އެކްޓަރު މުހައްމަދު ޖުމައްޔިލް ނިމާލްގެ މައްޗަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައި ވަނީ ދައުވާ ނުކުރަން ކަމަށް އެ އޮފީހުން ބުނެފިއެވެ.
ޖުމައްޔިލްގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، އަންހެނަކު ވަނީ އޭނާގެ ވާހަކަ ސޯޝަލް މީޑިއާގައި ތަފްސީލުކޮށް ކިޔައިދީފައެވެ. ޖުމައްޔިލްއާއި ދެބެއިންގެ ދެ ދަރި އެ އަންހެން މީހާ ބުނެފައިވަނީ، 2016 ވަނަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ޖުމައްޔިލް އެ އަމަލު އޭނާއާ މެދު ހިންގި އިރު، އޭނާ ވާނީ 17 އަހަަރު ކަމަށެވެ.
އަދި އެ މައްސަލައިގައި ޖުމައްޔިލްއަށް ދައުވާ ނުކުރީ ބާރުގަދަ ފަރާތްތަކަކާ އޭނާއާ ދެމެދު އޮތް ގުޅުމެއްގެ ސަބަބުން ކަމަށް ބުނެފައިވެއެވެ. އޭރު ޕީޖީގެ މަގާމުގައި ހުންނެވީ އައިޝަތު ބިޝާމް އެވެ. މި ތުހުމަތާ ގުޅޭ ގޮތުން ބަހެއް ހޯދަން ބިޝާމްއަށް ގުޅުމުން ފޯނު ނަންގަވާފައި ނުވެއެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި އޭނާގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ކުރި ކަމަށެވެ. ނަަމަވެސް، އިޖުރާއީ ބައެއް މައްސަލަތަކާ ހުރެ ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ކަމަށެވެ. ނަމަވެސް، ޖިންސީ ގޯނާގެ މައްސަލައިގައި ދައުވާ ނުކުރާ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް "ސަން"އަށް ވިދާޅުވީ، އެ މައްސަލައިގައި މީގެ ކުރިން ދައުވާ ނުކުރަން ނިންމާފައި އޮތީ ހެކި ނެތިގެން ކަމަށް ބުނެ ކަމަށެވެ.
"އޭރު އެވިޑެންސް ނެތް ކަމަށް ލިޔެފައި އޮންނަނީ،" ޝަމީމް ވިދާޅުވިއެވެ.
ޖުމައްޔިލްއަށް ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއުކޮށް، އޭނާއަށް ދައުވާ ކުރެވޭނެތޯ ނުވަތަ ނޫންތޯ ބައްލަވާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
"ވިކްޓިމް އެބަ ބުނޭ، ބަލައި ދޭށޭ. އަޅުގަނޑުމެން ނިންމައިފިން ދައުވާ ނުކުރަން ނިންމި ނިންމުން ރިވިއު ކުރުމަށް. އެކަން ނިންމައިފިވަނީ ރަނގަޅަށްތޯ އަޅުގަނޑުމެން ބަލާނަން. ބަލައިފައި ގޮތެއް ނިންމާނަން،" ޝަމީމް ވިދާޅުވިއެވެ.
މި ތުހުމަތުތަކާ ބެހޭ ގޮތުން ޖުމައްޔިލްގެ ބަހެއް ހޯދަން "ސަން"އިން ގުޅުމުން އޭނާ ބުނީ އެކަމާ ގުޅޭ ގޮތުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.
ޖުމައްޔިލްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު އަންހެން މީހާ ބުނާ ގޮތުގައި، އެ އަނިޔާގެ ސަބަބުން އޭނާއަށް އެތައް ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އެގޮތުން ޑިޕްރެޝަންއާއި އެންޒައިޓީއަށް ތެރަޕީވެސް ހޯދަން ޖެހުނު ކަމަށް ބުނެފައިވެއެވެ.