ހާޔާ ސޯފިއާ އަލުން މިސްކިތަކަށް ބަދަލުކުރަންއުޅޭ ކަމުގެ އަޑުތަކެއް

ހާޔާ ސޮފީއާ--

ތުރުކީގެ އިސްތަންގްބޫލްގައި ހުންނަ ހާޔާ ސޯފިއާ އަނެއްކާވެސް މިސްކިތަކަށް ބަދަލުކުރަން އެގައުމުގެ ސަރުކާރުން ފަށައިފި އެވެ.

ހާޔާ ސޯފިއާއަކީ ބައިޒެންޓައިން ޒަމާނުގައި ބިނާކުރި ކްރިސްޓިއަނުންގެ މުގައްދަސް ފައްޅިއެކެވެ. ނަމަވެސް ކޮންސްޓެންޓިނޯޕަލް (މިހާރުގެ އިސްތަންބުލް) މުސްލިމުންގެ އުސްމާނީ ދައުލަތުގެ ބާރުގެ ދަށަށް ދިޔަ ފަހުން އެތަން ބޭނުންކުރަމުން ދިޔައީ މިސްކިތެއްގެ ގޮތުގަ އެވެ.

ތުރުކީގެ ރައީސް މުސްތަފާ ކަމާލްގެ ވެރިކަމުގައި 1934 ވަނަ އަހަރު އެތަން ވަނީ މިއުޒިއަމްއަކަށް ހަދައިފަ އެވެ. ނަމަވެސް 1990 އިން ފެށިގެން ހާޔާ ސޯފިއާގެ ކުޑަ ތަންކޮޅެއްގައި ނަމާދުކުރެވެ އެވެ.

މިދޔަ ބުރާސްފަތި ދުވަހު ތުރުކީގެ އެންމެ މަތީ އޭޑްމިނިސްޓްރޭޓިވް ކޯޓަކުން ވަނީ އެ މިއުޒިއަމް އަލުން މިސްކިތަކަށް ބަދަލުކުރުމާ ގުޅޭގޮތުން އަޑުއެހެހުމެއް ބާއްވައިފަ އެވެ. އެ މައްސަލައިގައި 15 ދުވަސްތެރޭ ގޮތެއް ނިންމާނެކަމަށް ވަނީ ބުނެފަ އެވެ.

ހާޔާ ސޯފިއާ އަނެއްކާވެސް މިސްކިތަކަށް ހަދަން އުޅޭތީ އެކަމާ ގްރީސްއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގައި ހިމެނޭ އެ ބިނާއަކީ އީސްޓާން އޮތޮޑޮކްސް ކްރިސްޓިއަނިޓީގެ މުހިންމު ބިނާއަކަށް ވާތީ އެކަން ނުކުރަން ގްރީސްއިން ދަނި ގޮވާލަމުންނެވެ. ހުދު އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓްއިން މައިކަލް ޕޮމްޕިއޯވެސް ވަނީ އެކަމާ ދެކޮޅު ހައްދަވައިފަ އެވެ.

ހާޔާ ސޮފީއާގެ އެތެރެ--

ތުރުކީގެ ބޮޑުވަޒީރު ތައްތިބް އުރުދުއާންގެ ގިނަ ސަޕޯޓަރުންނަކީ "ކޮންޒަވޭޓިވް" މުސްލިމުން ކަމަށްވުމާއެކު ހާޔާ ސޯފިއާ އަލުން މިސްކިތެއްގެ ގޮތުގައި ބޭނުންކުރަން ފަށައިފިނަމަ އެމަނިކުފާނަށް އޮތް ތާއިދު އިތުރުވެގެންދާނެކަމަށް ވަނީ ބެލެވިފަ އެވެ.

ކޮންސްޓެންޓިނޯޕަލް އުސްމާނީ ދައުލަތުގެ ބާރުގެ ދަށަށް ދިޔައީ 1453 ވަނަ އަހަރު އެވެ. އެ ތާރީހީ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިދިޔަ މޭ މަހު އުރުދުއާން ވަނީ ހާޔާ ސޯފިއާގައި ނަމާދު ކުރައްވައިފަ އެވެ.

އިސްތަންބުލް އިކޮނޮމިކް ރިސާޗްއިން ކުރި ސާވޭއެއްގައި ބުނީ ހާޔާ ސޯފިއާ މިސްކިތަކަށް ބަދަލުކުރަން ތުރުކީގެ 47 ޕަސެންޓް މީހުން ތާއިދު ކަމަށެވެ. އަދި 38 ޕަސެންޓް މީހުން ބޭނުންވަނީ އެތަން މިއުޒިއަމްއެއްގެ ގޮތުގައި ބަހައްޓާށެވެ. --- ބްލޫމްބާގް، ފައިނޭންޝިއަލް ޓައިމްސް--

ގުޅޭ ޓެގު
comment ކޮމެންޓް