ބަންޑުންވި ބޯޓު އޮޔާ ދަނީ، ސަމާލުވޭ

ކާށިދޫއިން ފުރައިގެން ދަތުރުކުރަމުންދިޔަ "ފަތޮޅު" ބޯޓު ބަންޑުން ޖަހާލައި އޮޔާ ދަނީ --- ފޮޓޯ : އެމްއެންޑީއެފް

ކ. ކާށިދޫއިން ފުރައިގެން ހއ. ދޮނަކުޅިއަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި "ފަތޮޅު" ބޯޓު އޮޔާ ދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްއިން މިއަދު ބުނެފައިވަނީ ފަތޮޅު ބޯޓު ބަންޑުން ޖަހާލާފައިވަނީ ކާށިދޫގެ އުތުރުން 10 ނޯޓިކަލް މޭލު ދުރުން ކަމަށާއި އެ ސަރަހައްދުން ދަތުރު ކުރާއިރު ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އެ ބޯޓު އޮޔާ ދަނީ އުތުރާ ދިމާލަށް ކަމަށާއި ދަތުރު ކުރާއިރު އަދި ހާއްސަކޮށް ރޭގަނޑު ދަތުރުކުރާނަމަ ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމު ކަމަށެވެ.

ބޯޓު އަޑިއަށް ގޮސް، އޭގެން ދަތުރުކުރި ފަސް މީހަކު ގެއްލިގެން އުޅޭ ކަމަށް އެމްއެންޑީއެފް އިން ވަނީ ކުރީން ބުނެފައެވެ. މެންދުރު 14:40 ހާއިރު ބޯޓުން ދަތުރުކުރި މީހުން ކަނޑުވެފައި ތިއްބާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗަށް ފެނިގެން މިހާރު ސަލާމަތްކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ މިދުވަސްވަރަކީ ރާއްޖެއަށް ކަނޑުގަދަ ދުވަސް ވަރަކަށް ވާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކަނޑު ގަދަވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ތަފާތު ހާދިސާތަށް އަންނަނީ ހިނގަމުންނެވެ. މިގޮތުން އުޅަނދު ފަހަރަށް ދިޔަވުމާއި އަޑިއަށް ދިއުމާއި އަދި އުޅަނދު ފަހަރު ބަންޑުން ޖަހާލައިގެން އެކި ހާދިސާތަކުގެ ރިޕޯޓް ލިބެމުން އަންނަ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

comment ކޮމެންޓް