ސްޕެއިންގެ ފުޓުބޯޅަ ކްލަބް ސެލްޓަ ވީގޯގެ ޖާޒީގައި ރާއްޖޭގެ އިސްތިހާރު ޖެހުމަށް ހެދި 38 މިލިއަން ރުފިޔާގެ އެއްބަސްވުމާއެކު، އެކަމަށް ދައުލަތުން ކުރި ހޭދައާ އެކަށީގެންވާ މަންފާތަކެއް ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނުކަން ޔަގީން ކުރެވެން ނެތް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.
ރާއްޖެ އިޝްތިހާރު ކުރުމަށްވި މި އެއްބަސްވުމަކީ، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މިނިސްޓަރުކަމުގައި 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އަށް ވަނަ ދުވަހު ވެފައިވާ އެއްބަސްވުމެކެވެ.
މި އެއްބަސްވުންވެފައި ވަނީ ސެލްޓަ ވީގޯގެ ރަސްމީ ސްޕޮންސަރުކަން ތިން އަހަރުގެ މުއްދަތަށް ހޯދުމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ 2021 ވަނަ އަހަރުގެ މާލީ އޮޑިޓް އަދި 2019 އާއި 2020 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެއްބަސްވުމާއެކު އެ ކްލަބާ މަސައްކަތް ހަވާލުކުރިއިރު، ހާސިލުކުރަން ބޭނުންވާ ނަތީޖާތަކަކީ ކޮބާކަމާއި މި މަސައްކަތަށް ހިނގާނެ ޚަރަދުން ލިބޭނޭ ފައިދާތަކުގެ ކޮސްޓް-ބެނެފިޓް އެނަލިސިސް ހަދާފައެއް ނުވެއެވެ.
އަދި އެ މަސައްކަތް އެ ކްލަބާ ހަވާލުކުރާ ސަބަބު އެނގޭނޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން އިވެލުއޭޝަނެއް ހަދާފައި ނެތްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު މިހާ ބޮޑު ޚަރަދެއް ކުރުމުގައި ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓު ކުރާ ކުންފުނި، އެމްއެމްޕީއާރްސީގެ މަޝްވަރާއާއި ބައިވެރިވުމާއި ލަފާ ހޯދާފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖެ އިޝްތިހާރުކުރަން ސެލްޓަ ވީގޯއާ ދެމެދު އެއްބަސްވެފައިވާ ކަންކަން:
- އޮފިޝަލް ސްޕޮންސާގެ ލޯގޯ މެޗް ޖާޒީ އަދި ޓްރެއިނިން ޖާޒީގައި ހިމެނުން.
- ސެންޓެންޑާ ލީގު އަދި ކިންގް ކަޕްގެ ފައިނަލް މެޗު ފިޔަވާ ހުރިހާ މެޗެއްގައި އޮފިޝަލް ސްޕޮންސަރަށް އިޝްތިހާރުގެ ދެ މިނެޓު ޚާއްސަ ކުރުން.
- އެއްބަސްވުމުގެ މުއްދަތުގައި ކްލަބުގެ ފަރާތުން ހިންގާ ހަފްލާތަކުގައި އޮފިޝަލް ސްޕޮންސާ ބައިވެރިވުން.
- ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް ކްލަބުން އެހީތެރިވުން.
އޮޑިޓް ރިޕޯޓު ބުނާގޮތުންނަމަ އެއްބަސްވުމުގައި ހިމަނާފައިވާ މިކަންކަން އެ ކްލަބުގެ ފަރާތުން ފުރިހަމަ ކުރިކަން މިނިސްޓްރީން ބަލައި މޮނިޓާ ކުރަމުން ގެންދިޔަކަން ލިޔެކިޔުމުން އެނގޭކަށް ނެތެވެ.
