ވޭޕު މަނާކުރަން ރާއްޖެއިން ނިންމުމުން ޓެޑްރޯސްގެ ތައުރީފް

ހެލްތު މިނިސްޓަރު ނާޒިމް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްއާއެކު: އީ-ސިނގިރޭޓު މަނާކުރަން ރާއްޖެއިން ނިންމުމުން ޓެޑްރޯސްގެ ތައުރީފް ރާއްޖެއަށް ވަނީ ލިބިފައި - ފޮޓޯ: މިނިސްޓްރީ އޮފް ހެލްތު

ރާއްޖޭގައި އީސިނގިރެޓު ނުވަތަ ވޭޕު މަނާކުރަން ނިންމި ނިންމުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ރާއްޖެއަށް ތައުރީފްކޮށްފިއެވެ.

ސްވިޒަލެންޑުގެ ޖެނީވާގައި ކުރިއަށްދާ ޑަބްލިޔުއެޗްއޯގެ 156ވަނަ އެގްޒެކެޓިވް ބޯޑު ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމުސީލުކުރެއްވުމަށް އެގްޒެކެޓިވް ބޯޑުގެ މެންބަރެއްގެ ގޮތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖޭގައި ކަރަންޓު ސިނގިރޭޓު މަނާކުރުމުން އެކަމަށް ޓެޑްރޯސް ތައުރީފްކުރައްވާފައިވަނީ މިނިސްޓަރު ނާޒިމާއެކު އޮތް ބައްދަލުވުމެއްގެ ތެރެއިންނެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ނާޒިމް ވަނީ ރާއްޖޭގެ ސިއްހަތާގުޅޭ ސިޔާސަތުތައް ޓެޑްރޯސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން، ރާއްޖޭގެ ރަށްރަށުގައި ޓެލެމެޑިސިންގެ ޚިދުމަތް އިތުރަށް ފުޅާކުރުމާއި، ސިއްހީ ހިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމާގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

އެއާއެކު ރާއްޖޭގެ ސިއްހީ އިންޝުއަރެންސްގެ ނިޒާމުގެ މާލީ ބުރަކަން ލުއިކުރުމަށް ޑަބްލިއުއެޗްއޯގެ ހެލްތު ފައިނޭންސިން ޓީމުގެ އެހީތެރިކަން ލިބޭނެކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

މިނިސްޓަރުގެ މި ބައްދަލުވުމުގައި ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރުމަށާއި ޓެލެމެޑިސިން، ޑިޖިޓަލް ހެލްތު އަދި އިމަޖެންސީ މެޑިކަލް ޚިދުމަތްތަކަށް އިންވެސްޓުކުރުމަށް ވަނީ ވާހަކަދެކެވިފައެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ސިއްހީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމާގުޅޭ ގޮތުން މަޝްވަރާކުރުމަށް ނިންމާފައިވާއިރު، ސިއްހީ ދާއިރާ ކުރިއެރުވުމަށް ދޭދޭ ގައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް