އެއްޗެހި ފިހުން ނުވަތަ ބޭކް ކުރުމުގެ ތެރެއިން މިއީ އަހަރެމެންނަށް މާ "ފަސޭހަ"ކޮށްލެވޭ ދިމާލެކެވެ. ބޭކިންގް ޕައުޑާއާއި ބޭކިންގް ސޯޑާއަކީ އެކައްޗެއް ކަމަށް ހީކުރެވި، އެކަތި ނެތް ތަނުގައި ވިސްނާ ނުލައި އަނެކަތި ބޭނުންކޮށްލެވެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ ވިސްނާނުލައި "ސަބްސްޓިޓިއުޓް"ކުރެވޭ ދެ އިންގްރީޑިއެންޓެވެ.
ބޭކިންގ ނުވަތަ ޕާނާއި ބަނަސް އަދި ކޭކު ފަދަ ތަކެތި ފިހުމުގައި "ލެވެނިންގް އޭޖެންޓް" ނުވަތަ "ލެވެނާ" ބޭނުންކުރެއެވެ. މިއީ ބޭކިންގް ސޯޑާ، ބޭކިންގް ޕައުޑާ އަދި ޔީސްޓް ފަދަ ތަކެއްޗެވެ.
"ޖިންޖާބޭކްސް" ފުޑްބްލޮގް ހިންގާ ކުޅަދާނަ ފާތިމަތު ޝާދްނީ (ޝާ)އާއެކު މިއަދު އަހަރެމެން މި ކިޔައިދެނީ ބޭކް ކުރާ މީހަކަށް ކޮންމެހެން އެނގެން ޖެހޭ ވަރަށް މުހިންމު މައުލޫމާތުތަކެކެވެ. އެއީ ލެވެނިންގް އޭޖެންޓްސްގެ ހަގީގަތެވެ.
ލެވެނިންގް އޭޖެންޓްސްއަކީ ކޮބާ؟
ލެވެނިންގް އޭޖެންޓްސް ނުވަތަ ލެވެނާއަކީ އެއްޗެއް ބޭކް ކުރާ އިރު އޭގެ ޓެކްސްޗާއާއި ސިފަ (ވިޝުއަލް އެޕިއަރަންސް) ރީތިކޮށްދޭ ނުވަތަ އިމްޕްރޫވްކޮށްދޭ އެއްޗެއްސެވެ. މިތަކެތީގެ މަސައްކަތަކީ ފިހާ އެއްޗެއްގެ ތެރޭގައި އެއާ ޕޮކެޓްސް އުފެއްދުމެވެ. މާނައަކީ، ފުށްގަނޑު ނުވަތަ ބެޓާގަނޑުގެ ތެރެއިން ކާބަންޑައިއޮކްސައިޑް ދޫކޮށް، އޭގެ އެތެރެއިން ފުފުމަށް މަގުފަހިކުރުމެވެ. ޕާނާއި ކޭކާއި ބަނަސް ފަދަ ތަކެތީގެ އެތެރޭގައި ހުންނަ "ޕޯރަސް" ސްޓްރަކްޗާގެ ފަހަތުގައި ވަނީ ލެވެނިންގް އޭޖެންޓްސްއެވެ.
ދެން މި އޮތީ މިއަދުގެ ހަގީގީ މައުޟޫއެވެ.
ބޭކިންގް ސޯޑާއާއި ބޭކިންގް ޕައުޑާއަކީ ގިނަ މީހުންނަށް އޮޅުވާލެވޭ ދެ ލެވެނިންގް އޭޖެންޓެވެ. ބަލާ ބެލުމަށްވެސް އެއްވައްތަރު މި ދެ އެއްޗަކީވެސް ކެމިކަލް ލެވެނިންގް އޭޖެންޓްސްއަށް ވީ ހިނދުވެސް، އޭގެ ކެމިކަލް ސްޓްރަކްޗާއަށް ބަލާއިރު އެއީ ތަފާތު ދެ އެއްޗެކެވެ.
