މިހުރީ މުޒާހަރާގެ ބައިވެރިންނާއެކު، ނިޒާމް އިސްލާހު ކުރަން ޖެހޭ: ޖެންޑާ މިނިސްޓަރު

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ -- ފޮޓޯ/ އެންއީއޯސީ

ޖިންސީ އަނިޔާއާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުންނާއެކު ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީވެސް ހުންނެވި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޖިންސީ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކުށްތަކުގައި އިންސާފު ހޯދައި ދިނުމަށް އެދި މިއަދުވެސް މާލޭގައި ވަނީ މުޒާހަރާކޮށްފައެވެ.

އެ މުޒާހަރާ ގުޅޭގޮތުން މިނިސްޓަރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖިންސީ އަނިޔާ ލިބޭ މީހުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް އޭނާއަށްވެސް އަޑުއިވޭ ކަމަށެވެ. އަދި މިހާރު އޮތް ނިޒާމް ފެއިލްްވެފައި އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ ނިޒާމްގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކުރުމަށް ނުކުޅެދިފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ނިޒާމް އިސްލާހްކުރަން ޖެހޭ އެކަން އަދި އަވަސް ކުރަން ޖެހޭ. އެގޮތުން ސޯޝަލް ރިފޯމާއި ތަހުގީގުކުރާގޮތާއި ދައުވާކުރާގޮތާއި އަދި އޭގެ ތެރޭގައި ހިމެނޭ ހުރިހާ މަރުހަލާތަކެއް އިސްލާހްކުރަން ޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.

މި ފަހުން އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ދާދި ފަހުން ސަފާރީއެއްގައި ހިނގި ޖިންސީ ގޯނާކުރުމުގެ މައްސަލައާއި ދެ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުދިން ރޭޕްކޮށް ބަނޑުބޮޑުވި ހާދިސާ ފާހަގަކޮށްލެވެއެވެ.

ރޭޕް ފަދަ މައްސަލަތައް ހިނގައިދިއުން ހުއްޓުވުމަށް މަސައްކަތް ކުރުމުގެ ގޮތުން މިމަހުގެ 15 ހިސާބުގައި ކެމްޕޭނެއް ފަށަން ނިންމާފައިވާ ކަން މިނިސްޓަރު ވަނީ ދާދި ފަހުން އިއުލާންކުރައްވައިފައެވެ. އަދި އެ ކެމްޕޭން ތިން މަސް ދުވަހަށް ކުރިއަށް ގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް