ސުޝާންތުގެ ފަހު ފިލްމުގެ ޓްރެއިލަރު ރެކޯޑުތައް މުގުރަނީ

ދާދި ފަހުން މަރުވި ޒުވާން ހުނަރުވެރި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް ފެނިގެންދާ އެންމެ ފަހު ފިލްމު "ދިލް ބޭޗާރާ"ގެ ޓްރެއިލާ ރިލީޒްކުރިތާ އެއް ދުވަސް ވެސް ނުވަނީސް ބޮޑެތި ރެކޯޑުތައް މުގުރަން ފަށައިފި އެވެ.

ފިލްމުގެ ޓްރެއިލާ ރިލީޒް ކުރުމާއެކު އެ ފިލްމަށް ދަނީ އާންމުންގެ ލޯބި އޮހެމުންނެވެ. ފިލްމުގެ އިތުރުން އެންމެންގެ ލޯބި ލިބެމުންދަނީ ސުޝާންތަށެވެ.

ދިލް ބެޗާރާ ޓްރެއިލާ ރިލީޒްކުރުމާއެކު އެ ޓްރެއިލާ ވަނީ ޔޫޓިއުބްގައި މިހާތަނަށް އެންމެ ގިނަ ލައިކް ލިބިފައިވާ ޓްރެއިލާ ވީޑީއޯއަށް ވެފައެވެ. އެގޮތުން އެ ފިލްމަށް މިހާތަނަށް 5.1 މިލިއަން ލައިކް ވަނީ ލިިބިފައެވެ.

ކުރީން އެ ރެކޯޑު ގާއިމުކޮށްފައިވަނީ ޑިޒްނީ އަދި މާވެލްގެ އެވެންޖާސްގެ ފަހު ފިލްމު "އެންޑްގޭމް"ގެ ޓްރެއިލާއެވެ. އެ ޓްރެއިލާއަށް ވަނީ 3.6 މިލިއަން ލައިކްސް ލިބިފައެވެ. އެންޑްގޭމް އަކީ ބޮކްސް އޮފީހުގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާފައިވާ ފިލްމެވެ.

ޖޯން ގްރީންގެ "ދަ ފޯލްޓް އިން އަވާ ސްޓާސް"ގެ ހިންދީ ރީމޭކުގައި ސުޝާންތު އާއެކު ލީޑު ރޯލުން ފެނިގެންދާނީ ސަންޖަނާ ސަންގީއެވެ. ސަންޖަނާ ވަނީ މީގެ ކުރިން ވަރަށް އިޝްތިހާރުތަކުންނާއި ފިލްމުތަކުގައި ވަރަށް ކުދި ކުދި ރޯލުތަކުން ފެނިގެން ގޮސްފަ އެވެ.

ދިލް ބޭޗާރާގެ ޓްރެއިލާއިން ރޮއްވާލާ ފަދަ މަންޒަރުތަކެއް ފެނިގެންދާއިރު ފޭނުން ބުނަނީ ޓްރެއިލާ ބަލަމުން ދިޔައިރު ރޮވުނު ކަމަށެވެ. ސުޝާންތުގެ ފިލްމެއް ފެނިގެންދާ ފަހު ފަހަރަށް ވުމުންނެވެ. ސުޝާންތުގެ ފޭނުން ތިބީ "ދިލް ބޭޗާރާ" ބޮޑު ހިޓަކަށް ހެދުމަށް ތައްޔާރަށެވެ. މި ފިލްމު މަހު 24 ވަނަ ދުވަހު ހޮޓްސްޓާއިން ދައްކާނެއެވެ.

comment ކޮމެންޓް