މެޑްޓެކް އިން އިތުރު 20 ވެންޓިލޭޓަރު ގެނެސްފި

ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ އޮފީހަށް ގެންދާ ދެ ވެންޓިލޭޓަރު --- ފޮޓޯ : މެޑްޓެކް މޯލްޑިވްސް

މެޑްޓެކް މޯލްޑިވްސް އާ ހަވާލުކޮށްގެން ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ވެންޓިލޭޓަރުތަކުގެ ތެރެއިން އިތުރު 20 އައިސީޔޫ ވެންޓިލޭޓަރު ރާއްޖެ ގެނެސްފި އެވެ.

މެޑްޓެކް އަށް ހަވާލުކޮށްފައި ވަނީ 50 އައިސީޔޫ ވެންޓިލޭޓަރު ގެނައުމަށެވެ. އޭގެ ތެރެއިން ފުރަތަމަ 18 ވެންޓިލޭޓަރު ގެނެސްފައި ވަނީ މެއި މަހުގެ 10 ވަނަ ދުވަހެވެ.

އެ ކުންފުނިން މިރޭ ބުނީ، އަލަށް ގެނެސްފައިވާ 20 ވެންޓިލޭޓަރުގެ ތެރޭގައި ހިމެނެނީ އެމެރިކާގެ ޖީއީ ހެލްތު ކެއާ އާއި ސްވިޓްޒަލޭންޑްގެ އައިއެމްޓީ މެޑިކަލް އިން އުފައްދާފައިވާ ވެންޓިލޭޓަރު ކަމަށެވެ. އެއީ އެމެރިކާގެ އެފްޑީއޭ އެޕްރޫވްޑް އަދި މެޑިކަލް އިއުއިޕްމަންޓް އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ދެ ކުންފުންޏެވެ.

މެޑްޓެކް އިން ގެނައި 20 ވެންޓިލޭޓަރުގެ ތެރެއިން ދެ ވެންޓިލޭޓަރު ޑެލިވާ ކުރާނީ ރާއްޖޭގައި ހުންނަ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ އޮފީހާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އަލަށް ގެނައި ވެންޓިލޭޓާރުތައް ހެލްތު މިނިސްޓްރީއާ ހަވާލުކޮށް، އެ އެއްޗެހި އިންސްޓޯލް ކުރަން ތައްޔާރުވެފައިވާ އިރު، ބާކީ ވެންޓިލޭޓަރުތައް ވެސް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ރާއްޖެ އަށް ގެނެވޭނެ ކަމަށް މެޑްޓެކުން ބުނެ އެވެ. އެގޮތުން އެ ވެންޓިލޭޓަރުތައް މި މަހުގެ މެދުތެރޭގައި ގެނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މެޑްޓެކުގެ އިތުރުން 20 ވެންޓިލޭޓަރު ގެންނައުމަށް ނާޑް މޯލްޑިވްސް އާ ހަވާލު ކުރި އެވެ. އަދި ދުބާއީގެ އެގްޒެކިއުޓާ ޖެނެރަލް ޓްރޭޑިން އަށް 75 ވެންޓިލޭތަރު ގެންނަން ހަވާލުކޮށްފައި ވެއެވެ. ނަމަވެސް މިހާތަނަށް ނާޑުން އެއްވެސް ވެންޓިލޭޓަރެއް ގެނެސްފައެއް ނުވެ އެވެ. އަދި ދުބާއީ ކުންފުންޏަށް ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން 10 ވެންޓިލޭޓަރު ގެނައި ނަމަވެސް، ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭތީ އެ ވެންޓިލޭޓަރުތައް މިހާތަނަށް މިނިސްޓްރީން ބަލައިގެންފައި ނުވާ ކަމަށް ވެއެވެ.

comment ކޮމެންޓް