މި ތިބީ ތާށީގައި، އެކަމަކު ވައުދުތަކުގެ އަމާޒު ނުގެއްލޭ: ރައީސް ނަޝީދު

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ ރައީސް، އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ --

މިހާރު ވައުދުތައް ފުއްދުމުގައި ތާށިކަމެއް ހުއްޓަސް، އެމްޑީޕީގެ ވައުދުތަކުގެ އަމާޒުން އަދި ޕާޓީ ކައްސާ ނުލާ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ވައުދުތަކާއި އޭގެ ތެރެއިން، ފުއްދުނު ވައުދުތަކާއި އަދި ފުއްދަމުންދާ ވައުދުތައް ފާހަގަކޮށް އެކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވައިފައެވެ. މިވަގުތު "ތާށީގައި" ތިބި ނަމަވެސް، ވައުދުތަކުގެ އަމާޒު ނުގެއްލޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަމާޒެއް ނުގެއްލޭ، އެކްޝަން ޕްލޭންގެ އަމާޒެއްވެސް ނުގެއްލޭ، ވައުދުތަކުގެ އަމާޒެއްވެސް އަޅުގަނޑުމެންނަކަށް ނުގެއްލޭ. ހަނދާނެއްވެސް އަޅުގަނޑުމެން ނުނެތޭ. އެކްޝަން ޕްލޭންގެ މައްޗަށް ވައުދުތަކުގެ މައްޗަށް ފުއްދުމަށްޓަކައި އަޅުގަނޑުމެން އެކުލަވާލަނީ ލެޖިސްލޭޓިވް އެޖެންޑާއެއް. ފާސް ކުރާނެ ގާނޫނުތަކެއް. ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މިދިޔަ ބައްދަލުވުމާއި މި ބައްދަލުވުމާ އެކުގައި ސާފުކޮށްދެއްވައިފި މަޖިލީހުގައި މި ޕާޓީގެ އިއްޒަތްތެރި މެމްބަރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް އަދި ނެރުއްވާ ފުރިހަމަ ނަތީޖާ،" ނަޝީދު ވިދާޅުވިއެވެ.

"ބޭނުންވަނީ މުޅި ރާއްޖެ ތަރައްގީ ކުރަން"

އައްޑޫ ސިޓީ އަދި ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ ގިނަ ބާވަތުގެ މުދަލުގެ ޑިއުޓީއިން 50 ޕަސެންޓް މާފުކުރަން މިއަދު މަޖިލީހުން ފާސްކޮށްފައިވާކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެއީ ލާމަރުކަޒު ކުރުމުގެ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ ބޭނުންވަނީ ރާއްޖޭގެ ރައްޔިތުން މާލޭ ސަރަަހައްދަށް ގެނެސް ތޮއްޖައްސާކަށް ނޫން ކަމަށެވެ. އަދި އެ ޕާޓީ ބޭނުންވަނީ މުޅި ރާއްޖެ ތަރައްގީ ކުރަން ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނެއް ނޫޅެން މި މާލޭ ސަރަހައްދަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ގެނެސް ތޮއްޖައްސާ އެ މީހުން އަވަދި ކުރާކަށް. އަޅުގަނޑުމެންގެ ބޭނުމަކީ މުޅި މި ރާއްޖެ ތަރައްގީ ކުރުން،"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު "އަވަދިނެތި" ކުރައްވަމުން ދަނީ އެ މަސައްކަތްތައް ކަމަށާއި އެމަނިކުފާނު ފުއްދުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ވައުދުތައް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ފެންނަނީ އިންސާފުގެ މަގު ކާމިޔާބު ކުރެވެމުންދާތަން"

ފަނޑިޔާރުގެ މިނިވަންކޮށް، ޖޭއެސްސީއަކީ ވަކި ފަރާތަަކަށް ނުޖެހި ސިޔާސީ ވިސްނުމަކުން ނުވިސްނާ ތަނަކަށް ހަދައިދެއްވާނެ ކަަމަށް ވިދާޅުވިއެވެ. އަދި އެ އަމާޒުން ކައްސާލައިގެން ނުދާނެ ކަމަށް ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓު ބަދަލުކޮށްދެއްވިއްޖެ. އެ ކޯޓުގައި މުޅިން އާ މެމްބަރުން ތެދުވެރިކަމާއެކީގައި ދެން އެހެން ދައުލަތުގެ ބާރުތަކަށް އަރައިނުގަނެ މަސައްކަތް ކުރަމުން އެބަދޭ. އަޅުގަނޑުމެންނަށް ފެންނަނީ އިންސާފުގެ މަގު އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވެމުންދާތަން،" އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ޖޭއެސްސީއިން މިހާރު ފިޔަވަޅު އަޅަމުން ދަނީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ހިންގާ ފަަނޑިޔާރުންނަށް އެކަނި ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޖުޑިޝަލް ސާވިސަސް ކޮމިޝަނުން ފިޔަވަޅު އަޅަނީ ހަމައެކަނި ޕީޕީއެމްއާ ގުޅިގެން ސިޔާސީ ހަރަކާތް ހިންގާ ފަނޑިޔާރަކުންނަކަށް ނޫން. އަޅުގަނޑުމެންގެ ރަހުމަތްތެރި މާކުރަތު މެޖިސްޓްރޭޓަށްވެސް ފިޔަވަޅު އަޅައިފިން. ވަކިކޮށްފިން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރައްޔިތުން ލޯބިވާ ފުލުހުން ތިބޭތަން ދައްކައިދޭނަން"

