ފުލުހުންގެ ބިލަށް ހިޔާލު ހޯދާ ބައްދަލުވުމުގައި އިހުތިޖާޖުކުރަނީ

ފުލުހުންގެ ބިލަށް ހިޔާލު ހޯދަން ބޭއްވި ބައްދަލުވުމުގައި ޖިންސީ އަނިޔާއާ ދެކޮޅަށް އާންމުން އިހުތިޖާޖު ކުރަނީ--

ފުލުހުންގެ ބިލަށް ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމަށް ވަދެ ތިބި އާންމުން ޖިންސީ ގޯނާއާ ދެކޮޅަށް އިހުތިޖާޖުކޮށްފި އެވެ.

އެ ބައްދަލުވުމުގައި ތިބި އާންމުން އިހުތިޖާޖުކުރީ ރޭޕު ކުރުމާއި ޖިންސީ އަނިޔާއާ ދެކޮޅަށް ހިޔާލު ފާޅުކުރާ މެސެޖުތަކެއް ލިޔެފައިވާ ގަނޑުތަކެއް ހިފަހައްޓައިގެން ތިބެ އެވެ.

ޖިންސީ އަނިޔާއާ ދެކޮޅަށް އެ ބައްދަލުވުމުގައި އާންމުން ހިޔާލު ފާޅުކުރީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފަހު އެމީހުން ބަންދުން ދޫކޮށްލުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މިދިޔަ ހޯމަ ދުވަހު ގިނަ އަދަދެއްގެ އާންމުން ވަނީ ޖެންޑާ މިނިސްޓްރީ ކުރިމަތީގައި މުޒާހަރާއެއް ވެސް ކޮށްފަ އެވެ.

މިރޭ މަޖިލީހުގައި ފުލުހުންގެ ބިލަށް ހިޔާލު ހޯދަން ބޭއްވި ބައްދަލުވުމުގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވަޑައިގެންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އަދި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު އެވެ.

އެ ބައްދަލުވުމުގައި ހިޔާލު ހުށަހެޅި އާންމުން ވަނީ ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ފުލުހުންގެ ބިލުގައި ހިމަނަން ފެންނަ މުހިންމު ކަންތައްތައް ފާހަގަކޮށްފަ އެވެ.

comment ކޮމެންޓް