ރެސިޕީއެއްގައި ބޭކިންގް ޕައުޑާ ބޭނުންކުރަންޖެހޭ ތަނުގައި އޭގެ ބަދަލުގައި ބޭކިންގް ސޯޑާ ބޭނުންކުރެވިދާނެހޭ ގިނަ ބަޔަކު ސުވާލު ކުރެއެވެ. މި ސުވާލުގެ ޖަވާބުގައި ޝާ ބުނަނީ، އެއީ ވަރަށް އުނދަގޫ ވެދާނެ ކަމެއް ކަމަށެވެ. ބާކިންގް ޕައުޑާއާއި ބޭކިންގް ސޯޑާގެ ތަފާތުތަކާއި ހަގީގަތް ނޭނގޭ ނަމަ، އެންމެ ރަނގަޅު ގޮތަކީ ރެސިޕީގައި ލިޔެފައި އޮތް އެއްޗެއް އެ މިންވަރަށް ބޭނުންކުރުމެވެ.
ބޭކިންގް ސޯޑާއަކީ ކޮބާ؟
ބޭކިންގް ސޯޑާއަށް "ބައިކާބަނޭޓް އޮފް ސޯޑާ"އޭ ނުވަތަ "ސޯޑިއަމް ބައިކާބަނޭޓް"އޭވެސް ކިޔައެވެ. މިއީ އަލްކަލައިން ބޭސް އޭޖެންޓެކެވެ. ސްކޫލުގައި ހެދި ސައިންސް ޕްރޮޖެކްޓުތަކުގައި ވޮލްކެނޯއެއް ގޮއްވާލުމަށްޓަކައި ލުނބޯހުތް ނުވަތަ ވިނެގާއަށް އަޅަނީ ބޭކިންގް ސޯޑާއެވެ--ކުކީސްއާއި ކޭކާއި ޕާން ހަދާއިރުވެސް ބޭކިންގް ސޯޑާގެ ފަރާތުން ލިބެނީ ހަމަ މި ކެމިކަލް ރިއެކްޝަނެވެ.
ބޭކިންގް ސޯޑާއާ އެސިޑެއް އެކުވުމުން، އެ ހޫނުވާ ވަގުތު ކާބަންޑައިއޮކްސައިޑް ގޭސް އުފެދެއެވެ. އަދި ބޭކް ކުރާ އިރު ފުށްގަނޑު ނުވަތަ ބެޓާގެ އެތެރޭގައި ކާބަންޑައިއޮކްސައިޑް ތާށިވެ، އެ ފުފެއެވެ. ނުވަތަ ބޮޑުވެއެވެ.
ބޭކިންގް ސޯޑާއާ ރިއެކްޓްކުރުމަށް ބޭނުންކުރާ ބައެއް އެސިޑްގެ ތެޜޭގައި ވިނެގާ، ލުނބޯހުތް، ޔޯގަޑް، ބަޓާމިލްކް އަދި ކްރީމް އޮފް ޓަރޓަރ ހިމެނެއެވެ.
ޝާ ބުނާ ގޮތުގައި، ބޭކިންގް ސޯޑާއަކީ ވަރަށް "ވަރުގަދަ" އެއްޗެކެވެ--ބޭކިންގް ޕައުޑާއަށް ވުރެ ތިނެއް ނުވަތަ ހަތަރު ގުނަ ސްޓްރޯންގްއެވެ. ފިހަން ލާ އެއްޗަކަށް މާ ގިނައިން ބޭކިންގް ސޯޑާ އަޅައިފި ނަމަ އެ އެއްޗެއްގައި މެޓަލިކް ޒާތެއްގެ ރަހައެއް ހުރެދާނެއެވެ.
ޓިޕް: އެއްޗެއް ތައްޔާރުކުރާ އިރު އެއް ޖޯޑު ފުށަށް ބޭނުންކުރަން ރަނގަޅު މިންވަރަކީ 1/4 ސައިސަމުސާ ބޭކިންގް ސޯޑާއެވެ.
ބޭކިންްގް ޕައުޑާއަކީ ކޮބާ؟
ބޭކިންގް ޕައުޑާއަކީ ފިހާ ޕާން، ބަނަސް ނުވަތަ ކޭކުގެ ވޮލިއުމް އިތުރުކޮށް، އަދި އޭގެ ޓެކްސްޗާ "ފްލަފީ"ކޮށްލުމަށް ބޭނުންކުރާ ލެވެނާއެކެވެ. އޭގެ ކެމިކަލް ސްޓްރަކްޗާގައި ހިމެނޭނީ އަލްކަލައިން ޕައުޑާއަކާއި، އެސިޑް ސޯލްޓަކާއި ކޯންސްޓާޗް ފަދަ ނިއުޓްރަލް ސްޓާޗެކެވެ.
