްއާ ހަމައަށް ގެންދާށެވެ.
"އަލީ ވަހީދު ވަނީ މިނިސްޓްރީގެ ގިނަ މުވައްޒަފުންނަށް ޖިންސީ ގޯނާއާއި ފުރައްސާރަކޮށްފައި،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި މިނިސްޓްރީގެ މުވައްޒަފަކު ބުންޏެވެ.
މުވައްޒަފުން ބުނީ، ރައީސްއާ މިވާހަކަތައް ދެއްކުމުން ރައީސަށް ކީރިތި ކުރެވުނު ކަމަށެވެ.