ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދެ ކުއްލި މައްސަލަ ހުށަހަޅާފައިވުމުން، ބަހުސްކުރާނެ މައްސަލައެއް ނިންމުމަށް ގުރުނަގައިފިއެވެ.
މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފެވެ.
ޝިޔާމް ކުއްލި މައްސަލަ ހުށަހެޅުއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ ފްލެޓުތައް ހަވާލުކުރުން އަވަސްކުރުމަށް ގޮވާލާއެވެ.
މެމްބަރު ސަނީފް ކުއްލި މައްސަލައެއް ހުށަހަޅުއްވަން އުޅުއްވީ، އިއްޔެ ގދ. ތިނަދޫއަށް އުދަ އެރުމާ ގުޅިގެން އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ އެއް މައްސަލައަށްވުރު ގިނަ މައްސަލައިގެ ނޯޓިސް ލިބިފައިވާނަމަ، އެ ޖަލްސާއަކަށް ހުށަހެޅޭނެ މައްސަލަ ގުރުއަތުން ނެގުމާއި، ދެން އޮތް މައްސަލަ ފަހުގެ ޖަލްސާއަކަށް ގެންދިއުމަށެވެ.
އެހެންކަމުން މިއަދުގެ ޖަލްސާގައި ބަހުސްކުރާނެ މައްސަލައެއް ނިންމުމަށް ވަނީ ގުރުނަގައިފައެވެ. މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިއީ ތާރީހުގައި ވެސް ކުއްލި މައްސަލައެއްގެ ގުރުނަގާ ފަހަރު ކަމަށް ވިދާޅުވެފައެވެ.
"މިއީ އަޅުގަނޑު ހިތުން އަލަށް މަޖިލީހުގައި ކުއްލި މައްސަލައިގައި މި ގުރުއަތަށް ދެވެނީ. އަޅުގަނޑު ދެކޭގޮތުގައި އަމީންއާންމާއި ކައުންސެލް ޖެނެރަލް ވަނީ މިކަމަށް ފުންކޮށް ވިސްނަވާފައި. އެހެންވީމަ އިންތިޒާމެއް އެބޭފުޅުން އޮންނާނީ ހަމަޖައްސަވާފައި،" ނަޝީދު ވިދާޅުވިއެވެ.
ބަހުސް ކުރާނެ މައްސަލައިގެ ގުރު ނަންގަވައިދެއްވީ މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއެވެ. ދެ މެމްބަރުންގެ ހާޒިރުގައި ނެގި ގުރުން ހޮވުނީ މެމްބަރު ޝިޔާމްގެ މައްސަލައަށް ބަހުސްކުރުމަށެވެ.
ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރަން މިއަދު މަޖިލީހުން ފާސްކުރީ 45 މެމްބަރުންގެ ވޯޓުންނެވެ.