ދެހާސްތޭވީސް ވަނަ އަހަރު އަންނަންވާ އިރަށް ދެކުނު އިރުމަތީ އޭޝިއާއިން ހިމަބިއްސާއި ރުބެއްލާ ނައްތާލުމަށް ކަނޑައެޅި އަމާޒަށް މި ސަރަހައްދުން ފުރަތަމަ ވާސިލުވި ދެ ގައުމަކީ ރާއްޖެ އާއި ލަންކާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފި އެވެ.
ރާއްޖެ އާއި ލަންކާއިން ހިމަބިއްސާއި ރުބެއްލާ ނައްތާލެވިފައިވާކަން އިއުލާންކޮށްފައި ވަނީ ޑަބްލިޔުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ ރީޖަނަލް ވެރިފިކޭޝަން ކޮމިޝަން ފޯ މީސެލްސް އެންޑް ރުބެއްލާ އެލިމިނޭޝަނުން ބޭއްވި އޮންލައިން ބައްދަލުވުމެއްގަ އެވެ. އެ ކޮމިޝަނުގައި ހިމެނެނީ އެޕިޑެމިއޮލޮޖީ އާއި ވައިރޮލޮޖީ އާއި އާއްމު ސިއްހަތާ ބެހޭ 11 މިނިވަން މާހިރުންނެވެ. އަދި ވަކި ގައުމަކުން ހިމަބިއްސާއި ރުބެއްލާ ނައްތާލެވިފައިވާ ކަން ކަނޑައަޅަނީ އެ ގައުމެއްގެ މުޖުތަމައު ތެރޭގައި ބަލި އުޅޭތޯ ރަނގަޅަށް މޮނިޓާކޮށް، ބަލި އާއްމުކޮށް ނުފެތުރޭތާ ތިން އަހަރު ވުމުންނެވެ.
"އެންމެންގެ ސިއްހަތާއި އާބާދީގެ ދުޅަހެޔޮ ކަމަށްޓަކައި މި ނުރައްކާތެރި ބަލިތަކުން ހުރިހާ ކުޑަކުދިން ރައްކާތެރި ކުރުމަކީ ވަރަށް މުހިއްމު ފިޔަވަޅެއް،" ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ރީޖަންގެ ޑިރެކްޓަރު ޕޫނަމް ކޭތުރިޕާލް ސިންހު ވިދާޅުވި އެވެ.
ރާއްޖެއިން މީގެ ކުރިންވެސް ހިމަބިހި ނައްތާލެވުނު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައި ވަނިކޮށް، މިދިޔަ ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު ރާއްޖެއިން ވަނީ ހިމަބިހީގެ ކޭސް އެއް ފެނިފަ އެވެ. އޭގެ ފަހުން ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު 12އަށް އެރި ކަމަށް ހެލްތު މިނިސްޓްރީން ފެބްރުއަރީ މަހު ބުންޏެވެ. އެ ކޭސްތަކާ ގުޅިގެން، ހިމަބިއްސާއި ރުބެއްލާގެ ޑޯޒް ހަމަނުކުރާ ހުރިހާ އެންމެނަށް އަމާޒުކޮށްގެން ވެކްސިން ދިނުމުގެ ކެމްޕޭނެއް ކުރިއަށްގެންގޮސްފައިވެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ޑަބްލިޔުއެޗްއޯއިން ވަނީ ރާއްޖޭގައި ރުބެއްލާ އަދި ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޮމް ބަލި ކޮންޓްރޯލް ކުރެވިފައިވާތީ އެކަން ފާހަގަކޮށް އެވޯޑެއް ދީފަ އެވެ.
ގައިންގަޔަށް އަރާ ބަލިތަކުން ތުއްތު ކުދިން ރައްކާތެރިކުރުމަށް ރާއްޖޭގައި ވެކްސިންދޭން ފަށާފައިވަނީ 1976 ވަނަ އަހަރު އެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރު އެވެ.