"އެއްބަސްވުމުގެ ކޮސްޓު ބެނެފިޓް އެސެސްމަންޓް ހަދާފައިނުވުމާއި އެއްބަސްވުމާ އެއްގޮތަށް ކުރަން އެއްބަސްވި ކަންކަން މޮނިޓާކޮށް ބަލަހައްޓާފައިނުވާތީ، އެކަމަށް ދައުލަތުން ކުރި ހޭދައާ އެކަށީގެންވާ މަންފާތަކެއް ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނުކަން ޔަގީންކުރެވެން ނެތްކަން ފާހަގަކުރަން،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
އިސްލާހުކުރަން ލަފާދިން ގޮތްތައް:
- ތަކެތި ގަތުމާއި މަސައްކަތްތައް ކުރުވުމާއި ޚިދުމަތްތައް ހޯދުމުގައި މާލިއްޔަތު ގަވާއިދުގެ ދަށުން އަމަލުކުރުމަށާއި ދައުލަތުގެ ފައިސާ ހޭދަކުރުމުގައި ވާދަވެރި މާހައުލެއްގެ ތެރެއިން އިގްތިސާދީގޮތުން އެންމެ ފައިދާހުރި ގޮތެއްގައި ޒިންމާދާރުކަމާއެކު އަމަލުކުރުން.
- މާލިއްޔަތު ގަވާއިދުގެ ދަށުން ޕްރޮކިއުމަންޓުގެ ކަމެއް ކުރަން ފެށުމުގެ ކުރިން އެކަމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ތަފްސީލުކޮށް ލިޔުމުން އެނގެން އޮންނާނެގޮތަށް ތައްޔާރުކުރުން.
- ދެ ފަރާތުންވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކަންކަން ފުރިހަމަކުރަމުންދޭތޯ މޮނިޓާކޮށް، ފާހަގަކުރެވޭ ކަންކަން ލިޔެކިޔުމުން ބަލަހައްޓައި، މަސައްކަތަށް ފައިސާ ދިނުމުގެ ކުރިން ދެ ފަރާތުންވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގޮސްފައިވާކަން ޔަގީންކުރުމަށްފަހު ފައިސާ ދިނުން.
- ފަތުރުވެރިކަން އިޝްތިހާރުކުރަން ހިންގާ ޕްރޮގްރާމްތައް ތޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީން މަޝްވަރާކޮށް ކުރިއަށް ގެންދިޔުން.
- ކޮސްޓް ބެނެފިޓް އެސެސްމަންޓްތައް ހަދައި ޕްރޮގްރާމްތަކުގެ ޕޯސްޓް އެނަލިސިސް ތައްޔާރުކުރުން.
ސެލްޓަ ވީގޯއާއެކުވި އެއްބަސްވުމަކީ 38،542،500ރ. (ތިރީސް އަށް މިލިއަން ފައްސަތޭކަ ސާޅީސް ދެހާސް ފައްސަތޭކަ ރުފިޔާ)ގެ އެއްބަސްވުމެކެވެ. އެއީ 2،250،000 (ދެ މިލިއަން ދުއިސައްތަ ފަންސާސް ހާސް) ޔޫރޯއެވެ. މިއީ ޓެކުހާއި ކޮމިޝަން ނުހިމަނާ ޖެހޭ އަގެވެ.
މި އެއްބަސްވުމަށް އަހަރެއްގެ މައްޗަށް 996،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 15.3 މިލިއަން ރުފިޔާ) އަރާކަމަށް އޭރު ބުނެފައިވެއެވެ.
ނަމަވެސް ކޮވިޑް-19އާ ގުޅިގެން އިގްތިސާދީ ގޮތުން ދިވާމި ދަތިތަކާ ހުރެ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ދެވަނަ ސީޒަނަށް ފައިސާ ދެއްކުމަށް ފަހު އިތުރު އިބްލިގޭޝަނެއް ދިވެހި ސަރުކާރަށް ނާންނާނެ ގޮތަށް އެ ކްލަބުގެ ވެސް އެއްބަސްވުމާއެކު ވަނީ އުވާލާފައެވެ.
އެއްބަސްވުން އުވާލުމާ ހަމައަށް 25،233،292ރ. (ފަންސަވީސް މިލިއަން ދުއިސައްތަ ތިރީސް ތިންހާސް ދުއިސައްތަ ނުވަދިހަ ދެ ރުފިޔާ) ސެލްޓަ ވީގޯއަށް ވަނީ ދީފައެވެ.