ފުލުހުންގެ މުއައްސަސާ އިސްލާހު ކުރުމުގެ ވައުދާ ގުޅިގެން އެމަނިކާނު ވިދާޅުވީ، އެ މަސައްކަތަކީ ފުލުހުންނާ މޫނު ކެނޑުމެއް ނޫން ކަމަށެވެ. އަދި އެއީ އެމްޑީޕީ އުފެދުނީއްސުރެ ދައްކަމުން އައި ވާހަކައެއް ކަމަށް ވިދާޅުވެ، އެކަން ހަގީގަތަކަށް ހެދުމަށް ރާއްޖޭގެ ރައްޔިތުން ވޯޓުދީ އެމްޑީޕީއަށް މަޖިލީހުގައި މެޖޯރިޓީ ދީފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިސްލާހުކޮށް، ދިވެހި ރައްޔިތުން ލޯބިވާ ފުލުހުންތަކެއް އުޅޭތަން ދައްކަވައިދެއްވާނެ ކަމަށެވެ.

"ބުއްދިވެރިކަމާއި، ކެތްތެރިކަމާއި ވިސްނުންތެރިކަމާ އެކީގައި އިރާދަކުރެއްވިއްޔާ ފުލުހުންގެ މުއައްސަސާ އަޅުގަނޑުމެން އިސްލާހުކޮށްދޭނަން. ދިވެހީން ބިރުގަންނަ ފުލުހުންނެއް ނޫން ލޯބިވާ ފުލުހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރާއްޖޭގެ ރަށްތަކުުގެ ތެރޭގައި އުޅޭތަން ތިޔަ ބޭފުޅުންނަށް ދައްކައިދޭނަަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ކުޑަ އުޖޫރަ ދިނުމަކީވެސް އެމްޑީޕީގެ ވައުދެއް ކަމަށާއި، އެ ވައުދުވެސް ހަނދާން ނުނެތޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ ވައުދުވެސް ފުއްދައިދޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެއީ އެހެން ޕާޓީއަކުން ދައްކާ ވާހަކައެއް ނޫން ކަމަށާއި އެއީ ހަމައެކަނި އެމްޑީޕީއިން ދައްކާ ވާހަކައެއް ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، ގޭދޮށު މަސްޕްލާންޓުތަކުގެ ވައުދުގެ ވާހަކަ ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ މިހާރުވެސް އެފަދަ ޕްލާންޓުތަކެއް އަޅަމުންދާ ކަމަށެވެ. އަދި މި ދައުރު ނިމޭއިރުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ ވައުދުވެސް އޮންނާނީ ފުއްދިފައި ކަމަށް ވިދާޅުވިއެވެ.

މިހާރު ދިމާވެފައިވާ ވަގުތީ ހީނަރުކަމުން ރާއްޖެއަށް އަރައިގަނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވަޒީފާގެ ފުުރުސަތުތައް އިތުރު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"މިއަދު ތިބޭފުޅުން ހިތްހަމަޖެހިވަޑައިނުގެން ތި ތިއްބެވީ ރާއްޖޭގެ ރައްޔިތުން. އެހެން ނަަމަވެސް އަޅުގަނޑުމެންގެ ފޯނާ ގޫޅޭނެ. ހަމަ ކަށަވަރުންވެސް އަޅުގަނޑުގެ ފޯނާ ގުޅޭނެ. ތިބޭފުޅުންނާ ވާހަކަ ދައްކާނަން. ރުޅިވެރިކަމުގެ މޫނުންވެސް ތިބޭފުޅުން އަޅުގަނޑުމެންނާ ބައްދަލުކުރަން އެދެނީނަމަ އެދޭއިރު އަޅުގަނޑުމެން އަބަދުވެސް ތިބޭނީ ތައްޔާރަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަޝްރޫއުތައް ދަނީ ރޭވެމުން، ދަނީ ކުރިއަށް. އާދެ މިވަގުތު މިތިބީ ތާށީގައި. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަބަދަކަށް މި ތާށީގައި ނުތިބޭނެ،"

comment ކޮމެންޓް