އެހެން ގޮތަކަށް ބުނާ ނަމަ މިއީ ބޭކިންގް ސޯޑާއާއި، ކްރީމް އޮފް ޓަރޓަރ ފަދަ ބިލްޓް-އިން އެސިޑެއް އެއްކޮށްފައި ހުންނަ ޕައުޑާއެކެވެ. އަދި މޮއިސްޗާ ނުވަތަ ތެތްކަން ނައްތާލުމަށް އެހީތެރިވުމަށް ކޯންސްޓާޗްވެސް އޭގައި ހިމެނެއެވެ.
ބޭކިންގް ރެސިޕީގެ ތެރެއަށް ލިކުއިޑެއް ނުވަތަ ދިޔާ އެއްޗެއް އެޅުމުން ބޭކިންގް ޕައުޑާގައި ހިމެނޭ އެސިޑް އަދި އެލްކަލައިން މާއްދާތައް އެއާ ރިއެކްޓްކޮށް، ކާބަންޑައިއޮކްސައިޑް އުފައްދައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ފިހަމުންދާ ކޭކު ނުވަތަ ޕާން ފުފިލައެވެ.
ބޭކިންގް ޕައުޑާގެ ދެ ވައްތަރެއް ހުންނަކަމަށް ޝާ ބުނެއެވެ. އެއީ ސިންގަލް އެކްޓިންގް އަދި ޑަބަލް އެކްޓިންގް ބޭކިން ޕައުޑާއެވެ.
ސިންގަލް އެކްޓިންގް ބޭކިންގް ޕައުޑާ: މި ވައްތަރުގެ ބޭކިންގް ޕައުޑާ، ބެޓާގަނޑާ މިކްސް ކޮށްލާ ވަގުތު ރިއެކްޓްކުރަން ފަށައެވެ. ސިންގަލް އެކްޓިންގް ބޭކިންގް ޕައުޑާ ބޭނުންކުރުމުގައި ގޮންޖެހުމެއް އޮވެއެވެ--އެއީ ބެޓާގަނޑު އެއްކޮށްލުމާއި ފިހަން ލުމާ ދެމެދު މާ ގިނަ ވަގުތު ހޭދަވެއްޖެނަމަ އޭތި ޑީފްލޭޓްވުމުގެ ނުވަތަ ހިނދުމުގެ ފުރުސަތު އޮތުމެވެ.
ޑަބަލް އެކްޓިންގް ބޭކިންގް ޕައުޑާ: ފަހުން ފިހުމަށް ތައްޔާރުކުރާ ބެޓާގަނޑު ހެދުމަށް މި ވައްތަރުގެ ބޭކިންގް ޕައުޑާ ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ކުކީސް ހަދަން ތައްޔާރުކުރާ ކުކީ ޑޯ އަދި ޕޭންކެކާއި ވޮފްލްސް ފަދަ ތަކެތީގެ ބެޓާ ހެދުމަށް ޑަބަލް އެކްޓިންގް ބޭކިންގް ޕައުޑާ ބޭނުންކުރެވޭނެއެވެ.
ޓިޕް: އެއް ޖޯޑު ފުށަށް ބޭނުންކުރާނީ އެއް ސައިސަމުސާ ބޭކިންގް ޕައުޑާއެވެ.
ބޭކިންގް ޕައުޑާއަކީ ބޭކިންގް ސޯޑާއަށްވުރެ އަވަހަށް ހުސްވާ އިންގްރީޑިއެންޓެކެވެ. އެކަމަކު ބޭކިންގް ޕައުޑާއަކީ އަމިއްލައަށް ތައްޔާރުކުރެވިދާނެ އެއްޗެކެވެ.
އެއް ސައިސަމުސާގެ ބޭކިންގް ޕައުޑާ ތައްޔާރުކުރާނީ ތިރީގައި މިވާ ތަކެތި އެއްކޮށްލައިގެންނެވެ:
- ބައި ސައިސަމުސާ ކްރީމް އޮފް ޓަރޓަރ
- 1/4 ސައިސަމުސާ ބައިކާބަނޭޓް އޮފް ސޯޑާ