ޕޮލިހުންނާ މެދު އައްޑޫ މޭޔަރުގެ ބޮޑެތި ޝަކުވާތަކެއް

އައްޑޫ ސިޓީގެ މޭޗަރު އަބްދުﷲ ސޯގު (ސޯބެ) --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކައުންސިލުން ހަދާފައި ހުންނަ ގަވައިދުތައް ތަންފީޒު ކުރުމަށްވެސް މާލޭގައި ތިބޭ ފުލުހުންގެ ކޮމާންޑަރުންގެ ބަސް ބޭނުންވާކަމަށް ބުނެ އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ފުލުހުންނަށް ފާޑު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ވަނީ މާލޭ ސިޓީ ކައުންސިލް އަދި ފުވައްމުލަކު ސިޓީ ކައުންސިލުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރުންނާ ބައްދަލުކޮށްފަ އެވެ. އެބައްދަލުވުމުގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ އައްޑޫ ސިޓީގެ ރަށެއްގެ ގޮނޑުދޮށުން ވެލިނަގާ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން އެކަން ހުއްޓުވަންވެސް މާލޭގައި ހުންނަ ފުލުހުންގެ ކޮމާންޑަރެއްގެ ހުއްދަ ބޭނުންވާ ކަމަށެވެ.

އެހެންވީމާ ފުލުހުންގެ ބިލުން ސިޓީ ފުލުހުންނަށް ބާރު ދިނުމަކީ މުހިންމު ކަމެއްކަމަށް މޭޔަރު ސޯދިގު ވިދާޅުވި އެވެ.

އޭގެ އިތުރުން ސިޓީތަކުގައި މަސައްކަތްކުރާ ފުލުހުންނާއި ސިޓީ ކައުންސިލާއި ގުޅިގެން މަސައްކަތްކުރާނެ ގަވައިދެއް ނޫނީ އޮނިގަނޑެއް އެކުލަވާލަން ޖެހޭ ގޮތަށް ގާނޫނުގައި ލިޔަން ޖެހޭ ކަމަށްވެސް ސޯބެ ވިދާޅުވި އެވެ. އެނޫން ގޮތަކަށް އެ ދެ މުއައްސަސާ ގުޅިގެން މަސައްކަތް ނުކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން މީގަ އެބަބުނޭ ނެއިބަހުޑް ޕޮލިހުންގެ ވާހަކަ. ނެއިބަހުޑް ޕޮލިސް މިހާރުވެސް އުފައްދާފަކަމަށް ވިދާޅުވޭ. ނަމަވެސް އެ އެންމެ ރަނގަޅަކަށް މަސައްކަތެއް ނުކުރޭ. އެހެންވީމަ ނެއިބަހުޑް ޕޮލިސް އަމުދުން އެއީ ޕޮލިހުންނާއި ސިޓީ ކައުންސިލާ ވެގެން އުފެދިފަ އޮންނަ އެއްޗަކަށްކަމަށް ވެއްޖެއްޔާ އަޅުގަނޑު ދެކެނީ އޭތި ވަރަށް އެފެކްޓިވްވާނެ އޭ." ސޯބެ ވިދާޅުވި އެވެ.

ސޯބެ ވިދާޅުވީ ނެއިބަހުޑް ޕޮލިހުގައި ކޮންމެހެން ޕޮލިސް އޮފިސަރުން ތިބެން ނުޖެހޭ ކަމަށާއި އޭގައި ސިވިލް މީހުންވެސް ހިމެނިދާނެ ކަމަށެވެ. ނެއިބަހުޑް ޕޮލިސް ނުވަތަ ނެއިބަހުޑް ވޮޗް މުހިންމުވަނީ ނެއިބަހުޑްގައި އުޅޭ މީހުން ހިމެނޭގޮތަށް މަސައްކަތްކޮށްގެން ކަމަށާއި ހަމައެކަނި ފުލުހުންގެ އޮފިސަރުންތަކެއް ތިބެގެން ކުރާ ކަމެއްގެ ގޮތުގައި ކޮށްގެން އެކަން ކާމިޔާބު ނުވާނެކަމަށް ސޯބެ ވިދާޅުވި އެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގެ މަގްސަދު ތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ލާމަރުކަޒުކުރުން ހިމެނެ އެވެ. އެގޮތުން އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް ހިންގުން އިންތިޒާމު ކުރެވިފައިވާ މުޅި ދިވެހިރާއްޖެއަށް ހިދުމަތް ފޯރުކޮށްދެވޭ ހިދުމަތެއްގެ ގޮތުގައި ފުލުހުންގެ ހިދުމަތް ދޭންޖެހޭނެކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ލާމަރުކަޒީކޮށް ފުލުހުންގެ ހިދުމަތް ހަތް ދަރަޖައެއްގެ މަރުކަޒުތައް މަދުވެރިކޮށް ހިދުމަތް ދެވިދާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެއީ ޑިވިޝަން، ސިޓީ ޕޮލިސް، އަތޮޅު ޕޮލިސް، ޕޮލިސް ސްޓޭޝަން، ޕޮލިސް ޕޯސްޓް، ޕޮލިސް ޑެސްކް އަދި ނެއިބަހުޑް ޕޮލިސް އެވެ. އެ ބިލު ގާނޫނަކަށްވެސް އަމަލުކުރަން ފަށާތާ ހަމަސް ތެރޭގައި އެގޮތަށް މަރުކަޒުތައް ގާއިމުކުރަން ޖެހޭނެކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް